ޑިވެލޮޕްމެންޓް ބޭންކުގެ ލައިސަންސަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް މިއަދު ހުށަހަޅާނެ ކަަމަށް އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރި އާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމުގެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިގުތިސޯދު ސިންދަފާތު ކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ސަޢީދު ވިދާޅުވެފައި ވަނީ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ކުރަން ޖެހޭ ހުރިހާ ދިރާސާއެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓާކުރެވި، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ބޮޑެތި ބޭންކުތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ބޭންކުގެ ބޯޑަށް ނަގާފައިވާކަން ސަޢީދު ފާހަގަކުރެއްވި އެވެ.
އިގުތިސޯދީ ވަޒީރު ވިދާޅުވި ގޮތުގައި އެކަމަށް ބިޒްނަސް ޕްލޭނެއް ހެދިފައިވާ ކަމަށާއި ވަރަށް ވަރުގަދަ ފީސިބިލް ސްޓަޑީއެއް ވެސް ހެދިފައިވާ ކަމުގަ އެވެ. އެކަން ކޮށްފައިވަނީ ރާއްޖޭގައި އެންމެ ފާހަގަކުރެވޭ ހަތަރު އޮޑިޓަރުންނާ ހަވާލުކޮށްގެން ކަމަށް ސަޢީދު ވިދާޅުވި އެވެ.
"މިހާރު ކުންފުނި އިންކޯޕަރޭޓް ކުރެވި، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި އިރާދަކުރެއްވިއްޔާ މާދަމާ އެމްއެމްއޭއަށް ލައިސަންސް ހޯދުމަށްޓަކައި ދާނެ،" ރޭ ގެނެސްދިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކަށް ބޭނުންވާ ލައިސަންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޭންކް ހިންގުމަށް ހަމަޖެހިފައިވާ އިމާރާތް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވި އެވެ. ފުރަތަމަ ބޭންކް ހުޅުވަން ލަފާކުރީ މި ޖުލައި މަހުގެ ތެރޭގައިކަން ފާހަގަކުރައްވާ ސަޢީދު ވިދާޅުވީ މަސައްކަތްދާ ގޮތުން މިހާރު އުންމީދުކުރަނީ ފެށޭ މަހު ޑިވެލޮޕްމަންޓް ބޭންކް ވުޖޫދު ކުރެވޭނެ ކަމަށެވެ.
"އަވަސް އަރުވާލާފައި މިކަން ނުކޮށް ހަމަ ފެންވަރު ރަނގަޅު ބޭފުޅުން ވެސް ހޯދައިގެން މިކަން ކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރާތީ ކުދިކުދި ލަސްތައް މި ވަނީ،" މަސައްކަތުގެ ތެރެއިން ގޮންޖެހުން އަންނަ ކަމަށްވާ ނަމަ ކުދިކުދި ޑިލޭ އައިސްފާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވި އެވެ.
ސަޢީދު ވިދާޅުވެފައި ވަނީ ޑިވެލޮޕްމަންޓް ބޭންކް ހިންގަން ސީއީއޯއެއް ހޯދުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރެވޭ ޕޭޕަރެއްގައި މިއަދު އިއުލާނު ކުރާނެ ކަމަށެވެ. އެކަމަށް ހޯދާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަރާތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.