އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާކުރާ ތާރީހު އިތުރު 1 އަހަރަށް ދަންމާލައިފި
އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި މަނާކުރާ ތާރީހަށް އެއް އަހަރު އިތުރުކޮށް، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ލިސްޓު އަލުން ކަނޑައަޅުއްވައިފި އެވެ.
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ލިސްޓަށް ބަދަލު ގެންނަވައި އަލުން ލިސްޓު ކަނޑައަޅުއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރެއްގަ އެވެ.
ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއު ކުރި އެ ގަރާރުގައި ވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން ގަރާރުގައި ހިމެނޭ 14 ބާވަތުގެ ތަކެއްޗަކީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅައި، އެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި ކަނޑައަޅާފަ އެވެ.
މި ގަރާރު އެކަށައެޅުމާ އެކު، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން މީގެކުރިން ކަނޑައަޅާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާ އަދި ބާޒާރަށް ނެރުމާ ގުޅޭގޮތުން ކުރިން ކަނޑައަޅާފައިވާ ގޮތް ވަނީ ބާތިލުވެފަ އެވެ.
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ލިސްޓަށް ބަދަލު ގެނެސް ލިސްޓު އެންމެފަހުން ކަނޑައަޅާފައި ވަނީ މީގެ އަށް މަސް ދުވަސް ކުރިންނެވެ. އެ ލިސްޓުގައި އެއް ލީޓަރާއި އެއަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްފައިވާ ފެން ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާ ކުރާ ތާރީހަކަށް ދީފައި ވަނީ މިއަދެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ސައިޒުތަކުގެ ފުޅީގައި ފެން ބަންދުކޮށްގެން ބާޒާރަށް ނެރުން މަނާވާނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
އެހެން ނަމަވެސް ބުދަ ދުވަހު ނެރުނު ގަރާރުގައި ވަނީ އެއް ލީޓަރާއި އެއަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުމާއި އުފެއްދުމާ އަދި ބާޒާރަށް ނެރެވޭނެ ތާރީހުތަކަށް އިތުރު އެއް އަހަރު އިތުރުކޮށްފައިވާ ކަމަށެވެ. އެ ސައިޒުގެ ފުޅި އެތެރެކުރުމާއި އުފެއްދޭނެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށެވެ. އަދި 2026 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ ސައިޒުގެ ފެން ފުޅި ބާޒާރަށް ނެރެވޭނެ އެވެ.
ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނާއި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައިވާއިރު، ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު ރައީސްއަށް ވަނީ ލިބިދީފަ އެެވެ.