ޚަބަރު އިޖުތިމާޢީ

އަންހެނުންނަށް ހާއްސަކުރި 100 މިލިއަނުގެ ލޯނަށް 216 އެޕްލިކޭޝަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސޯޝަލް މިނިސްޓަރު އާއިޝަތު: ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމަށްދޭ ލޯނުގެ 25 އިންސައްތަ ކަނޑައަޅާފައި ވާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް / ފޮޓޯ:ސޯޝަލް މިނިސްޓްރީ

އަންހެނުން ބާރުވެރި ކުރުވުމަށް ތައާރަފުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމަސް 216 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދައުލަތުގެ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާއިޝަތު ވިދާޅުވީ މި ސްކީމަށް ހުރިހާ އަތޮޅަކުން އަންހެނުން ކުރިމަތިލި ކަމަށެވެ. ލޯނުގެ 25 އިންސައްތަ ކަނޑައަޅާފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށް އާއިޝަތު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަށްވާއިރު، މިއީ އަންހެނުންނަކީ ފުދުންތެރި، އަމިއްލަ މަސައްކަތުން އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމުގަ އެވެ.

ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެ މަސައްކަތުގައި އުޅުނު ބައެއްކަން ފާހަގަކުރައްވާ އާއިޝަތު ވިދާޅުވެފައި ވަނީ އާމްދަނީ ލިބޭ މަސައްކަތެއްކޮށް، ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވުމަކީ ދިވެހި އަންހެނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ޒަމާން ބަދަލުވެ، މިހާރު ގޭތެރެ ތިބެގެން ކުރާ ތަފާތު މަސައްކަތްތައް ވެސް އަންހެނުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަން މިހެން އޮތުމާ އެކު، ގިނަ އަންހެނުންގެ ކަންބޮޑުވުމަކަށްވެފައި އޮތީ ލޯނު ނަގާއިރު ބޭންކުގައި ކޮލަޓެރެލްއެއް ބަހައްޓަން ޖެހުމެވެ. އެހެންކަމުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ މި ލޯނު ސްކީމް ފަރުމާކޮށްފައި ވަނީ އެއްވެސް ކޮލަޓެރެލްއަކާ ނުލައި ފަސޭހަކަމާ އެކު ލޯނު ލިބޭނެ ގޮތަށް ކަމަށް އާއިޝަތު ވިދާޅުވި އެވެ.

އިޖުތިމާއީ އަދި އާއިލީ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ހިއްސާކުރައްވާ ވާހަކަ ދައްކަވަމުން އާއިޝަތު ވަނީ މި މަސައްކަތުގައި ވެސް އިންކްލޫސިވް ސޮސައިޓީއެއް ބިނާކުރަން ބާރު އެޅުމުގެ ނިޔަތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ލޯނު ސްކީމުގެ 25 އިންސައްތަ ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ.

ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލޯނު ލިބޭ ހިސާބުން ފައިސާ ގެންގުޅޭނެ ގޮތް ކިޔައިދީ، ގާތުން ބަލާނެ ކަމަށް އެސްޑީއެފްސީން ބުނެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފު ކުރުން ކަމަށާއި އެ ފެސިލިޓީ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައަޅުއްވާނެ ކަމަށް މިދިޔަ މެއި މަހު ހާމަކުރައްވާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!