ޚަބަރު ރައްޔިތުންގެ މަޖިލިސް

ތެޔޮ ގަންނަން ހަފުތާއަކު 100 މިލިއަން ހަރަދުވޭ، ފައިސާ ދައްކަނީ ޑޮލަރުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޝަފީގާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިން / ފޮޓޯ:މަޖިލިސް

އެވްރެޖުކޮށް ހަފުތާއަކު 100 މިލިއަން ރުފިޔާ ތެޔޮ ބިލުތައް ދެއްކުމަށް ހޯދަން ޖެހޭ ކަމަށާއި އެކަން ކުރަން ޖެހެނީ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ފިނޭންސް މިނިސްޓްރީން އަޅަން ނިންމާފައިވާ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަފީގު ވިދާޅުވީ ދައުލަތުން ކުރަން ޖެހޭ ހޭދަތަކުގެ ތެރެއިން ދަރަންޏަށް ކުރާ ހޭދައަށް ފަހު އެންމެ ބޮޑު ހަރަދެއް ކުރަން ޖެހޭ އެކައްޗަކީ ތެޔޮ ކަމަށެވެ.

"އެވްރެޖްކޮށް ހަފުތާއަކު 100 މިލިއަން ރުފިޔާ އަޅުގަނޑުމެން އެބަ ހޯދަން ޖެހޭ ފިއުލް ބިލު ދެއްކުމަށް ޓަކައި. ފިއުލް ބިލު ދައްކަން މި ޖެހެނީ ރިޒާވް ބޭނުންކޮށްގެން، ޑޮލަރުން ހަދަން ޖެހޭ ޕޭމަންޓެއް އެއީ،" ޝަފީގު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްހީ ފަރުވާގެ ގޮތުގައި ރާއްޖޭން ބޭރުން ހޯދާ ހިދުމަތްތަކަށް ވެސް ގިނަ އަދަދެއްގެ ބޭރު ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެހެންކަމުން ބޭރު ފައިސާ ލިބޭނެ ގޮތްތައް މިހާރުން މިހާރަށް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އަލަށް ނަގާ ފީތައް ބައްޓަން ކުރެވޭނީ އެ އަމާޒު ހާސިލު ކުރެވޭނެ ގޮތަށް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރެވި، ގޮތް ނިންމާނީ މުޖުތަމައަށް އެންމެ ފައިދާހުރި ގޮތަށް ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!