ޚަބަރު އިޖުތިމާޢީ

ހޯމަ އާ ހަމައަށް ކަނޑުތައް ގަދަވާނެ، ދަތުރު ކުރުމުގައި ސަމާލުވޭ!

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެތީ ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:ދެން އިމޭޖެސް

އަންނަ ހަފުތާގެ ހޯމަ ދުވަހާ އާ ހަމައަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފި އެވެ.

Ads by MWSC

"ދެން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މީޓިއޮރޮލޮޖިސްޓް ނަސޫހް އިސްމާއިލް ވިދާޅުވީ މުޅި ރާއްޖެއަށް ވެސް މިއަދު ވައިގަދަވާނެ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް ވަރަށް ބޮޑަށް ވައިގަދަވާނެ ކަމަށެވެ.

މިއަދަކީ ވައިގަދަވާނެ އެއް ދުވަހަށް ވާނެކަން ފާހަގަކުރައްވާ ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. ވުމާ އެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ނެރެން ފެށި ޔެލޯ އެލާޓް މިއަދުގެ މެންދުރުފަހު 1:00 އާ ހަމައަށް މެޓް އޮފީހުން މިހާރު ވަނީ ދަންމާލާފަ އެވެ. އެ އިދާރާއިން ލަފާކުރަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށެވެ.

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަނޑިއަކު 45 -50 މޭލަށް ވައިގަދަވާނެ އެވެ. އަދި ބޯކޮށް ވާރޭވެހި، ގުގުރާނެ އެވެ.

ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، ރާޅުތައް އުސްވާނެތީވެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ. އުތުރާއި މެދުރާއްޖެ ތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 7 - 9 ފޫޓާ ދެމެދުގަ އެވެ. ދެކުނުގައި ރާޅުގެ އުސްމިން ހުރީ 5 - 7 ފޫޓާ ދެމެދުގަ އެވެ. ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާ ކުރަނީ 10:00 ގަ އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ވައި ވަރަށް ގަދަވާނެތީ ބްރިޖުން ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ނަސޫހް ވިދާޅުވި ގޮތުގައި ކަނޑުތައް ކޮންމެވެސް ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެނީ ހޯމަ ދުވަހުގެ ފަހުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!