ޚަބަރު ދީން

އޮޅުވާލަން އުޅުނަސް ގުދުސަކީ މުސްލިމުންގެ ބިމެއް: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުތުބާގައި ބުނީ ގުދުސަކީ ފަލަސްތީން މީހުންގެ ބިމަކަށްވާއިރު، ބިން މިނިވަން ކުރުމަށް އެންމެހާ މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް / ފޮޓޯ:އޭއެފްޕީ

ގުދުސަކީ ޔަހޫދީންގެ ތަނެއް ނޫން ކަމަށާއި އެއީ ފަލަސްތީން މީހުންގެ ބިމަކަށްވާއިރު، ބިން މިނިވަން ކުރުމަށް އެންމެހާ މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by Hajj Corporation

ފަލަސްތީނާއި މުސްލިމުންގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ފަލަސްތީނުގެ މައްސަލައަކީ މުސްލިމުންގެ އަގީދާ އާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. ބަޔަކު ކިތަންމެ ވަރަކަށް އޮޅުވާލާން އުޅުނަސް، ފަލަސްތީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު އޮޅުވާ ނުލެވޭނެ ކަމަށެވެ.

ފަލަސްތީނުގެ ގާޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކަކީ މި ފަހުގެ ތާރީހުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރި ކަމެކެވެ. މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ހަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދު ވަމުންދެ އެވެ. މި ހަފުތާ އާ ހަމައަށް ސާޅީސް ހާހަށް ވުރެ ގިނަ މުސްލިމުން ގާޒާގައި ޝަހީދު ކޮށްލާފައިވާއިރު، މިއަދު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފަ އެވެ.

ރަސޫލާ ވަނީ މުސްލިމުން ބައިތުލްމަގްދިސް ފަތަހަ ކުރާނެ ކަމުގެ އުފާވެރި ހަބަރު ދެއްވާފަ އެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ގިޔާމަތް ވުމުގެ ކުރިން ހަ ކަމެއް ހިނގާނެތެވެ. އޭގެތެރޭގައި ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި ބައިތުލްމަގްދިސް ފަތަހަ ކުރުންވެ އެވެ."

ހުކުރު ހުތުބާގައި ބުނެފައި ވަނީ ފަލަސްތީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްތީނު މީހުންގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި އަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށެވެ. އެކަމަކު އެއީ ހުރިހާ މުސްލިމުންގެ ގަޒިއްޔާއެއް ކަމަށެވެ. މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށް އެންމެހާ މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށެވެ. އެމީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށެވެ.

ގުދުސަކީ ޔަހޫދީންގެ ރަށެއް ނޫނެވެ. އެބިމުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަރަބިކަރައިގެ ކަންއާނީ ގަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުންނެވެ. އަރަބީން މި ބިމުގައި ދިރިއުޅެމުން ދަނިކޮށް ބަނީ އިސްރާއީލު ބާގައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޒާ ދަރިކޮޅުގެ މީހުން މި ބިމަށް އައިސް ބަނޑަހަ ޖެހީ އެވެ. މި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަގްސާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތާލުމުގެ ނުބައި މަގުސަދުގައި ހިންގަމުންދާ ޖަރީމާއެކެވެ. އެއީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކާއި ގަރާރުތަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ އުދުވާނެކެވެ.

ގުދުސުގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއްކަން ފާހަގަކޮށް މިއަދު ހުތުބާގައި ބުނި ގޮތުގައި އެއީ މުސްލިމުންގެ ބިމެއް ކަމުގަ އެވެ. މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ގުދުސްގެ ނަން މެނުވީ ނޭނގޭ ކަމަށާއި ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރި އާއި މީޑިއާގެ ޒަރީއާއިން އެއީ ޔަހޫދީންގެ ބިމެއް ކަމުގައި ސާބިތު ކޮށްދެވޭތޯ މަސައްކަތްކުރި ނަމަވެސް، އެއީ ހަމަ މުސްލިމުންގެ ބިމެއް ކަމުގަ އެވެ. ފަލަސްތީނު މީހުންގެ ބިމެއް ކަމުގަ އެވެ.

ދުނިޔޭގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ އަދަދު މިއަދު މި ވަނީ، ދެ ބިލިއަނަށް އަރާފަ އެވެ. ޔަހޫދީންގެ އަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިއަނެވެ. ސުވާލަކީ، މިފަދަ މަދު ޔަހޫދީން ކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުގައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުން ހެއްޔެވެ؟

އިސްލާމީ އުންމަތަށް ކުރިން ލިބުނު އިއްޒަތާއި ކަރާމާތް ލިބޭހުށީ، ކީރިތި ގުރްއާނާއި ރަސޫލާގެ ތާހިރު ސުންނަތަށް ރުޖޫއަވެ، ދީނުގައި އަންގަވާފައިވާ ގޮތުގައި ސާބިތުވެ ތިބެގެންކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!