ޚަބަރު އިޖުތިމާޢީ

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމެއް ގާއިމުކުރަން ދިރާސާއެއް ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމެއް ގާއިމުކުރަން ދިރާސާއެއް ފެށުމަށް ފަހުމުނާމާގައި ސޮއިކުރަނީ / ފޮޓޯ:އެމްޑަބްލިއުއެސްސީ

ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ގާއިމުކުރުމުގެ ދިރާސާއެއް ފެށުމަށް މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ފްލޯޝަން އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

Ads by STELCO

އިއްޔެ އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ފްލޯޝަންގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު، އަލެގްޒަންޑަ ފުލެސަން އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

އެމްޑަބްލިއުއެސްސީ އާއި ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރުއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދާނެ އެވެ. އަދި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ދެނެގަންނާނެ އެވެ. އޭގެ އިތުރުން، މިގޮތަށް ފެން އުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ދިރާސާގައި އެމްޑަބްލިއުއެސްސީގެ މައިގަނޑު ދައުރަކަށް ވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެމްޑަބްލިއުއެސްސީން ބުނީ ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވާއިރު، މި ދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީ އާއި ފެނުގެ ޑިމާންޑާ އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކާކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރު ކުރެވޭނެ އާ އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ސާފު ރައްކާތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ގާއިމުކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތަ އާއި އެކަމަށް ހޭދަކުރެވޭ ހަރަދު ކުޑަކުރެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ އާ ބެހޭ ސިޔާސަތުތަކާއި އ.ދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަގުފަހިވެގެންދާނެ އެވެ. ހަމަ އެއާއެކު، ގައުމީ ފެންވަރުގައި ރައްކާތެރި ބޯފެން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖުތިމާއީ އަދި އިގުތިސޯދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. އިތުރަށް ބުނެފައި ވަނީ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލު ކުރުމަށް ވެސް މި ނިޒާމު މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!