ޕީޖީ ޝަމީމް މިއަދު ކޮމިޓީއަށް، އެދިވަޑައިގަތީ ލައިވް ކުރަން
ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާ މިއަދު ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ލައިވް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ޝަމީމް ވަކިކުރަން އެ ކޮމިޓީއަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. ކޮމިޓީން ނިންމާފައި ވަނީ ޝަމީމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި އެއަށްފަހު ލިޔެކިޔުންތަކާ އެކު ކޮމިޓީއަށް ހާޒިރުވާން އަންގާށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ޝަމީމް ހާޒިރުވެވަޑައިގަންނަވާނެ ކަމުގަ އެވެ. ހެނދުނު 10:30 އަށް ތާވަލުކޮށްފައިވާ ކޮމިޓީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ޝަމީމް ވަކިކުރަން ޖެހޭ އަށް ސަބަބެއް ބަަޔާންކޮށް، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝާޑު ވަނީ އިއްވާފަ އެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތައް:
- އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކޮށް އަދި އެ މައްސަލަ ފައިލްކުރުން
- ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުން
- ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން
- ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން
- ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
- ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރަން ނިންމުން
- ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުން
- ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލަ