ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓާޝަރީ ހޮސްޕިޓަލް އަޅަން ވިލިމާލެ ހޮސްޕިޓަލް ހުރި ބިން ހުސްކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވިލިމާލެ މަތިން ނަގާފައި: ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ

ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ވިލިމާލެ ހޮސްޕިޓަލް މިހާރު ހުރި ބިން ހުސްކުރަން ނިންމައިފި އެވެ.

Ads by Hajj Corporation

ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ފީސިބިލިޓީ ހަދަން އެ ގައުމުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން ވިލިމާލެ ހޮސްޕިޓަލް ހިންގާ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ހިނގަމުން އަންނަ ކަމަށެވެ.

ފާއިތުވެދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ޗައިނާ ސަރުކާރުގެ ފަރާތުން ސިޑްކާ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ހެލްތު މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އެ ގްރޫޕާ އަދި ވިލިމާލެ ހޮސްޕިޓަލުގެ ޓީމާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން މަޝްރޫއުގެ ފީސިބިލީ ސްޓަޑީގެ ސާވޭގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި އަހަރުގެ ނިޔަލަށް ކޮންޓްރެކްޓާ ހަމައަށް ދެވި، އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް،" އަބްދުއްރައްޒާގް ވިދާޅުވި އެވެ.

ވިދާޅުވީ އިސްރަށްވެހިންނަށް ފަރުވާ ދެވޭ ތަނެއްގެ ގޮތުގައި ހާއްސަ ކުރެވިގެންދާ މި ހޮސްޕިޓަލް އެޅުމަށް ވިލިމާލެ ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ޓާޝަރީ ހޮސްޕިޓަލް އަޅަން ހަމަޖެހިފައި ވަނީ ބޭނުން ކުރަމުންދާ ހޮސްޕިޓަލް ހުރި ބިމުގައި ކަމަށްވާތީ ކަމަށެވެ.

"ވިލިމާލެ ހޮސްޕިޓަލުން ސިއްހީ ހިދުމަތް ނުލިބޭ ގޮތަކަށް އަޅުގަނޑުމެންނަށް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެވޭނެ. އެހެންވީމާ ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކޮށްގެން އެހެން ތަނަކަށް މިހާރު ހުރި ސެޓަޕް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ރާވާފައި،" އަބްދުއްރައްޒާގް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ވިލިމާލެ ހޮސްޕިޓަލުގައި ދަތުގެ ހިދުމަތް ފުޅާކުރުމަށް ޑެންޓަލް ޗެއާއެެއް ގާއިމުކުރެވިފައިވާ ކަމުގަ އެވެ. އެކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ފަހު، އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ވިލިމާލޭގައި އަލަށް ތައާރަފު ކުރެވި އެ ހިދުމަތް ފެށިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ވިލިމާލެ އާއި މާލެ އާ ދޭތެރޭގައި ބަލި މީހުން އުފުލުމަށް މީގެ ކުރިން ކުރިމަތިވި ދައްޗަށް ހައްލު ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ. ސީއެމްބިއުލާންސް ނުލިބުމުން ފެރީގައި ވެސް މީހުން އުފުލަން ޖެހުނުކަން ފާހަގަކުރައްވާ ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުން ސީއެމްބިއުލާންސްގެ ހިދުމަތް މިދިޔަ ޖެނުއަރީ މަހު ފަށާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!