ޚަބަރު

ޖަވާބުދާރީވާން ޗެނަލް13 އަށް ދެވަނަ ފުރުސަތެއް ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗެނަލް13 އިން ލައިވްކޮށް ދެއްކި ޕްރޮގްރާމަކަށް ގުޅި މީހަކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަށިކޮޅުގައި "އަލިފާން ޖަހަން" ގޮވާލި މައްސަލައިގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް ޖަވާބުދާރީވާން ދެވަނަ ފުރުސަތެއް ދީފިއެވެ.

Ads by Sosun Fihaara

މިދިޔަ ބުރާސްފަތި ދުވަހު އެޗެނަލުން ދެއްކި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި މީހަކު ވަނީ ރައީސް ޞާލިޙުގެ ހަށިކޮޅުގައި "އަލިފާން ޖަހަން" ގޮވާލާފައެވެ. އެމީހާ އެހެން ބުނާ ވީޑިއޯ ކްލިޕެއް ވަނީ މީސްމީޑިއާ ގައި ހަލުވިކަމާއެކު ދައުރުވެފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ވަނީ އުމުރުން 47 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި 15 ދުވަހުގެ ބަންދުގެ މުއްދަތެއްގައި އެމީހާގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްރޮގްރާމަށް ގުޅި މީހާ ފާޅުކުރީ އެމީހާގެ އަމިއްލަ ޚިޔާލު ކަމަށާއި ޓެރަރިޒަމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލަކަށް އެޗެނަލުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހާގެ ކޯލު އެވަގުތު ކަނޑާލި ކަމަށް ވެސް ބަޔާނުގައިވެއެވެ.

ބްރާޑްކާސްޓިންގ ކޮމިޝަނުން މިމައްސަލަ ބަލަމުން އަންނައިރު، އެކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ އޮންލައިން ނޫސް "މިހާރު" އަށް ވިދާޅުވެފައިވަނީ ޖަވާބުދާރީވާން ޗެނަލް13 އަށް އެ ކޮމިޝަނުން ފުރަތަމަ ދިން ފުރުސަތުގައި އެކަމަށް އުޒުރުވެރި ވުމުން އިއްޔެ ވަނީ ދެވަނަ ފުރުސަތެއް ވެސް ދީފަައި ކަމަށެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ، މިކަމުގައި ފުލުހުންނާއި ބްރޯޑްކޮމް އިން ކުރަނީ ދެ މަސައްކަތެއް ކަމަށެވެ. އެގޮތުން ފުލުހުން ބަލަނީ އެޕްރޮގްރާމަށް ގުޅާފައި، ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި މީހާގެ މައްސަލަ ކަމަށާއި ނަމަވެސް އެކޮމިޝަނުން ބަލަނީ ވާހަކަ އޮންއެއާ ވި ގޮތް ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!