މުނިފޫހިފިލުވުން ދިވެހި ސިނަމާ

ކަމަނާ: އަހަރުގެ ބޮޑު ފިލްމު، އައްޒަގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކަމަނާގެ ބަތަލާ މަރިޔަމް އައްޒަ. މި ފިލްމަކީ އޭނާގެ އެންމެ ކާމިޔާބު ފިލްމަށް ވުން އެކަށީގެންވޭ

މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުންދާ "ކަމަނާ" ގެ 17 ޝޯވ އޮލިމްޕަހުގައި ހައުސްފުލްވެ، ފިލްމަށް އޮތް ޑިމާންޑު ބޮޑުވެއްޖެ އެވެ.

Ads by MWSC

ފިލްމު ޕްރޮޑިއުސްކޮށްފައިވާ ސެޓާން ސްޓޫޑިއޯއިން ބުނެފައިވާ ގޮތުން ފިލްމަށް އޮތް ޑިމާންޑު ބޮޑުވުމުން އޮންލައިންކޮށް ޓިކެޓު ބުކް ކުރުން އިއްޔެއިން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. އަދި މިހާރު ޓިކެޓު ވިއްކަނީ ހަމައެކަނި އޮލިމްޕަސް ޓިކެޓު ކައުންޓަރުންނެވެ.

މީގެ އިތުރުން ފިލްމު ބަލަން ބޭނުންވާ މީހުން އިތުރުވުމުގެ ސަބަބުން ދަންވަރު ޝޯތަކެއް ބާއްވަންވެސް ވަނީ އިއުލާން ކޮށްފަ އެވެ. މިމަހުގެ 27 ވަނަ ދުވަހު "ކަމަނާ" ޕްރިމިއާ ކުރުމުގެ ކުރިން 14 ޝޯވ ވަނީ ހައުސްފުލް ވެފަ އެވެ. މިއީ ފިލްމެއް އެޅުވުމުގެ ކުރިން މި އަދަދަށް ޝޯތައް ފުލްކުރި ފުރަތަމަ ފަހަރެވެ.

"ކަމަނާ" ގެ ލީޑް ރޯލުން ފެންނަނީ މަރިޔަމް އައްޒަ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މީގެ އިތުރުން ފާތިމަތު ރަޝްފާ (އާާޝާ)، ނަތާޝާ ޖަލީލު، މުހައްމަދު ރަޝީދު، މުހައްމަދު މަނިކުވެސް މުހިންމު ރޯލުތަކުން ފެނިގެން ދެއެވެ.

ފިލްމު ކަމަނާގެ ޕޯސްޓަރެއް. މިފިލްމުގެ ޑިމާންޑު ބޮޑުވެ އޮންލައިންކޮށް ޓިކެޓު ވިއްކުން ވަނީ ހުއްޓާލާފައި.

އައްޒަގެ އެންމެ ކާމިޔާބު ފިލްމަކީ 2017 ވަނަ އަހަރު ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓު ކުރި "ބޮސް" އެވެ. މި ފިލްމުގެ 30 ޝޯ އޮލިމްޕަސް ސިނަމާގައި ދެއްކި އެވެ. ހައުސްފުލް ޝޯތަކުގެ އަދަދު ކަށަވަރެއް ނޫނެވެ. މީގެ އިތުރުން އަތޮޅު ތެރޭގައިވެސް 100 އަށްވުރެއް ގިނަ ޝޯވ ދެއްކި އެވެ.

"ބޮސް" ގެ މި ރެކޯޑު "ކަމަނާ" މުގުރައިލާނެކަމަށް ބެލެވެ އެވެ. މިހާރުވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކުގައިވެސް ފިލްމު އަޅުވަން ޓިކެޓު ވިއްކަމުން ދާއިރު މުޅި ރާއްޖެއިން މި ފިލްމަށް އޮތް ޑިމާންޑު ވަރަށް ބޮޑެވެ.

މި އަހަރުގެ މިހާތަނަށް ފަސް ފިލްމެއް އޮލިމްޕަހުގައި އަޅުވާފައިވާއިރު "ކަމަނާ" އަކީ އެންމެ ބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ފިލްމެވެ. މިއީ އަންހެނަކަަށް ލިބޭ ގެވެށި އަނިޔާގެ ވާހަކަ ކިޔައިދޭ އަސަރުގަދަ ފިލްމެކެވެ.

ފިލްމު ޑައިރެކްޓު ކުރީ މީގެ ކުރިން އެވޯޑު ހޯދި ފިލްމެއް ކަމުގަވާ "ސަޒާ" ވެސް ޑައިރެކްޓު ކުރި ހުސައިން މުނައްވަރު (ކިޑޫ) އެވެ. ފިލްމުވެ ވާހަކަ ލިޔުނީ އޭނާގެ އަންހެނުން ރިޝްފާ އެވެ. ސްކްރީންޕްލޭ ތައްޔާރު ކުރީ މަޝްހޫރު ލިޔުންތެރިޔާ މަހުދީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!