ދީން

މުސްކުޅިވުމުގެ ކުރިން ހައްޖު ކުރުން އިސްކުރަންވީ ކީއްވެ؟

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒުވާން އުމުރުގައި ހައްޖުގެ އަޅުކަން އަދާކުރުމުން ގިނަގުނަ ފައިދާތަކެއް ލިބިދޭ / ފޮޓޯ:ރީނާ

ޒުވާންއިރާއި މުސްކުޅިއިރުގައި ހައްޖު ކުރުމުގައި ވަކިވަކި ފައިދާތަކެއް ހުންނާނެ އެވެ. ނަމަވެސް ޒުވާން އުމުރުގައި މި އަޅުކަން އަދާ ކުރެވުމަކީ އަދި މުޅިން ތަފާތު ފައިދާތަކެއް އެކަމުގައި ހިމެނޭ ކަމެކެވެ.

Ads by Hajj Corporation

އެހެންކަމުން ޒުވާންއިރުގައި ހައްޖު ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާލަމާތޯ އެވެ.

ޖިސްމާނީ އަދި ރޫހާނީ ބާރު ގަދަވުން

ޒުވާންއިރުގައި ކޮންމެ މީހެއްގެ ޖިސްމާނީ ހަކަތަ އިތުރުވުން:

ޒުވާންއިރުގައި ހަށިގަނޑުގެ ހަކަތަ އާއި އާރާއި ބާރަކީ ކޮންމެ މީހެއްގެ ވެސް އިތުރު އެއްޗެކެވެ. ހައްޖުގެ މަނާސިކުގައި އުޅޭއިރު ކުރެވޭ އެކި އަޅުކަންކަމުގެ ތެރޭގައި ކުރެވޭ ބައެއް ކަންކަމަކީ ޖިސްމާނީ ބާރު ހުރެގެން އެ ކަންކަން އިތުރަށް ރަނގަޅުކޮށް ފުރިހަމަ ކުރެވޭނެ ކަންކަމެވެ.

ޒުވާން އުމުރުގައި ރޫހާނީ ކަންކަން ބަލައިގަތުން ކައިރި

ޒުވާން އުމުރުގައި މީހާގެ ހިތް މާ ބޮނޑަށް މަޑުމޮޅިވެ އަދި ކަންކަން ގަބޫލު ކުރާނެ އެވެ. އެފަދައިން ރަނގަޅު ގޮތުގައި ހިތް އެކަމަށްދީގެން، ހިތް ގަބޫލު ކުރާ ހާލު ކޮންމެ އަޅުކަމެއް ވެސް ކުރެވިއްޖެ ނަމަ އަޅުކަމުގެ އަސަރު ވެސް ރޫހާއި ޖާނުން މުޅި އުމުރު ދުވަހަށް ފެންނަން ހުންނަވަރު ބޮޑުކަން ފާހަގަ ކުރެވެ އެވެ.

މީހާގެ މުސްތަގުބަލަށް ޓަކައި ކުރެވޭ ރަނގަޅު ވިޔަފާރިއެއް

އާހިރަތަށް ޓަކައި ކުރެވޭ ރަނގަޅު ތައްޔާރީއެއް:

ޒުވާންއިރު ހައްޖުވުމަކީ އާހިރަތުގެ ދަތުރަށް ރަނގަޅަށް ތައްޔާރުވުމުގެ ގޮތުންނާ އަދި އިންސާނާ އެކަމަކަށް ތައްޔާރުވަމުންދާ އުހްރަވީ ހަޔާތަށްޓަކައި ކުރެވޭ ވަރަށް ހެޔޮ އަދި އެހާމެ ބޮޑު މާއްދީ އަދި ރޫހާނީ ހޭދަ އެކެވެ. 

ހަޔާތުގެ މިސްރާބާއި އަމާޒު ރަނގަޅު ކޮށްދެނިވި ކަމެއް:

ރަނގަޅު ގޮތުގައި ވެވޭ ހައްޖުގެ އަޅުކަމުން އިންސާނާގެ ދިރިއުޅުމުގެ ހަޔާތަށް އެތައް ފިލާވަޅުތަކެއް ލިއްބައިދެ އެވެ. އެހެންކަމުން އެ ކަންކަން ޒުވާން އުމުރުގައި ދެނެގަނެވިއްޖެ ނަމަ ދުނިޔޭގައި އުޅުމުގެ މަގުސަދާއި އެ ކަންކަމައިގެން އުޅެންވީ ގޮތް ވިސްނުމަށް މަގުފަހިވެ އެވެ.

އިޖުތިމާއީ އަދި މާއްދީ ބައެއް ފައިދާތައް

އިޖުތިމާއީ ގުޅުން:

ޒުވާން އުމުރުގައި އެކިއެކި މިޒާޖު އަދި ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުނާއި މުޅިން ތަފާތު ގައުމުތަކުގެ މީހުންނާ ތައާރަފުވެ، އެ ކަންކަމުން ލިބިދެވޭ ފައިދާތަކާއި ފިލާވަޅުތައް މުޅި އުމުރަށް ދެމިހުރެ އެވެ.

މާއްދީ ފުދުންތެރިކަން:

ޒުވާން އުމުރުގައި ހައްޖުގެ ޒިންމާ ފުރިހަމަ ކުރުމުން ހަޔާތުގެ ބާކީ މަރުހަލާތަކުގައި ފައިސާގެ ދަތިކަން ކުރިމަތިވުން މަދު ކަމަށް އެކަން ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން ބުނެ އެވެ.

ނަފުސާނީ ފައިދާތައް: 

އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވުން:

ޒުވާން އުމުރުގައި ހައްޖު ކުރުމުން މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެ އެވެ.

ނިއުމަތަށް ޝުކުރުވެރިވުމާއި ހަޔާތުގެ އުފާ ލިބިގަތުން:

ހައްޖުން އިންސާނާއަށް ދުނިޔެވީ ހަޔާތުގެ ނިއުމަތްތަކަށް ޝުކުރުވެރިވެ، ހަޔާތަށް އުފާވެރިކަން ގެނެސްދޭ ކަންކަން ދަސްވުމަށް މަގުފަހިވެ އެވެ.

އެހެނިހެން ބައެއް ފައިދާތައް

އިލްމީ ފައިދާތައް:

ޒުވާންއިރުގައި ސިކުނޑިއަށް ކަންކަން ގަބޫލު ކުރަން ފަސޭހަވެ އެވެ. ވުމާ އެކު ހައްޖުގެ ދަތުރުގައި ދަސްކުރެވޭ ދީނީ ހެޔޮ ކަންކަމާއި ދީނީ ފިލާވަޅުތައް ފަސޭހައިން ދެނެގަނެވި، ހިތުގައި ބިންވަޅު ނެގި ހަރުލުމަށް މަގުފަހިވެ އެވެ.

ސިއްހީ ފައިދާ:

ހައްޖު އަދި އުމްރާގެ މަނާސިކުގެ ތެރޭގައި ޖިސްމާނީ ގޮތުން ކުރަން ޖެހޭ ބައެއް އަޅުކަންތަކަކީ އެއިން މީހާގެ ހަށިގަނޑަށް ދުޅަހެޔޮކަން ގެނުވައިދޭ ކަންކަމެވެ.

މުސްކުޅިވުމުގެ ކުރިން ޒުވާން އުމުރުގައި ހައްޖު ކުރުމުގެ ގިނަގުނަ ފައިދާތަކެއްވާ ކަމާ އަދި ޒުވާން އުމުރުގައި މީހާ ހައްޖުވެ، ހަޔާތުގެ މިސްރާބު ރަނގަޅު ކުރުމުން މާތް ﷲ ގެ އިރާދަފުޅާއި ރަހުމަތުން އޭނާގެ ދުނިޔެވީ އަދި އުހްރަވީ ހަޔާތް ބާއްޖަވެރިވުމަށް އެކަންކަމުގެ ސަބަބުން އިންސާނާއަށް މަގުފަހިވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!