މީހުން ލައިފްސްޓައިލް

ޓުއަރ ގައިޑުގެ ހުވަފެން މިޔުޒިކީ ދުނިޔެއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ ނަމަކީ "ޑީޓިއުން" އޭ ބުނެފިނަމަ އެއީ ކުށަކަށް ނުވާނެ އެވެ. 18 އަހަރުގެ ދިގު ތާރީހެއް އޮތް މި ބޭންޑުގެ ފަސް މެމްބަރުން އެކީގައި މަސައްކަތް ކުރާތާވެސް މިހާ ދުވަސް ވެއްޖެ އެވެ. ބޭންޑުގެ ހަމައެކަނި އަންހެން މެމްބަރަކީ ވޯކަލިސްޓް އަދި ގިޓާރިސްޓް ފާތިމަތު ފެޒޫ އެވެ.

Ads by STELCO

މިހާތަނަށް އައިއިރު ފެޒޫ ވަނީ އެތައް ލަވަތަކެއް ޑީޓިއުން ބޭންޑާއެކު ދޫކޮށްލައިފަ އެވެ. "އައްޗި ޗީ ޗީ"، "ނަށާލަން" ފަދަ ލަވަތަކަކީ ބެލުންތެރިންނަށް ބީރައްޓެހި ލަވަތަކެއް ނޫނެވެ. ކިޔައިދޭން މި އުޅެނީ ފެޒޫގެ ފެށުމާއި ކުރިއަށް ދިޔަ ގޮތެވެ.

 

މިޔުޒިކް އިންޑަސްޓްރީ އަކީ ޕްރޮފެޝަންއެއްގެ ގޮތުގައި ކުރިއަށް ގޮސްދާނެ ދާއިރާ ކަމަކަށް ފެޒޫ ކުރިއަކުން ނުދެކޭ

 

ފެށިއިރުވެސް މިޔުޒީޝަނަކަށް ވާނެއެކޭ ހިތަކަށް ނާރާ

"ފެޒޫ ސްކޫލުގަ އުޅުނުއިރުވެސް ވަރަށް ލަވަ ކިޔާ ހިތްވާނެ."

އޭނާގެ ކުރީގެ ހަނދާންތައް އާކުރަމުން ފެޒޫ ކިޔައިދިނެވެ. އެންމެ ފުރަތަމަ ފެޒޫއަށް ގިޓާ ކުޅެން ދަސްކޮށްދިނީ އޭނާގެ ކަޒިން އެކެވެ. ފުރަތަމަ ކުޅެން ދަސްވި ލަވަވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެކޯސްޓިކް ގިޓައަކުން ފެޒޫ ފުރަތަމަވެސް ދަސްކުރީ "މީ ކިޔާ ރާގެކޭ" އެވެ. އެލަވަ ދަސްވުމުން ގިޓާ ކުޅެން ހާދަ މޮޅޭ އަމިއްލައަށް ހިތަށް އެރި އެވެ. އެހިސާބުން އެވާހަކަ ނިމުނީ އެވެ.

ދެން ސްކޫލު ދައުރު ނިންމާފައި ފެޒޫ ދިޔައީ ސްރީލަންކާ އަށެވެ. އޭނާ މަތީ ތައުލީމު ހާސިލު ކުރީ ހަތަރު ބަހަކުންނެވެ. އަށް އަހަރު ވަންދެން ފެޒޫ ތަމްރީނު ވީ ޓުއަރ ގައިޑަކަށް ވާށެވެ. އެކަމަކު އެ ދުވަސްތަކުގައިވެސް ހިތާ ވަރަށް ކައިރީގައި ގިޓާ ގެންގުޅެ އެވެ.

ކިޔަވާ ނިންމައިގެން އަނބުރާ ރާއްޖެ އައެވެ. އޭރު ރައްޓެހިންނާ ދިމާވެގެން ދޭތެރެއަކުން ލަވަ ކިޔާ ގިޓާ ކުޅެ ހަދަ އެވެ. އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް ފެޒޫ ނިކުތީ އާތި އާއެކު އެވެ. އޭރުވެސް މިކަން ކުރާ ހިތްވާތީ ކޮށްލީ އެވެ. ކުރިއަށް ދާނީ މިދާއިރާއިންކަން ފެޒޫއަކަށް އޭރުވެސް ކަށަވަރެއް ނޫނެވެ.

"އެހެން އުޅެނިކޮށް ފެޒޫއަށް ޗާންސް ލިބެނީ މިރާޖް ބޭންޑަށް ކުޅެން."

އެއީ މުންކޮގެ ބޭންޑެކެވެ. އެބޭންޑު މެމްބަރެއްގެ ގޮތުގައި ނަސަންދުރަ އާއި ހަފްތާ ނިންމުން ކަހަލަ ޝޯތައް ފެޒޫ ކުޅުނެވެ. ސްކޫލު ދައުރުއްސުރެއް ޓުއަރ ގައިޑަކަށް ނުވަތަ ތަރުޖަމާނަކަށް ވާން ކުރި އުއްމީދު އޭރުވެސް ހިތުގައި އޮތުމުން ކެރިއަރ އެއްގެ ގޮތުގައި ދެކިގެން މިޔުޒިކު ކުޅޭނެއެކޭ އޭރުވެސް ހިތަކަށް ނާރަ އެވެ.

 

 

ރަސްމީކޮށް ފެށީ ޑީޓިއުން ބޭންޑާއެކު

2002 އެއީ "ކުޑަކުޑަކޮށް" ފެޒޫ މިޔުޒިކް ކުޅެން ފެށި އަހަރެވެ. އެކަމަކު އަލަށް ރިސޯޓަށް ދާން ފުރުސަތު ލިބުނީ ޖެހިގެން އައި 2003 ވަނަ އަހަރެވެ. އެ އަހަރު އޭނާ ފުރަތަމަ ދިޔައީ މީރުފެންފުށި ރިސޯޓަށެވެ. އޭރު ފެޒޫއާއެކު ލަވަކިޔަން ދިޔައީ މުހައްމަދު ކިޔާ ކުއްޖެކެވެ.

އޭރު ރަސްމީ ސިފައެއްގައި ބޭންޑެއް ނޯވެ އެވެ. ފަހަރަކު ކުއްޖަކު އައިސް ގޮސް ވެއެވެ. އެހެން އުޅެނިކޮށް ފެޒޫއާ ދިމާވީ މިހާރު ޑީޓިއުން ބޭންޑުގެ ގިޓަރިސްޓް ފާތި އާއެވެ. ފެޒޫ، ފާތި އަދި މުހައްމަދު ދުވަސްކޮޅަކު ރިސޯޓަށް ކުޅެން ދިޔަ އެވެ. އެކަމަކު މުހައްމަދު ބަލި ވެގެން އިންޑިއާއަށް ދާން ޖެހެ އެވެ.

ފެޒޫއާ ފާތިއާ ދެމީހުން ލަވަކިޔާ ކުއްޖަކު ހޯދަނިކޮށް ދިމާވީ ފުރުގާން (ފޫޖީ) ގެ ބައްޕަ އާއެވެ. އަދި ފޫޖީ ލަވަކިޔާ ހިތްވާ ވާހަކަ ބުނެ އެވެ. އޭރުވެސް ފެޒޫއަށް ފޫޖީގެ ނަން ބީރައްޓެއްސެއް ނޫނެވެ. އޭނާއަކީ އޭގެ ކުރިން ލަވަ މުބާރާތްތަކުގައިވެސް ފެނުނު ކުއްޖެކެވެ.

ހަމަ އެ ދުވަސްވަރު އަކަސަކަ ބޭންޑުގައި ޑްރަމަރެއްގެ ގޮތުގައި އުޅުނު އަންމަޑޭއަށް ފާތި ގުޅި އެވެ. ގުޅިތާ ތިންމަސް ފަހުން އަންމަޑޭވެސް ޑީޓިއުންއާ ގުޅުނެވެ. ބޭންޑުގެ ބޭސިސްޓް، އައްޔަ ގުޅުނީ އެންމެ ފަހުންނެވެ. އެކަމަކު ފަސް މީހުން އެއްވި ދުވަހަކީ ރަސްމީކޮށް ޑީޓިއުން އުފެދުނު ދުވަހެވެ.

"އައްޔަ ބޭންޑަށް ޖޮއިންކޮށްފަ އެންމެ ފުރަތަމަ ކުޅެން ދިޔަ ޝޯއިން ފެޒޫމެން މިއިންނަނީ ޑީޓިއުންގެ އެނިވާސަރީއަށް. އެއީ ފަސް މީހުން އެއްވީތާ"

ފެޒޫ ބުނި ގޮތުގައި އެނިވާސަރީގެ ގޮތުގައި ފާހަގަކުރަނީ ފެބުރުއަރީ 18 އެވެ. ޑީޓިއުން ފަސް މެމްބަރުންނާއެކު އުފެދުނީ 2006 ގަ އެވެ. މިއަދުވެސް އެ ބޭންޑުގައި ތިބީ ހަމަ އެ ފަސް މެމްބަރުންނެވެ.

 

ޑީޓިއުން ބޭންޑުގެ އެންމެންވެސް ތިބީ އެކީގައި ކުރިއަށް ދިޔުމުގެ އަޒުމުގައި

 

އާއިލާ ނެތްނަމަ ކުރިއަށް ނުދެވުނީސް

"ފެޒޫ މިޔުޒިކް ކުޅެން ފަށާފަ މިއަދާ ހަމައަށް އަސްލު މިހެން ނޫޅެވޭނެ ފެޒޫގެ މަންމަ، ފެޒޫގެ ދޮންތަ، ފެޒޫގެ ތިއްތަ (އާ ނުލާ). އެތިން މީހުންނަކީ ފެޒޫގެ ފަހަތުގަ ފެޒޫގެ ހުރިހާ ކަމެއް ކޮށްދޭ މީހުން"

އޭނާ ބުނި ގޮތުގައި އެ ތިން މީހުންގެ އިތުރުންވެސް އާއިލާގެ އެހެން މެމްބަރުންވެސް ވަރަށް ސަޕޯޓިވް އެވެ. އެ އެންމެންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ފެޒޫއަކަށް ނޭނގެ އެވެ.

އެކަމަކު މިޔުޒިކް ކުޅެން ފެށިއިރު އާއިލާވެސް އެހާ ގަބޫލެއް ނޫނެވެ. މިވާހަކަތައް ކިޔައިދެމުން ފެޒޫ ބުނީ ފުރަތަމަ ފެށި ދުވަސްވަރު ރިސޯޓު މިޔުޒިކުގައި އަންހެން ކުދިން ނޫޅޭ ކަމަށެވެ. އެހެންވެ މަންމަވެސް ކުޑަކޮށް ޖެހިލުން ވި އެވެ. ހާއްސަކޮށް މަތީ ތައުލީމު ހާސިލުކޮށްގެން މިޔުޒިކް ކުޅެން ނިކުތުމަކީ ރަނގަޅު ކަމެއްތޯ އޭރު މަންމަވެސް ސުވާލު އުފެއްދި އެވެ.

"އަދިވެސް ހަނދާން އެބަހުރި އެދުވަސް. ދެން ފެޒޫ މަންމަ ކައިރީގަ ބުނީ ވަން ޑޭ ޔޫ ވިލް ބީ ޕްރައުޑްއޭ މަންމާއޭ"

ފެޒޫ އަށް ހަތަރު ބަސް އިނގެ އެވެ. އެހެންވެ އެ ބަސްތަކުންވެސް ލަވަ ކިޔަން އެނގުމަކީ އޭނާއަށް ލިބުނު ހިތްވަރެކެވެ. އެކަމަކު އޭރުވެސް މަންމަ އެހާ ގަބޫލެއް ނޫނެވެ.

އޭގެ ފަހުން އައީ މީހުންގެ ފަރާތުން އަޑުއިވެން ނުވާވަރުގެ ހިތްދަތި ކޮމެންޓުތަކެވެ. އަންހެނަކަށް ވީތީ އެފަދަ ކޮމެންޓުތައް މީހުންގެ ފަރާތުން ލިބޭނެކަން ފެޒޫއަށް ކޮންމެވެސް ވަރަކަށް އިނގެ އެވެ.

އެކަމަކު ފެޒޫގެ ފަރުވާލެއް ނެތެވެ. ބޭނުންވީ ކުރަމުން ދިޔަ މަސައްކަތުގައި ކުރިއަށް ދާށެވެ. މީހުން ދައްކަމުން ދިޔަ ނަފުރަތުގެ ވާހަކަތައް އެއް ކަންފަތުން އަޑު އަހާފައި އަނެއް ކަންފަތުން ބޭރުކޮށްލަނީ އެވެ. ފެޒޫ ދެކޭ ގޮތުގައި ކުރިއަށް ދިޔުމުގައި ހޯދުނު ކާމިޔާބީގެ ސިއްރަކީވެސް އެއީ އެވެ.

 

ފެޒޫގެ އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުން އޭނަ އުފަލާއެކު ފާހަގަކުރޭ

 

ވަރަށް ވަރުގަދަ މަސްވެރިއެއްގެ ގޮތުގައި ފެނިދާނެ

ފަސް އަހަރު ފަހުން ފެޒޫ ފެންނާނީ ކޮން ތާކުން ކިހިނެއްތޯ ސުވާލު ކުރުމުން ދޭނެ ޖަވާބެއް ފެޒޫއަކަށް ނޭނގުނެވެ. އެކަމަކު ބޭންޑުގެ ފަސް މެމްބަރުންވެސް އަބަދު ބުނާ ވާހަކައެއް އޭނާ ހަނދާނަށް އައެވެ.

"ޑީޓިއުން ބޭންޑުގެ އެންމެންވެސް ބުނާނެ އަހަރުމެން ޖެހޭނެއޭ މަރުވަންދެންވެސް އެއްކޮށް ތިބެން"

ފެޒޫ ބުނީ ފަސް އަހަރު ފަހުންވެސް ޑީޓިއުން ބޭންޑު އޮންނާނެކަމަށް އުއްމީދު ކުރާ ކަމަށެވެ. އެކަމަކު ފެޒޫ ވަރަށް ވަރުގަދަ މަސްވެރިއެއްގެ ގޮތުގައި ފެނިދާނެކަމަށް އޭނާ ލަފާކުރެ އެވެ. ފެޒޫ ބުނާ ގޮތުގައި މިޔުޒީޝަނަކަށް ނުވިނަމަ އޭނާ ވާނީ މަސްވެރިއަކަށެވެ.

މިހާރުވެސް ބޭންޑުގެ މެމްބަރުންނާއެކު ފެޒޫ މަހަށް ދެ އެވެ. ރިސޯޓު ޝޯތައް ނޯންނަ ދުވަސްތަކުގައި ނުވަތަ ޗުއްޓީއެއް ނަގާފައިވެސް ފެޒޫ މަސް ދަތުރު އަޅަ އެވެ. އެހެންކަމުން މަސްވެރިކަމަކީ ފެޒޫ އެންމެ ކުރާ ހިތުން ކުރާ އެއް މަސައްކަތްކަން އެނގެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!