ސަރުކާރުގެ ވިޔަފާރި ކުރާ ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަ ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރުން ހަރަދު ހަމަމަގަށް އެޅުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށް ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާވެސް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ބޯޑުން ވަނީ ފާހަގަކޮށްފަ އެވެ.
ދަތުރު ހަރަދު:
- ރާއްޖޭން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަން ޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ކުރުން ހުއްޓާލުން
- ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
- ރާއްޖޭން ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުން
- ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުންދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- ފެރީގެ ހިދުމަތް ލިބޭ ސަރަަހައްދުތަކުގައި ކުރަން ޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
- އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮތަށް ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުން
- ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުން
މުވައްޒަފުންގެ ހަރަދު:
- ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައި ވިނަމަވެސް، ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން
- ޕީސީބީގެ ހުއްދަ އާ އެކުގައި މެނުވީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުން
- ރަސްމީ ގަޑީގައި މަސައްކަތްތައް ނިމޭނެ ގޮތަށް މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
- ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުން
- ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާ ގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެންހުރި ވަސީލަތްތައް ބޭނުންކުރުން
- ކޮންމެހެން މިވަގުތަށް ކުރަން ޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތެއް އައުޓްސޯސްކޮށްގެން ނުކުރުން
- ޑިޕާޓްމަންޓްތަކުގެ މަސައްކަތަށް ބަލައި މުވައްޒަފުން އިތުރުވާނަމަ އެފަދަ މުވައްޒަފުން ކުންފުނިން ކޮންމެހެން ފަށަން ޖެހޭ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުން
އެހެނިހެން ހަރަދު:
- ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަން ކުރުމާއި ކަރަންޓުގެ ހަރަދު ކުޑަކުރުން
- ކަރުދާހާއި ސްޓޭޝަރަނީސްއަށް ކުރާ ހަރަދު ކުޑަކޮށް، މުއާމަލާތްތައް ޑިޖިޓަލައިޒްކޮށް ކުރުން
- އިވެންޓްތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުން
- އިވެންޓްތަކުގެ ރިފްރެޝްމަންޓްތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- ކުންފުނީގެ އެނުއަލް ޕްރޮކިއުމަންޓް ޕްލޭނާއި ބަޖެޓާ އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުން
- ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވާ ވަރަށް ގަތުން
- ސީއެސްއާރު އަދި ސްޕޮންސަޝިޕަށް ކުރާ ހަރަދުތައް މަދުކުރުން
- ފާސްކޮށްފައިވާ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ކަންކަން ފިޔަވައި އިތުރު ހަރަދުތައް މިވަގުތަށް ނުކުރުމާއި އިސްރާފު ކުޑަކުރެވޭނެހެން މަސައްކަތްތައް ރޭވުން
ޕީސީބީން ވަނީ މި ކަންކަމަށް ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ސަމާލުވުމަށް އަންގާފަ އެވެ.