ޚަބަރު އިޖުތިމާޢީ

ބަރަަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކަމުންދިޔަ ޗެނަލްތަކެއް ބަންދުކޮށް 3 މީހުން ހައްޔަރަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކޮށް ތިން މީހުން ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލަ އާ ގުޅިގެން ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45އ)
  • ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ)
  • ކ. ކާށިދޫ، ސިލިންކޯ، އިސްމާއީލް ރަބީހް (29އ)

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ޒުބައިރު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. ނާސިފް ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރު ކޮށްފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އަދި އިސްމާއީލް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ތިން މީހުން ހައްޔަރުކޮށް މައްސަލަ އާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތްތައް ބަލައި ފާސްކޮށްފައިވެ އެވެ. އަދި މި ތިން މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓު ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެ އެވެ.

"އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެ އެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯ އާއި 86،618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ،"

އިތުރަށް ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓު ކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 3،468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމުގަ އެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމުގަ އެވެ.

ފުލުހުން ވަނީ މިގޮތަށް މީސްމިޑިއާގައި ފޮޓޯ އާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށްވެފައިވާ ފަރާތްތަކުން ސައިބަ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

އަދި އެފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް އަމަލުތައް އިސްލާހުކޮށް، ވިސްނުންތެރިކަމާ އެކު ޒިންމާދާރު މީހަކަށް ވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!