މާލީ ބަޔާން ހުށަނާޅަނީ ޖާބިރާއި ނަސީރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެންބަރުންނެއް މާލީ ބަޔާން ހުށަހަޅައިފިއެވެ.
މަޖިލިސް ޤަވާއިދުގައިވާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި މެމްބަރުގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓުގައި ޝާއިއުކުރަން ޖެހޭ ކަމަށް ވެސް ގަވައިދުގައި ބުނެއެވެ.
މާލީ ބަޔާން ހުށަހެޅުއްވި ހުރިހާ މެންބަރުންގެ ބަޔާންތައް މިއަދު ހާމަ ކޮށްފައިވާއިރު، ބަޔާން ހުށަ ނާޅުއްވާ ތިއްބެވީ ޖާބިރާއި ނަސީރެވެ.
މަޖިލިސް ގަވައިދުގައި 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، މެމްބަރަކު މާލީ ބަޔާން ހުށަނާޅައިފި ނަމަ، އިތުރު 15 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް ލިޔުމަކުން މަޖިލީހުގެ އަމީން އާންމު އަންގަން ޖެހެއެވެ.
އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށާއި މުލަކު ދާއިރާގެ މެންބަރު ނަސީރު 15 ދުވަސް ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް ލިޔުމަކުން އަންގާފައިވާކަމަށް މަޖިލީހުގެ މީޑިއާ ޑައިރެކްޓަރ ޙަސަން ޒިޔާއު ވިދާޅުވެފައިވާ ކަމަށެވެ.