އަޑިގުޑަންތައް ގިރާކޮށް ހެއްވައިލި މަޓޭއަކީ ހަމައެކަނި ކޮމިޑިއަންއެއް ނޫން
މުނިފޫހިފިލުވުމުގެ ދާއިރާތަކުގެ ވެސް ތަފާތު އެކިއެކި ހުނަރުވެރިން އުޅެއެވެ. ތަފާތު އެކި ކެރެކްޓާތަކެވެ. ކޮމިޑިއަންއަކީ އެއީ ވެސް ފާހަގަކޮށްލެވޭ, ގިނަ ބަޔަކަށް ކަމުދާ ކެރެކްޓާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެ ކެރެކްޓާގެ ވާހަކަ ފަށައިފި ނަމަ އެންމެންގެ ނަމުން ނަމަ, މަޓޭގެ ވަހާކަ ނުދައްކާ ނިންމައިލުމަކީ ވާނޭ ކަމެއް ނޫނެވެ. އެ ވާހަކަ ނުދައްކާނެ ސަބަބެއް ވެސް ނެތެވެ.
އެއީ ހ. ދޮންއާންނާރުގޭ, އުމުރުން 51 އަހަރުގެ ހުސައިން ސާދެވެ. ދިވެހިންގެ ކޮމީޑިއަން, މަޓޭއެވެ.
"މަޓޭ" ކިޔުނީ ކިހިނެތް؟
ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދައިފައިވާ މަޓޭގެ އަސްލު ނަމާ މެދު ވެސް އޭނާގެ ފޭނުން ސުވާލު އުފައްދާނެކަން ޔަގީނެވެ. މީހަކު ބުނާތީ އެހީމެވެ. އޭނާއަށް ކިޔަނީ މާހިރު ދޯއެވެ. އުފެދުނު ސުވާލު މަޓޭ އަށް ކޮށްލުމުން ހިނިގަނޑަކުން ފެށީ ޖަވާބެވެ.
"މަޓޭގެ ނަން ވެސް ތީ ވަރަށް ޒާތް ޒާތެއްގެ ގޮތަކަށް ހިނގި ކަމެއް"
އެއީ 1980ގެ އަހަރުގެ ތެރޭގައެވެ. ދިވެހިންގެ ތެރޭގައި އެންމެ ގަދައަށް ފުޓްބޯޅަ މަޝްހޫރުވި ޒަމާނެވެ. ދިވެހިންގެ އެންމެ ލޯބިވާ ކުޑަހީނާމެން ފަދަ ކުޅުންތެރިން ދަނޑު މަތިން ފެންނަ ފެށި ދުވަސް ވަރެވެ. މަޓޭ ކިޔާ ކުޅުންތެރިއެއް އެ ދުވަސްވަރު އުފެދުނެވެ. އެއީ ގައުމީ ޓީމުގެ ޑިފެންޑަރުގެ އިތުރުން ވެލެންސިޔާގެ ވެސް ޑިފެންޑަރެވެ.
މަޓޭ ސިފަކުރާ ގޮތުން ނަމަ އެއީ ވަރަށް ސްމާޓް މީހެކެވެ. ހަށިގަނޑަށް ބަލައިގެން ކަސްރަތުކޮށް އުޅުނު ޒުވާނެކެވެ.
"އޭރުގައި ރާއްޖޭގައި އުޅުނު އެންމެ ރީތި ފިރިހެން މީހާއޭ ވެސް މީހުން ކިޔާ ކަހަލަ މީހެއް"
މަޓޭ ބުނީ އެއް ދުވަހު އަވައްޓެރި ކުއްޖެއްގެ ކައިރީގައި ކުޅުންތެރިޔާ މަޓޭއާ ވައްތަރުތޯ ސުވާލުކޮށްލި ކަމަށެވެ. އޭރު ލޮލުގެ އުނިކަން ހުރި ނަމަވެސް އިސްތަށިގަނޑު ވެސް ހުރީ ރަނގަޅަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެއަށް ފަހު އެއް ދުވަހުގެ ގެ ކައިރިން ދިމާވެގެން ބޭބެމެން ކުޅުންތެރިޔާ މަޓޭ ކައިރީ ވެސް އެ ވާހަކަ ދެއްކި ކަމަށް އޭނާ ކިޔައިދިނެވެ.
"ބުނެފި މަޓޭ މި ހުރީ މަޓޭއަށް ވެގެން އުޅޭ މީހެކޭ. މަޓޭ ވެސް ބަލާލާފައި ޒާތަކަށް ހިނިއައިސްފައި ބުނެފި އޭ މަޓޭ ކިހިނެތް ހޯ މަށާ ދިމާލަށް. ދެން ކިހިނެތްހޭ މި ވީ ބުނަނީ ކަލެއޯ އޯ ތީ މަޓޭ. މަށަކީ އިބްރާހިމް ނަސީމްއޭ."
އެ ހިސާބުން މަޓޭގެ ނަން ހަރުލީއެވެ. އާއިލާ ތެރޭގައާއި ރައްޓެހިންގެ އިތުރުން އަވައްޓެރިން ވެސް ކިޔަން ފެށީ އެ ނަމެވެ.
މަޓޭއާއި އޭނާގެ ދަރިފުޅު ކެންސަރު ބަލީގައި ކުރި ހަނގުރާމަ!
1980 އަހަރުތަކުގެ ވާހަކަތައް ދައްކަމުން ލޮލުގެ އުނިކަމާ ގުޅިގެން މަޓޭ ދެއްކި ވާހަކައިންް އުފެދުނީ އިތުރު ސުވާލެކެވެ. އެއީ އުފަންވިއިރު ވެސް ލޯ ހުންނަ ގޮތް ބާވައެވެ.
މަންމައާ ހަވާލާދީ މަޓޭ ފެށީ އޭނާގެ އުމުރުން 2 އަހަރުގެ ވާހަކަތަކެވެ. 1974ވަނަ އަހަރުގެ ވާހަކަތަކެވެ. ހެނދުނު 9 ޖެހިއިރު ވެސް ނުހޭލައިގެން ހޭލައްވަން އުޅެއުޅެ ލޯ ނުހުޅުވައިގެން މަޓޭ ގޮވައިގެން އޭނާގެ މަންމަ ދިޔައީ ސެންޓްރަލް ހޮސްޕިޓަލަށެވެ.
މަޓޭ ބުނީ އެއީ ވިހޭއިރު ވެސް ލާފައި ހުންނަ ލަކުނެއް ކަމަށާއި ވަރަށް ބޮޑުވަރު ވެފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. އަދި ޑޮކްޓަރު ދިން ބޭހެއް އަޅައިގެން އޭރު ރަނގަޅުވި ނަމަވެސް ފަހުން ލޮލަށް ތަދުވެ, ދުޅަވި ކަމަށް މަޓޭ ކިޔައިދިނެވެ.
"ޓިއުމަރެއް އިނީއޭ ވެސް އެ ދުވަސްވަރު ދެއްކި ޑޮކްޓަރަކު ބުނިކަމަށް ވޭ. ދެން އެކަހަލަ ގޮތަކަށް އެކަން ދިޔައީ."
އޭރުން ފެށިގެން ވައަތު ލޯ އަދިރިވީ ކަމަށް މަޓޭ ވަނީ ކިޔައިދީފައެވެ. އެއަށް ފަހު 1989ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރުގައި އޭރު ރަނގަޅަށް ހުރި ލޯ, ކަނާތު ލޮލުގައި މާ ބޮޑަށް ރިއްސާތީ ރާއްޖެއިން ބޭރަށް ދިޔައެވެ.
"އެ ލޯ އަނދިރިވެފައި ހުރީ މި ލޮލަށް ވެސް އޭގެ އަސަރުކޮށްފައޭ ހުރީ ލޯ ހަލާކުވެފައޭ އެހެންވީމަ ކުޑަކުޑަކޮށް އެ ހުރި ލޯ ނަގާށޭ." ޑޮކްޓަރާ ހަވާލާދީ މަޓޭ ބުނީ މިހެންނެވެ.
އެ އަހަރު ވައަތު ލޯ ނެގި ކަމަށް މަޓޭ ކިޔައިދިނެވެ.
މަޓޭ ބުނީ 2013ވަނަ އަހަރު ލިބުނު އޭނާގެ އެންމެ ހަގު ފިރިހެން ދަރިފުޅު, ޝިޔާޒު ހުސައިން އަހުމަދުގެ ލޯވެސް ހަލާކުވީ އެފަދައިން ކަމަށެވެ. އެކަން ދެނެގަނެވުނީ މަޓޭގެ ލޮލަށް ވީ ގޮތް އޭނާގެ ދަރިފުޅުގެ ލޮލަށްވާކަން މަޓޭގެ މަންމައަށް ފާހަގަވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ.
ދަރިފުޅުގެ އުމުރުން 1 އަހަރުގައި ޑޮކްޓަރަށް ދެއްކުމުން ދެ ލޮލުގައި ވެސް ޓިއުމަރެއް ހުރެގެން ރާއްޖެއަށް ބޭރަށް ދިއުމަށް އިރުޝާދު ދިނެވެ. އަދި ކީމޯ އާއި ރޭޑިއޭޝަން ނަގަމުން ދަނިކޮށް ދަރިފުޅުގެ ދެލޯ ވެސް ހަލާކުވެ, ދެލޯ ވެސް ނަގަން ޖެހުނީ ކަމަށް މަޓޭ ބުނެއެވެ.
"ދެން މި ކަމުގައި އަޅުގަނޑަށް އެންމެ ފަހުން 2013ގައި ލިބުނު އެންމެ ހަގު ފިރިހެން ސޮރަށް ވެސް ދެލޯ ހަލާކުވީ"
ދަރިފުޅުގެ ލޮލަށް ޖެހިފައި ވަނީ ކެންސަރުކަމާއި މަޓޭއަށް ވެސް ޖެހުނީ ކެންސަރުކަމަށް ޑޮކްޓަރުން ބުނި ކަމަށް މަޓޭ ބުންޏެވެ.
ގޭތެރެއިން އުފެދުނު ޝައުގާ އެކު މަޓޭ މީހުން ހެއްވަން!
މަޓޭއަކީ ދޮންއަންނާރު މުހައްމަދު ރަޝީދު (ދޮންއަންނާރޭ)ގެ ކޮއްކޮއެވެ. އޭނާއަކީ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ގޭތެރޭގައި ވެސް އޭނާގެ ބޭބެ ވަނީ އެ ފަދަ މަންޒަރުތައް ނަގައިފައެވެ.
"ޅައިރުގައި ގޭތެރޭގައި ބޭބެ ކެމެރާއެއް ހިފައިގެން އައިސް ރޭގަނޑު ވެސް ހަމަ ނިދައިފައި ތިއްބައި ވެސް ޖައްސަފާނެ ހަމަ ވަރަށް ވަރުގަދަ ބިރުވެރި މަންޒަރުތަކެއް ގޭތެރޭގައި ކުޅެން. އޮންނަ އެނދުން ވެސް ކޮއްޓާލާފައި ނަގާފައި އެހެން އެނދަކަށް ލާފާނެ. ދެން އަހަރެން ނިދާފައި އޮންނަ އެނދު ބޭނުންވީ. ދެން ނޫނީ ފުރަގަހުން ތަންކޮޅެއް ކުޑަކުއްޖެއް ދައްކާލާން ޅަ ވަރެއްގެ ކުއްޖަކު ދައްކާލަން ޖެހިއްޖެއާ އެތަންކޮޅު ވެސް ކުޅެންދޭން ޖެހޭ ގޮތަކަށް ތިބެނީ"
އޭރުން ފެށިގެން މަޓޭ ދިޔައީ އޭނާގެ ބޭބެއާ އެކު އެ ފަދަ މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަމުންނެވެ. އެކަމަށް ޝައުގުވެރިކަން އުފެދުނީ އެކަންކަން މާ ގިނައިން ފެންނަން ފެށުމުން ކަަމަށް މަޓޭ ގަބޫލުކުރެއެވެ.
މަޓޭ އަކީ ކުޑައިރުންސުރެ ގޭ ކައިރީގައި ރައްޓެހިންނާ އެކު އުޅުނަސް, ދަތުރެއް ދިޔަޔަސް އެންމެ ފޯރިނަގާ މީހާއެވެ. މަޓޭ ނުލާ ތަނަކަށް ދާން ރައްޓެހިން އޭރު ބޭނުން ނުވަނީ ވެސް އެ ސަބަބަށް ޓަކައެވެ.
"ކޮންމެހެން މަޓޭ ގެންދަން ވާނެ އޭރުން ލަވަ ވެސް ކިޔާނެއޭ މަޖާ ވެސް ކުރާނެއޭ" ރައްޓެހިން މިހެން ބުނާ ކަމަށް މަޓޭ ބުންޏެވެ.
ދާއިރާއަށް ނިކުންނަން ފަސޭހަވީ އެކަހަލަ ހުނަރެއް ހުރީމަ ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.
"ބައެއް މީހުން ބުނާނެ ފެންނަ ފެނުމަށް ހާދަ ސީރިއަސްއޭ. އެ ރަށްޓެހި ނޫން އިރުގައި ކުޑަކޮށް ސީރިއަސްވާނެތާ ދޯ. ދެން ފުރަތަމަ އަލަށް މީހަކު ފެންނަ ތަނުން އޭނާ ކޮނޑަކަށް ވެސް ބޮލަކަށް ވެސް ނާރާނެތާ. ކޮންމެވެސް އުސޫލުތަކެއް ވެސް އޮންނަން ޖެހޭނެތާ."
އެކަމަށް ޝައުގުވެރިކަން ހުރެ, އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް ސްކޫލު ނިންމައިލުމަށް ފަހު ވަޒީފާއަށް ގޮސް ބިޒީވުމުން އެކަމަށް މަޓޭއަށް ވަގުތެއް ނުދެވުނެވެ.
މިއީ ހަމައެކަނި ކޮމިޑިއަނެއް ނޫން!
މަޓޭއަކީ ކޮމިޑިއަނެއްގެ ގޮތުގައި ފެނުނަސް އޭނާ ކުޅެފައިވާ "ދުރުދުރުގައި ތިޔަހެން ނޫޅެބަލާ" ފަދަ ލަވަތަކަކީ ވެސް މަޓޭ ކިޔައިފައިވާ ލަވަތަކެވެ.
ލަވަ ކިޔަން ފެށުނީ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "މަލެކޭ އެއްފަދަ ނާޒުކު މުނިޔާ" ހިތުދަސްކުރަންވެގެން އޭނާގެ ބޭބެ އެއް ރެޔަކު ތަކުރާރުކޮށް ޖަހަން ފެށި ހިސާބުންކަން މަޓޭ ކިޔައިދިނެވެ.
"ނުނިދި އޮތީ. އެ ރޭ އަސްލު ލަަވައިގެ ޝައުގު އޭނީ ކޮންމެވެސް ގޮތަކަށް ބޮލަށް އައިސްފައި"
އޭގެ މަސް ދުވަސް ފަހެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 5ގައި މަޓޭ ކިޔަވަމުން ދިޔައިރެވެ. އެ އަހަރުގެ ދިވެހި ދުވަހު އޮންނަ ލަވަ މުބާރާތެއްގައި ބައިވެރިވުމަށް ނަން ހުށަހެޅި ކުދިންގެ ތެރޭގައި މަޓޭ ވެސް ހިމެނުނެވެ.
އޮޑިޝަނުގައި އެ ލަވަ ކިޔައިގެން މުބާރާތަށް ހޮވި އެ މުބާރާތުން މަޓޭ 1ވަނަ ހޯދި އެވެ. އެ ހިސާބުން ލަވަ ކިޔުމުގެ ހުނަރުހުރި ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އެހެން ނަމަވެސް އެކަމަށް ފުރުސަތެއް އޭރު ނުލިބުނުކަން މަޓޭ ފާހަގަކުރި އެވެ.
އެންމެ ފުރަތަމަ މަޓޭ ރިކޯޑްކުރި އަލްބަމަކީ ކެއާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާކުރި "ވިސްނާ" އަލްބަމެވެ. އެ އަލްބަމުގައި މަޓޭގައި އިތުރުން އަލްތޯފް ޝާކިރު އަދި އޭނާގެ ކޮއްކޮ މިޝީގެ ލަވަތައް ހިމެނެ އެވެ.
ސިޔާސީ ޕާޓީތަކަށާއި ކެމްޕެއިން ލަވަތައް ވެސް ކިޔައިދޭ މަޓޭ ވަނީ "އިޓްސް ރީތި ދޯ" އަލްބަމަށް ވެސް ލަވައެއް ކިޔައިދީފައެވެ. އަދި ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން ޝިފާ ތައުފީގާއި އިބްރާހިމް ނިމާލް (ތިމަރަ ނިމާލް)އެކު ވެސް އޭނާ ވަނީ ލަވައެއް ކިޔައިފައެވެ.
މަޓޭ ޕެޓްރޯލް ބަހާ ވާހަކައިގެ ހަގީގަތް
ޕެޓްރޯލް ހުސްވެގެން ބްރިޖް މައްޗަށް ސައިކަލު ހުއްޓޭ އެތައް ބަޔަކަށް މަޓޭ އެހީވާ ވާހަކަ ގިނަ ބަޔަކު ދައްކައެވެ. ނޭނގެނީ އެކަމުގެ ހަގީގަތާއި އެކަން ފެށުނު ގޮތެވެ.
މަޓޭ ބުނީ ބްރިޖް ހުޅުވުނު ދުވަސްވަރު އެއް ދުވަހަކު އޭނާގެ ސައިކަލު ބްރިޖް މައްޗަށް ހުއްޓިގެން މީހަކަށް ގުޅައިގެން ޕެޓްރޯލް ގެންނަން ވަރަށް ގިނަ ވަގުތު ހޭދަވި ކަމަށެވެ.
"އެ ދުވަހު ހިތަށް އެރީ އަހަރެންގެ މަޑި ދަށުގައި ނަމަވެސް ބަހައްޓަންވީއޭ ދެތިން ހަތަރު ފުޅި ޕެޓްރޯލް. އޭރަށް މަށަށް ވެސް އެޅޭނެއޭ. މީހުންނަށް ވެސް ދެވޭނެއޭ."
މީގެ ތިން އަހަރެއްހައި ދުވަސް ކުރިން ބްރިޖް މަތީގައި މީހަކު މަޑުކޮށްގެން އިންދާ ކައިރިއަށް ގޮސް މަޑުކޮށްލައިފައި މަޓޭ އަހާލީ މަޑުކޮށްގެން އިން ސަބަބެވެ. ޕެޓްރޯލް ހުސްވެގެންނޭ ބުނުމުން މަޑިދަށުން ޕެޓްރޯލް ފުޅިއެއް ނަގައި އެ ސައިކަލަށް އަޅައިފައި ހުސްފުޅި ހިފައިގެން އެ ދުވަހު މަޓޭ ދިޔައީއެވެ. އެއީ އެކަން ފެށި ހިސާބެވެ.
އެއަށް ފަހު މިއަދާ ހަމައަށް ވެސް މަޓޭ އެ ހިދުމަތްދެއެވެ. ކިތަންމެ މުހިއްމު ކަމަކު ދާން ޖެހުނަސް, ވިއްސާރައިގައި ދިޔަ ނަމަވެސް މަޑުކޮށްގެން ހުރި މީހަކު ފެނިއްޖެ ނަމަ ސުވާލުކުރުމުން ޕެޓްރޯލް ހުސްވެގެން ކަމަށް ބުނެފި ނަމަ ޕެޓްރޯލް އަޅައިދެއެވެ.
"ދެން ހަފްތާއަކު އެކަކަށް ދެ މީހަކަށް އަޅައިދީ އެހެން ދިޔަ ދުވަސްކޮޅެއް. ފަހުން ފަހުން ދެ ހަފްތާ ގޮސްދާނެ މީހަކު ނުފެނި. މަޑުކޮށްލީމާ މީހުން ބުނެފައި އެބަހުރި ޕެޓްރޯލް ހުސްވެގެންނެއް ނޫނޭ."
ބްރިޖް އެކަންޏެއް ނޫނެވެ. މާލެ ތެރޭގައާއި ހުޅުމާލެ ތެރޭގައި ވެސް އުޅަނދެއް ޕެޓްރޯލް ހުސްވެގެން ހުއްޓިގެން އުޅޭނަމަ އޭނާ ޕެޓްރޯލް ދެއެވެ. ސައިކަލުތަކަށް އަޅައިދެނީ ބައި ލީޓަރުގެ ފުޅިއެކެވެ. ބައެއް މަސް މަހު ގާތްގަނޑަކަށް 20 މީހުންނަށް މަޓޭ ޕެޓްރޯލް ދީފައިވެއެވެ.
"އެންމެ މީހަކަށް އަޅައިދިނިން ކާރަކަށް ތިން ފުޅި އެއްކޮށް. މިހާރު ވެސް މަޑި ދަށުގައި ހުންނާނެ ޕެޓްރޯލް"
މަޓޭއަކީ ހަޔާތުގެ އަޑި ގުޑަންތައް ގިރާކޮށް މީހުން ހެއްވާލަން އެއްވަނަ އެވެ. އެއީ ރާއްޖޭގައި ފަހުގެ ތާރިހުގައި އުފެދުނު އެއްވަނައިގެ ކޮމިޑިއަންއެކެވެ. ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. ފެޓްރޯލް ބަހާ ހިދުމަތްތެރިޔާ އެވެ.