Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ކަނޑުއޮތްގިރީގެ މަސައްކަތްތައް ފެލިވަރަށް ބަދަލުކޮށް އޮޕަރޭޝަނަށް ގެންނަނީ

ކަނޑުއޮތްގިރީގެ މަސައްކަތްތައް ފެލިވަރަށް ބަދަލުކޮށް އޮޕަރޭޝަނަށް ގެންނަނީ
ކ. ކަނޑުއޮތްގިރީގެ މަސައްކަތްތައް ޅ. ފެލިވަރަށް ބަދަލުކޮށް، އަންނަ މަހުގެ ކުރިން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ. މިފްކޯއިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ކަނޑުއޮތްގިރި އެމްއެންޑީއެފްއަށް ބަދަލުކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ މިދިޔަ މަހު އެވެ. ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިއަކީ ކަންނެލި މަސްވެރި ކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުން އައި ތަނެއް ކަަމަށެވެ. އެހެން ނަމަވެސް އެމްއެންޑީއެފަށް ކަނޑުއޮތްގިރި ދޫކޮށްފައިވާ ކަމަށެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މިފްކޯ އިން ބުނީ ހުޅުމާލެއިން ބިން ލިބެންދެން ކަނޑުއޮތްގިރީގައި ކުރި މަސައްކަތް ވަގުތީ ގޮތުން ފެލިވަރުގައި ފެށުމަށް ދެން ނަގާނީ ގިނަވަގެން ދެ ހަފުތާއެއްހާ ދުވަސް ކަމަށެވެ. އަންނަ މަހުގެ ކުރިން، މި މަހުގެ ފަހުކޮޅުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް މިފްކޯއިން ބުންޏެވެ. ކަނޑުއޮތްގިރީގައި ހުރި ކާރުހާނާތައް ރިލޯކޭޓް ކުރުމުގެ މަސައްކަތް ނިމެން ބާކީ ފަސް ދުވަހަށްވެފައިވާއިރު، އެ މަސައްކަތުގެ 90 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
"މިހާރު މި ކުރަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެ ރަށުން ބޭލުމުގެ މަސައްކަތް. އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިން ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތަކަށް ވުމުން ލަސްކަމެއް އައިސްދާނެ،" މިފްކޯއިން ބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ އިތުރު ކުޑަ މުއްދަތެއް ހޯދުމަށް އެމްއެންޑީއެފް އާއެކު މަޝްވަރާ ކުރެވެމުންދާ ކަމުގަ އެވެ. ހުޅުމާލެއިން ބިން ހޯދުމުގައި މިހާތަނަށް ހޯދުނު ކުރިއެރުންތަކާ ގުޅޭގޮތުން މިފްކޯއިން ބުނެފައި ވަނީ މިހާތަނަށް ބިމެއް ހަމަނުޖެހޭ ކަމަށެވެ.
"އެކަމުގައި ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީ އާ ދަނީ ކުރެވެމުން. އުންމީދު އެބައޮތް ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެ ކަމަށް،" މިފްކޯއިން ބުނެ އެވެ.
"އެމްއެންޑީއެފަށް ކަނޑުއޮތްގިރި ބަދަލުކުރެވިފައި" މިނިސްޓަރު ވިދާޅުވި ކަންނެލި މަސްވެރިކަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ކަނޑުއޮތްގިރީގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެހެންނަމަވެސް އެންމެ އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކަންނެލި މަސްވެރިންނަށް ކަނޑުއޮތްގިރީގެ ފަޅަކީ އެދެވޭ ހައްލެއް ލިބޭ ފަޅަކަށް ނުވި ކަމުގަ އެވެ. އެހެންކަމުން މި ބަދަލާ އެކީގައި އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ޖާގައެއް ލިބޭ ގޮތަށް ބަދަލު ވަނީ ގެނެވިފައި ކަމުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް