ޚަބަރު ވިޔަފާރި

ޗައިނާގެ މަރުކަޒީ ބޭންކާ އެކު ރުފިޔާއިން މުއާމަލާތްކުރަން އެއްބަސްވުމެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޖެނުއަރީ މަހު ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް

ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެކު ދިވެހި ސަރުކާރުން ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމަށް މަގުފަހިކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

Ads by MWSC

މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ އެވެ. އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީގިންޕިން އާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ޗައިނާ އާއި ރާއްޖެ އާ ދެމެދު އިގުތިސޯދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރެވި އެއްބަސްވެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެމްއޯޔޫގެ ދަށުން ރާއްޖެ އާއި ޗައިނާ އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގަން މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި އެމްއޯޔޫގެ ދަށުން:

  • ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރަން ފަސޭހަވާނެ
  • ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން މުދާ އިމްޕޯޓް ކުރުމަށް ފަސޭހަވާނެ
  • ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް، ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވާނެ

މިއީ ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމަށާއި ވިޔަފާރީގެ ގުޅުންތައް މުހިންމު ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ވަރުގަދަ ކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވަރުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެމްއޯޔޫއަކީ ދެ ގައުމުގެ މެދުގައި އިގުތިސޯދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރި އާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގަ އެވެ.

ޗައިނާ އާއި ރާއްޖެ އާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވެ އެވެ. މިވަގުތު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!