ދުބާއީ އިން އެންމެ ފަހުން ފޮނުވި 10 ވެންޓިލޭޓަރު ބަރާބަރު

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން އެންމެ ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި މި 10 ވެންޓިލޭޓަރު ވެސް ހެލްތު މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެެ.
ރާއްޖޭގައި ކޮވިޑު-19 ޖެހި، ހާލު ސީރިއަސް ވާ މީހުނަށް ފަރުވާ ދިނުމަށްޓަކައި ވެންޓިލޭޓަރުތައް ހޯދުމަށް އެގްޒެކިއުޓާސް ޖެނެރަލަށާއި މެޑްޓެކް މޯލްޑިވްސް އަށާއި ނާޑް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މިގޮގުން އެގްޒެކިއުޓާސް ޖެނެރަލް އިން 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކޮށްފައިވާއިރު، އެ ކުންފުނިން މިހާތަނަށް ގެނައީ 20 ވެންޓިލޭޓަރެވެ. މީގެ ކުރިން ގެނައި 10 ވެންޓިލޭޓަރު ވެސް ހެލްތު މިނިސްޓްރީގެ މިންގަނޑު ތަކަށް ނުފެތުމުގެ ސަބަަބުން އަނބުރާ ފޮނުވާލީއެވެ.
މިދިޔަ ހަފްތާގައި ލިބުނު 10 ވެންޓިލޭޓަރު ވެސް މަސައްކަތް ކުރޭތޯ ބަލައި ޗެކު ކުރެވިފައިވާ ކަމަށާއި، ކުރިން ފޮނުވި 10 ވެންޓިލޭޓަރުތަކާއި ޚިލާފަށް މި 10 ވެންޓިލޭޓަރުތައް ބަރާބަރަށް މަސައްކަތް ކުރާ ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު “ ވަގުތު” އަށް ވަނީ މައުލޫމާތު ދީފައެވެ.
ސިންގަލް ސޯސް ޕްރޮކިޔުމެންޓުގެ ދަށުން، ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ މި 75 ވެންޓިލޭޓަރު ގެނައުމަށް އެއްބަސް ވެފައިވަނީ 34 މިލިއަން ރުފިޔާއަށެވެ.