މަސައްކަތްތެރި ކަމަށް ދަރިވަރުން އަހުލުވެރިކުރަން ފެލިވަރުން ޕްރޮގްރާމެއް

މަސައްކަތްތެރި ކަމަށް ދަރިވަރުން އަހުލުވެރި ކުރުމަށް ޅ. ފެލިވަރުން ޕްރޮގްރާމެއް ފަށައިފި އެވެ.
"އުއްދަނަ" ގެ ނަމުގައި ފެލިވަރުން ފެށި މި ޕްރޮގްރާމަކީ ޅ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމެކެވެ.
މިއީ އެ އަތޮޅު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތްތެރި ކަމަށް ޝައުގުވެރި ކުރުމަށާއި މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގައި މަސައްކަތްތެރި ބަޔަކަށް ހެދުމާ އަދި ދަރިވަރުންނަށް ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ މި ޕްރޮގްރާމުގައި ޖުމްލަ 30 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ހިންނަވަރު އަތޮޅު ތައުލީމީ މަރުކަޒުން 13 ދަރިވަރުންނާއި ނައިފަރު މަދްރަސަތުލް އިފްތިތާހުން 17 ދަރިވަރުންނެވެ.
މި ޕްރޮގްރާމް ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް އަމިއްލައަށް ކުރިއަށްދާނެ ދާއިރާއެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި އެ ދަރިވަރަކު އިހުތިޔާރުކުރި ދާއިރާއިން މަސައްކަތުގެ ފުރިހަމަ މައުލޫމާތު މިފްކޯގެ ކަމާ ގުޅޭ ޓެކްނިކަލް މުވައްޒަފުންގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މަސައްކަތުގައި އަމަލީ ގޮތުން ތަޖުރިބާ ހާސިލު ކުރުމުގެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ލިބިގެން ދާނެ އެވެ.

އުއްދަނައިގެ ނަމުގައި ޅ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ:މިފްކޯ
"އުއްދަނަ" ޕްރޮގްރާމުގެ ދަށުން މެރިން މެކޭނިކް، އޮޓޯ މެކޭނިކް، ރެފްރިޖެރޭޝަން މެކޭނިކް، ކޭޝިއަ، ޕްރޮޑަކްޝަން، ކޮލިޓީ އެޝުއަރެންސް، ލެބޯޓަރީ ޓެކްނީޝަން، އެޑްމިނިސްޓްރޭޝަން، ހައުސިން އެންޑް ލޯންޑަރީ، އެގްރިކަލްޗަ އެންޑް ފާމިން ފަދަ ގިނަ ފަންނީ ދާއިރާތަކުން ދަރިވަރުން އަހުލުވެރި ކުރާނެ އެވެ.
ފެލިވަރުގެ އަމާޒަކީ މި ޕްރޮގްރާމް ފުޅާކޮށް، މެދުނުކެނޑި ކުރިއަށް ގެންގޮސް، ސްކޫލުތަކުގެ ދަރިވަރުންނަށް މި ސިނާއަތުގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.