އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީކުރަން އެމްޕީއެލުން ރަށު ކައުންސިލާއެކު އެއްބަސްވުމެއް
ތިލަދުންމަތި އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ރަށު ކައުންސިލާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އިހަވަންދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކައުންސިލުގެ ރައީސް އަހްމަދު ސޮބާހެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ އިހަވަންދޫގައި ތަރައްގީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އެމްޕީއެލްގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.
"ލަސްތަކެއް ނުކޮށް މިކަމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ވަޖީހު ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވި ގޮތުގައި އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފަށާއިރު "ހުރިހާ ކަމެއް ފުރިހަމަނުވިޔަސް،" އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގަ އެވެ.
"މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މި އޮތް ޖިއޮގްރަފިކަލް ލޮކޭޝަނުން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާ ނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން (ރާއްޖެ) އަށް ފައިދާ ލިބޭނެ،" ވަޖީހު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮބާހު ވިދާޅުވީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްގީ ކުރުމަކީ އެ ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޕްރޮޖެކްޓެއް ކަމަށެވެ.
"ވަޒީފާގެ ފުރުސަތުތަކެއް (ރަށުގައި) އެބަ އުފެދޭ މިކަމުން. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އަމަލީ މަސައްކަތް ފެށުން،" ސޮބާހު ވިދާޅުވި އެވެ.
އިހަވަންދޫގައި ޑޮކްޔާޑާއި ސްލިޕްވޭ ތަރައްގީ ކުރަނީ އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް) ގެ ދަށުން ހިދުމަތް ފޯރުކޮށްދިނުމަށެވެ. އެމްޕީއެލުން ވަނީ އެ އަތޮޅު އުލިގަމުގައި އައިއެސްޕީއެސް ގޭޓް ގާއިމުކޮށްފަ އެވެ. އަދި ތުރާކުނުގައި ވޯޓަ ބަންކަރިން ހިދުމަތަށް ބޭނުންވާ ފެން ބާޖް ބޭއްވުމަށް އެ ރަށު ކައުންސިލާ އެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ.