ޚަބަރު އިޖުތިމާޢީ ސަރުކާރު

ޕޮލިޓެކްނިކުން 431 ދަރިވަރަކު ތަމްރީންވެއްޖެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މޯލްޑިވްސް ޕޮލިޓެކްނިކުން ގައުމަށް ބޭނުންވާ އެކި ދާއިރާތަކުގެ ހުނަރުވެރި 431 ދަރިވަރަކު މިއަދު ތަމްރީން ވެއްޖެ އެވެ.

Ads by MWSC

ޕޮލިޓެކްނިކްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިދިޔަ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބާއްވާފައިވާއިރު ދަސްވެނިވި 431 ދަރިވަރުންގެ ތެރެއިން 324 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި އަންހެން ދަރިވަރުންގެ އަދަދަކީ 107 އެވެ.

އެ ރަސްމިއްޔާތުގައި ގްރެފިކް ޑިޒައިން، އިލެކްޓްރިޝަން، އިންޖީން ރިޕެއާ، އޮފިސް މެނޭޖްމަންޓް، ވުޑް ޓާނިންގް، ފެޝަން ޑިޒައިން، އާޓިޓެކްޗާ ފަދަ އެތަށް ދާއިރާއެއްގެ ކޯސްތަކަކުން ދަސްވެނިވެފަ އެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވަނީ ޓެކްނިކަލް ދާއިރާތަކުން ގައުމަށް ހިދުމަތް ކުރާނެ ޒުވާނުން ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެދާއިރާތަކުން ޒުވާނުން ތަމްރީންކުރުމުގެ މުހިންމުކަންވެސް މުއްތޮލިބު ވަނީ ފާހަގަކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ތަމްރީނުވެފައިވާ 22 ދަރިވަރުން ވަނީ ހާއްސަ އެވޯޑް ހާސިލު ކޮށްފައިވެ އެވެ.

ރަސްމިއްޔާތުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ ދިގު ތާރީހެއް އޮތް އިންސްޓިޓިއުޓެކެވެ. 1975 ވަނަ އަހަރު ވީޓީސީގެ ނަމުގައި އުފެދުނު އެ މަރުކަޒު މިއަދު މިވަނީ ރައީސްގެ ގަރާރެއްގެ ދަށުން 12 އެޕްރީލް 2010 ވަނަ އަހަރު "މޯލްޑިވްސް ޕޮލިޓެކްނިކް" ނަމަށް ބަދަލު ކުރެވި ވޮކޭޝަނަލް ޓްރެއިންނިންގް ކޯސްތައް ހިންގުމަށް މަތިކުރެވިފަ އެވެ.