މަތީ ތައުލީމުގެ ހުރިހާ އިމްތިހާނަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް ގަވައިދު ބަދަލުކުރަނީ
މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަކަށް ގަވައިދު ބަދަލުކުރަން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވެގެން ނޫންގޮތެއްގައި އެ ކޯހުން ފާސް ނުވެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ފިޒާނާ ވިދާޅުވި އެވެ. އަދި އެ އުސޫލު ވަރަށް އަވަހަށް ގެޒެޓް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފިޒާނާ ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
"50 އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާގޮތަށް ހަދައިފިނަމަ އެސައިމަންޓްގެ ބައި ކުޑަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ. އެސައިމެންޓް ގަތުމުގެ ބައިވެސް ކުޑަވެގެން ދާނެ" ފިޒާނާ ވިދާޅުވި އެވެ.
މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ޖެހޭ އެސައިމަންޓަށް 40 އިންސައްތަ އިން ފެށިގެން 70 އިންސައްތައާ ހަމަޔަށް މާކްސް ދެ އެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި 100 އިންސައްތަ އެސައިންމަންޓުން ދަރިވަރުން ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެ އެވެ.
މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ވަނީ މަތީ ތައުލީމު ހަދަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެ ނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެއް ކަމަށެވެ. އަދި އެކަމަށް އަދަބު ކަނޑައެޅިފައިވެ އެވެ.
ނަމަވެސް މިހާރަކަށް އައިސް ދަރިވަރު އަމިއްލަ އަށް އެސައިމެންޓް ހެދުމުގެ ބަދަލުގައި އެހެން މީހެއް ލައްވާ އެސައިމެންޓް ހަދައިގެން ނުވަތަ އެސައިމެންޓް ގަނެގެން މަތީ ސަނަދު ހާސިލް ކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.