ޚަބަރު ސަރުކާރު

ސެކްރެޓަރީ ޖެނެރަލާ ބައްދަލު ކުރައްވާ ރައީސް ފާހަގަކުރެއްވީ މާލީ ގޮންޖެހުންތަކުގައި ރާއްޖެއަށް އެހީތެރިކަން މުހިންމުކަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލު ކުރެއްވުން: ފާހަގަކުރެއްވީ މާލީ ގޮންޖެހުންތަކުގައި އެހީތެރިކަން ލިބުމުގެ މުހިންމުކަން / ފޮޓޯ:ރައީސް އޮފީސް

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އާ ބައްދަލު ކުރައްވާ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުން މުހިންމު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފި އެވެ.

Ads by STELCO

ސެކްރެޓަރީ ޖެނެރަލް އާ ރައީސް ބައްދަލުކުރައްވާފައި ވަނީ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލިހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށް ވުރެ ހަރަކާތްތެރި ދައުރެއް އަދާކުރުމަށް، ހާއްސަ ގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފަ އެވެ.

ދަރަނި ކުޑަ ކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ގައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށް ވެސް ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެ ކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބުން މުހިންމު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ގުޓާރޭޒް ވަނީ ބައިނަލްއަގުވާމީ މައްސަލަތަކުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ. މި ކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައި ވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ގުޓާރޭޒްގެ ލީޑަޝިޕްގެ ދަށުން ދުނިޔޭގެ މަސްރަހުގައި ބޮޑެތި މައްސަލަތަކަށް ބަހުސް ކުރުމުގައި އެންމެހާ މެމްބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

Ads by Ooredoo