ޚަބަރު ސިޔާސީ

ރައީސް ސާބިތުކޮށްދެއްވީ މީސްކޮޅު މަދަސް ދިވެހިންގެ އަޑުމަޑު ނޫންކަން: އަބްދުއްރަހީމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ފުރާވަޑައިގަންނަވަން ވަޑައިގެންނެވިއިރު އަރިހުގައި އަބްދުއްރަހީމް / ފޮޓޯ:ރައީސް އޮފީސް

ނިސްބަތުން ރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑުމަޑު ނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އދ. ގެ އާންމު މަޖިލިހުގެ ސެޝަނުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ އެންމެ ބޮޑު އެ ޖަމިއްޔާ ވެސް ހިމެނޭ ގޮތަށް ދޭދޭ ގިނަ ގައުމުތައް ބައިވެރިވާ ގުޅުމުގެ ނިޒާމުގެ ބޭނުމެއް ހިފޭ ކަމުގައި ބެލެވޭނީ ގިނަ ގައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ހަގީގީ ހެޔޮ ބަދަލެއް ގެނެވިގެން ކަމަށެވެ.

އދ. އާއި މަލްޓިލޭޓަރަލް ނިޒާމު ފެއިލްވެފައިވާކަން ހަރުއަޑުން ވިދާޅުވަމުން ގެންދެވީ ހާސިލު ނުކުރެވޭ ލަނޑުދަނޑިތަކުގެ ފޮތްތަކާއި އޭގެ ރިޕޯޓުތައް ދައްކަވަމުންނެވެ.

އެއަށް ފަހު އާންމު މަޖިލިހަށް ރައީސް ދައްކައިލީ ތަފާތު ފޮޓޯގަނޑެކެވެ. ފޮޓޯގަނޑުގެ އެއްކައިރިން ފެންނަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ހުރިހާ ކާރިސާއެއް ނޯޓުކޮށްފައިވާ ތަނެވެ. ދެން އޭގައި ވަނީ ދުނިޔޭގެ މެޕެވެ. އެ މެޕްގައި ހުރިހާ ގައުމެއް އޮތީ ރަތް ކުލައިންނެވެ.

ފޮޓޯގަނޑުގެ މައި ސުރުހީއަކަށް ލިޔެފައި ވަނީ "ކަންޓްރީސް އިން ކްރައިސިސް" އެވެ. މާނައަކީ އެއީ ކާރިސާގައި ތާށިވެފައިވާ ގައުމުތަކެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ނިސްބަތުން ރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑުމަޑު ނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ދިވެހީންގެ ރާއްޖޭގެ ރައީސް ސާބިތުކޮށްދެއްވައިފި ކަމަށެވެ.

"ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާ ދުނިޔެ މިއަދު ކުރިމަތިލާން ޖެހިފައިވާ ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލެއްވީ ހުއްޖަތާ ދަލީލުތައް ދައްކަވާ ދިވެހީން ފަހުރުވެރި ކުރުވަމުން،" ރައީސްގެ ތަގުރީރުގެ ފޮޓޯތަކާ އެކު ކުރެއްވި ޕޯސްޓުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އދ. ގެ ނިންމުންތައް އދ. ގެ ނިޒާމުގެ އެކި ކަންކޮޅުތަކުގައި އަދި ލޯކަލް ލެވެލްގައި ތަންފީޒު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ވިދާޅުވި ގޮތުގައި މަލްޓިލޭޓަރަލް ސިސްޓަމް ފެއިލްވަމުންދާ ތަން ބަލަން މަޑުކޮށްލައިގެން ރާއްޖެއަށް ނޯވެވޭނެ ކަމުގަ އެވެ. ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމާއި ދެމި އޮތުމަކީ ދުނިޔެ އާ ގުޅިފައިވާ ކަމެއް ކަމުގަ އެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބޭނުން ވަނީ ޗެމްޕިއަންކުރާ މަލްޓިލޭޓަރަލް ސިސްޓަމެއް އަދި ނަތީޖާ ނެރެވޭނެ ސިސްޓަމެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!