ޚަބަރު ސިޔާސީ

ރައީސް ކުރެއްވި މަސައްކަތްޕުޅުން ކުރިއަށް އޮތްތަނުގައި ރާއްޖެ އާ މެދު ދެކޭ ގޮތް ތަފާތުވާނެ: މުންދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސަފީރު މުހައްމަދު ހުސައިން ޝަރީފް / ފޮޓޯ:މޯލްޑިވްސް އެމްބަސީ ޔޫއޭއީ

އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުން ކުރިއަށް އޮތްތަނުގައި ރާއްޖެއާ މެދު ދެކޭ ގޮތް ތަފާތުވާނެ ކަމުގައި ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި އެވެ.

Ads by MWSC

ރައީސް ވަނީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަނުގަ އާއި އދ. ގެ ސަލާމަތީ މަޖިލިހުގައި ވެސް ތަގުރީރު ކުރައްވާފަ އެވެ.

އަދި ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގައި ވާހަކަ ދެއްކެވި އެވެ. އޭގެ އިތުރުން އެކި ގައުމުތަކުގެ ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ. ދަތުރުފުޅަށް ފަހު މިއަދު އެނބުރި ގައުމަށް ވަނީ ވަޑައިގެންފަ އެވެ.

ސަންގުޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ އދ. ގެ އާންމު މަޖިލިހުގައި މީގެކުރިން ރާއްޖޭގެ ރައީސުން ތަގުރީރު ކުރައްވާފައި ވިނަމަވެސް، ސަލާމަތީ މަޖިލިހުގައި ރައީސަކު ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރަކީ މިއީ ކަމަށެވެ.

އާންމު މަޖިލިހުގައި ރައީސް ކުރެއްވި ތަގުރީރު ފައްޓަމުން ރާއްޖޭގެ މާޒީއަށް އަލިއަޅުއްވާލެއްވި ކަމަށެވެ. އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެވިތާ 59 އަހަރު ފުރުނުއިރު، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ގޮތާއި ލިބުނު ކުރިއެރުންތައް ފާހަގަކުރެއްވި ކަމަށެވެ.

އެއަށްފަހު 2040 ވަނަ އަހަރާ ހަމައަށްދާއިރު، ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތުމަކީ ތަސައްވުރެއްގެ ގޮތުގައި ދެކިވަޑައިގެން އެކަމަށް އަމާޒަށް ހިފަން ޖެހޭ ކަމަށް ވިދާޅުވި ކަމަށެވެ.

ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ހާސިލު ކުރަން ޖެހޭ ލަނޑުދަނޑިތައް ވިދާޅުވެ ދެއްވި ކަމަށެވެ. އެކަން ހާސިލު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ޝަރުތުތަކުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް މުންދު އަލިއަޅުއްވާ ލެއްވި އެވެ.

ފުޅާ ދާއިރާއެއްގައި ސިޔާސަތު ހާމަކުރެއްވުމުގެ އިތުރުން މިވަގުތު ދުނިޔޭގައި ހިނގަމުންދާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ރާއްޖޭގެ ވިސްނުން ހާމަކުރެއްވި ކަމަށެވެ.

ސަލާމަތީ މަޖިލިހުގައި ރައީސްގެ ވާހަކަފުޅު ބައްޓަން ކުރެއްވީ ފަލަސްތީނުގެ މައްސަލައިގެ މައްޗަށާއި އދ. އިސްލާހު ކުރުމުގެ މައްޗަށް ކަމަށް މުންދު ވިދާޅުވި އެވެ. އެކަން ކުރެއްވީ ވަރަށް ބަލައިގަނެވޭނެ ސާދާ ވިސްނުންފުޅެއްގެ ތެރެއިން މުހިންމު އަސާސްތަކެއްގެ މައްޗަށް ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި ތަސައްވުރު ފުދިފައިވާ ޑިމޮކްރަސީތަކުގައި ކަންކުރަމުން އަންނަ ގޮތް ދިވެހިން ދަސްކުރަންވެއްޖެ ކަމުގަ އެވެ. ދިވެހިން ބޭނުން ވާނީ ރާއްޖެއަށް ދިވެހީންގެ ބާރު ހިނގަން ކަމުގަ އެވެ. ރައީސް ވިދާޅުވާ "މޯލްޑިވްސް ފަސްޓް ޕޮލިސީ" އަކީ އެއީ ކަމުގަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކެއްގެ ތެރެއިން އަޅުގަނޑުމެންނަށް ވެސް އިހުތިރާމުކުރާ، މިނިވަންކަމުގެ ރޮނގުން އެތެރެއަށް ނުވަންނާނެ ބަޔަކު، އެ އިހުތިރާމާ އެކުގައި އަޅުގަނޑުމެންނާ އެކީ މުއާމަލާތްކުރާ ބައެކޭ އަޅުގަނޑުމެންގެ ރަހުމަތްތެރިންނަށް ވަނީ،" މުންދު ވިދާޅުވި އެވެ.

ޒަމާންތަކެއް ވަންދެން އެ ޕޮލިސީ ނުކުޅެ ގެންގުޅެން ޖެހޭ ކަމުގަ އެވެ. އޭރަށް ރާއްޖެއިން ގެންގުޅޭ ޕޮލިސީ ދުނިޔެއަށް ސާފުވާނެ ކަމުގަ އެވެ. ރާއްޖެ އަކީ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ހިނގާ ތަސައްވުރު ފުދިފައި އޮތް ޑިމޮކްރެޓިކް އަދި އުންމީދުތަކެއް އޮތް ގައުމެއްގެ ގޮތުގައި މިއަދު ބަލައިގަންނަ ކަމުގައި މުންދު ވިދާޅުވި އެވެ.

ވިދާޅުވީ ރައީސް ކުރެއްވި އެއް ހަފުތާގެ މަސައްކަތްޕުޅު ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވަރުގަދައަށް ފެންނާނެ ކަމަށެވެ.

"މީހުން އަޅުގަނޑުމެންނާ ބައްދަލުވާއިރު، މުއާމަލާތްކުރާ ގޮތް ތަފާތުވާނެ. އަޅުގަނޑުމެންނާ މެދު ދެކޭގޮތް ތަފާތުވާނެ،" މުންދު ވިދާޅުވި އެވެ.

ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަވާނެ ކަމުގަ އެވެ. ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކުގެ އަދަދު އިތުރުވާނެ ކަމުގަ އެވެ. އެ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މިވަގުތު ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެ ކަމަށް މުންދުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

Ads by HDC