ޚަބަރު އިޖުތިމާޢީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިން ވިއްކަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު/ ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

Ads by STELCO

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލި 12 ބިމަކީ 3،689 އަކަފޫޓާއި 3،746 އަކަފޫޓުގެ ބިން ކަމަށެވެ.

އަދި ބިން ވިއްކުމަށް ހުޅުވާލާފައިވަނީ ބީލަމުގެ އުސޫލުންނެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500ރ އެވެ. އަދި ކޮންމެ ފަރާތަކަށްވެސް 3 ބިން ގަނެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތައް ބިން ވިއްކަން ހުޅުވާލާފައިވާ އިރު، 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެކަމަށް އެދި ބީލަން ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އަދި ކުންފުންޏަކުން ބީލަން ހުށަހަޅާނަމަ، އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

މީގެ އިތުރުން އިއުލާނުގައި ބުނީ ބިން ވިއްކުން ކުރިއަށް ދާނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ.

އޭގެއިން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ( އީއޯއައި) ހުށަހެޅުމެވެ. އަދި ދެވަނަ މަރުހަލާ އަކީ އެއް ބިމަކަށް އެކަކަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާނަމަ، ބިޑް ކުރުމެވެ.

ބީލަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށް އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ. އަދި މިހާރު ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެ މައުލޫމާތުވެސް ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އިއުލާނުގައިވެ އެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

Ads by HDC