ޚަބަރު

އެއްވެސް ބައްޔެއް ޖެހުމަކީ ކުށެއް ނޫން، ކޮވިޑް ޖެހޭ މީހުން ދެކެ ރުޅި ނާދޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހޭ މީހުންނާ މެދު އަދިވެސް ތަފާތު ކުރުންތައް ގެންގުޅެމުން އަންނަ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އެދިއްޖެއެވެ.

Ads by Hajj Corporation

އެ ސެންޓަރުގައި ރޭ ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންނާ އަދި ބައެއް ފަހަރު އެމީހުންނާ ކޮންޓެކްޓުވާ މީހުންގެ އިތުރުން އެމީހުންގެ އާއިލާތަކާ މެދުވެސް ތަފާތު ކުރުން ގެންގުޅުމާ އަދި އެމީހުންނަށް ރުޅިވެރިކަން އަމާޒުކުރާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އެއްވެސް ބައްޔެއް ޖެހުމަކީ މީހަކު ކުށްވެރިވާ ނުވަތަ ތަފާތުކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ބަލި ޖެހިދާނެ ކަން ގަބޫލު ކުރަން ޖެހޭ ކަމުގައި ނަޒްލާ ވިދާޅުވިއެވެ.

"މިއަދު ބަލިޖެހުނު މީހަކާ މެދު ތަފާތުކުރުން ގެންގުޅެފައި މާދަމާ އަޅުގަނޑުމެންނަށް ވެސް ބަލިޖެހިދާނެ. އަޅުގަނޑުމެންނަށް ބަލިޖެހޭ ދުވަހަކު، އާއިލާ މީހަކަށް ބަލިޖެހޭ ދުވަހަކު އަޅުގަނޑުމެން ބޭނުމެއް ނުވާނެ މީހަކު އަޅުގަނޑުމެންނާ ދޭތެރޭ އެގޮތަށް އަމަލު ކުރާކަށް. ތަފާތު ކުރާކަށް، ރުޅިވެރިކަމާއެކު މުއާމަލާތް ކުރާކަށް،" މިކަމާ ގުޅިގެން ޑރ. ނަޒްލާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ތަފާތުކުރުން ގެންގުޅުމާއި ބަލި ޖެހޭ މީހުންނާމެދު ގެންގުޅޭ ރުޅިވެރިކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވާ ކަން ފާހަގަކުރައްވައި، ނަޒްލާ ވިދާޅުވީ ބަލިވުމުން އެކަކު އަނެކަކަށް ވީހާވެސް އޯގާތެރިވެ، ނަފްސާނީ ގޮތުން ވެސް އެކުގައި ތިބިކަން އަންގައިދޭން ޖެހޭ ކަމަށެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 93 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8834 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!