ރިޕޯޓް

އެކުގައި ކިޔެވި ކުދިންގެ ހާލަތު ފެނި ތަފާތު ޓީޗަރަކަށްވި ފަޒީލާ, ނަމޫނާ ޕްރިންސިޕަލެއް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ކުޑައިރުންސުރެ ކޮންމެ ކުއްޖަކުވެސް ވާސިލުވާން ބޭނުންވާ އަމާޒެއް ކަނޑައަޅައެވެ. ބޮޑުވެގެންވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްކަން ނުވަތަ ހިދުމަތް ކޮށްދޭން ބޭނުންވާ ދާއިރާ ހިޔާރުކުރެއެވެ. އެގޮތުން ދާއިރާ ހިޔާރުކުރުމުގައި ތަފާތު ސަބަބުތައް ހިމެނެއެވެ.

Ads by MWSC

ރ. ކިނޮޅަހަށް އުފަން, މި ވަގުތު ހދ. ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ފަޒީލާ އަބްދުލް ޣަފޫރު ތައުލީމީ ދާއިރާއަށް ވަންނަން ޝައުގުވެރިކަން އުފެދުނު ސަބަބު ވަރަށް ތަފާތެވެ.

އުފަން ރަށުން ތައުލީމީ ހަޔާތް ފެއްޓެވި ފަޒީލާގެ ތައުލީމީ ހަޔާތުގެ ގްރޭޑް 5 އާ ހިސާބަށް ކިޔަވައިފައި ވަނީ ވެސް ވަނީ ރަށުންނެވެ. އެއަށް ފަހު މާލެ ބަދަލުވެ, މާފަންނު މަދަރުސާއާއި އަހުމަދިއްޔާ ސްކޫލްގެ އިތުރުން ގަލޮޅު މަދަރުސާއިން ވެސް ތައުލީމް ހާސިލް ކުރެއްވިއެވެ.

ގަލޮޅު މަދަރުސާއިން އޯލެވްލް ނިންމައިލުމަށް ފަހު ބައިލޮޖީ ޓީޗަރަކަށްވުމަށް އުފެދުނު ޝައުގުވެރިކަމާ އެކު 2005ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ފައުޑޭޝަން ކޯހެއް ހެދީ އެ ދާއިރާއިންނެވެ.

އެއަށް ފަހު ބަޔޮލޮޖީ ޓީޗަރެއްގެ ޑިޕްލޮމާ ކޯސް ފުރިހަމަކުރުމަށް ފަހު ރ. އަތޮޅު ސްކޫލާއި ކެނދިކުޅުދޫ ސްކޫލްގެ އިތުރުން ރ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައިވެސް ފަޒީލާ މަސައްކަތްކުރައްވައިފައި ވެއެވެ. އެއަށް ފަހު 2012ވަނަ އަހަރު ކިނޮޅަހު ސްކޫލްގެ ހެޑްގެ މަގާމުގައި ހުންނަވައިގެން ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވުމަށް ފަހު ފަޒީލާ އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2017ވަނަ އަހަރުއެވެ.

2020ވަނަ އަހަރާ ހަމައަށް އެ މަގާމުގައި ހުރުމަށް ފަހު އެ މަގާމުން ވަކިވެވަޑައިގެން ނަމަވެސް ފަޒީލާ މަސައްކަތް ކުރަމުން ގެންދެވީ ހަމަ އެ ދާއިރާގެ ތެރޭގައެވެ. އެގޮތުން ބ. އޭދަފުށި އަދި ކެންދޫގައި ޕްރީސްކޫލެއް ހިންގުމުގެ މަސައްކަތް ފަޒީލާ ކުރައްވައިފައި ވެއެވެ.

ފަޒީލާ ނޮޅިވަރަމް ސްކޫލާ ހަވާލުވެވަޑައިގެންނެވީ މި އަހަރުގެ ތެރޭގައެވެ.

ބޭނުންވީ ތަފާތު ޓީޗަރަކަށް ވާން

ފަޒީލާ މާލޭގައި ކިޔަވަން ހުރި ދުވަސްވަރު އެކުގައި ކިޔަވަން އުޅުނު ކުދިން އުޅެމުން ދިޔަ ގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވިއެވެ. ގެއަށް ހަވާލުކުރާ މަސައްކަތްތައް ނުހެދި, ސްކޫލަށް ގެންނަން ޖެހޭ ތަކެތި ހަމައަށް ނުގެނައުމުގެ ސަބަބުން ކުދިންނަށް ސްކޫލްގެ މާހައުލުގައި އަދަބު ދެވިގެން ދިޔަ މަންޒަރުތައް ވެސް ފެނުނެވެ.

ފިލާވަޅު ނުނިމި, ހަމައަށް ތަކެތި ސްކޫލަށް ނުގެންދެވިގެން އަދަބު ދެވުނު ނަމަވެސް އެކަން މެދުވެރިވާން ދިމާވާ ސަބަބު ބަލައިނުލެވޭކަން ފަޒީލާ ފާހަގަކުރެއްވިއެވެ.

"އެ ކަހަލަ މާހައުލުތަކުގައި ކުދިންނަށް ކިޔަވާނެ މާހައުލެއް ނުލިބޭ. ފިލާވަޅު ނިންމާނެ ގޮތެއް ނުއެއް އޮވޭ. އެހެން ތިބެފައި މި އަންނަނީ ކްލާހަށް އައިސް ޑެސްކުގައި ބޯ ޖަހައިގެން ނިދުމާ ދެން ވަރަށް ތަފާތު ޑިސިޕްލިނަރީ އެކްޝަންތައް ނެގިގެންދޭ ކުދިންނާ މެދު. ބޭރަށްލުމާ އެހެން ކަހަލަ ކަންތައްތައް ފެނިގެން ދިޔަ މިސްއަށް."

އެ ހިސާބުން ތަފާތު ޓީޗަރަކަށްވުމަށް ފަޒީލާ އަޒުމު ކަނޑައެޅިއެވެ. އެ ނޫން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ބައްޓަން ކުރުމަށް ބޭނުންވިއެވެ. އެހެންކަމުން ޓީޗަރެއްގެ ގޮތުގައި ފަޒީލާ ވަނީ ކުދިންނަށް ބޭނުންވާ އިމޯޝަނަލް ސަޕޯޓާއި އެހެންނިހެން ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވައިފައެވެ.

"ހަމައެކަނި ކޮންޓެންޓް ކަވާކުރުމަށް ވުރެ އެ ކުދިންނާ ގާތްގުޅުމެއް ބާއްވައި ލޯތްބާއި އަޅާލުމާ ދީގެން ކުދިންނަކީ ވެސް މިސްގެ ކުދިންގެ ގޮތުގައި ދެކިގެން ވަރަށް މަސައްކަތް ކޮށްދެވޭތޯ ވަރަށް ބެލިން"

އާދައިގެ ޓީޗަރެއްގެ ގޮތުގައި ފަޒީލާ މަސައްކަތްކުރެއްވި ދުވަސްވަރު ކުދިންގެ ކަންކަން ނިމުމުގައި އާދައިގެ ޓީޗަރަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރެވުނެވެ. ޕޮލިސީ ލެވެލްގައި ގޮތް ނިންމުމުގެ ފުރުސަތު ހޯދައި, ބޭނުންވާ ބަދަލުތައް ގެނައުމުގެ އުންމީދުގައި ފަޒީލާ ޕްރިންސިޕަލްއަކަށް ބަދަލުވާން މަސައްކަތް ފެއްޓެވ އެވެ.

"ކުދިންނަކީ ވެސް އިންސާނުންކަން އިމޯޝަންތަކަކާ އެކީގައި ނީޑްސްތަކަކާ އެކީގައި ސްކޫލަށް އަންނަ ބައެއްކަން ދެނެގެން އެ ކުދިންނަށް އަދަބު ދިނުމަށް ވުރެ ބޮޑަށް އަޅާލުމާ ލޯބި ބޭނުންވާކަން އަޅުގަނޑުމެން ދެނެގަންނަން ޖެހޭކަން އެއީ އަޅުގަނޑުމެން ސްކޫލުގެ އެންމެން ވެސް ދެކެން ޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން އެ ހިސާބަށް އަމަލުކުރެވޭނެ ގޮތެއް ހޯދަން ބޭނުންވީ އަސްލު."

ފަޒީލާ ވިދާޅުވީ ޕްރިންސިޕަލްއަކަށް ބަދަލުވުމަށް ފަހު ބަދަލުތައް ގެނައުމަށް ލިބުނު ފުރުސަތުތަކުގައި ބަދަލުތައް ގެނެސްފައިވާނެކަމަށެވެ. އެގޮތުން ކުދިން ބޭރަށް ނެރެ އަދި އެކަށީގެން ނުވާ ގޮތުގައި ދެމުންދިޔަ އަދަބުތައް ފަޒީލާ ވަނީ ނިމުމަކަށް ގެނެސްފައެވެ.

ދަރިވަރުންނާ އެކީގައި މަސައްކަތްކޮށް, ސްކޫލުގެ ތެރެއިން ހުރިހާ ޓީޗަރުންނަށް އިރުޝާދު ދެވި, މުޅި ސްކޫލް ސިސްޓަމްގެ ތެރޭގައި ބޭނުންވާ އެ ބަދަލުތައް ގެނައުމަށް މަޑުމަޑުން އެ ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނުމުން ހިތްހަމަ ޖެހޭ ކަމަށް ފަޒީލާ ފާހަގަކުރެއެވެ.

"ވަރަށް ހިތްހަމަޖެހިގެން މި ވަގުތު ވެސް މި މަސައްކަތް ކުރަމުންދަނީ، ކޮންމެ ތަނެއްގައި މަސައްކަތް ކުރިޔަސް އަޅުގަނޑުގެ މަސައްކަތް އަޅުގަނޑަށް ބަރާބަރަށް، އަދާކުރެވޭ ކަމުގެ ހިތްހަމަޖެހުން އޮންނަކަމުގައިވާ ނަމަ، އެ ހިތްހަމަޖެހުން އަޅުގަނޑު އޮންނާނެ، މިހާރު ވެސް އެގޮތުގެ މަތިން މި ކުރިއަށް ދަނީ"

އެހެން ދާއިރާތަކާ އެއްގޮތަށް ތައުލީމީ ދާއިރާއަކީ ވެސް ގޮންޖެހުން ބޮޑު ދާއިރާއެކެވެ. އަތޮޅު ތެރޭގެ ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދެމުންދާ އިރު ކޮންމެ ރަށެއްގެ މާހައުލުގައި ވެސް އެކި ދިމާވާ ގޮންޖެހުން ތަފާތުކަން ފަޒީލާ ފާހަގަކުރެއެވެ.

ހިދުމަތް ފޯރުކޮށްދިނުމުގައި ސްކޫލްގެ ތެރޭގައި ވަސީލަތްތައް ތަރައްގީކުރުމާއި ޓީޗަރުންގެ ގާބިލުކަން ބޭނުންވާ އެ ހިސާބަށް ގެނައުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ގޮންޖެހުންތައް ދިމާވާ ކަމަށް ފަޒީލާ ވިދާޅުވިއެވެ. އެގޮތުން މިސާލެއް ޖައްސަވަމުން ފަޒީލާ ފާހަގަކުރެެއްވީ 60 ޕަސެންޓް ދަރިވަރުން މަދުވެގެން 5 މާއްދާއިން ފާސްކުރުމަށް މިނިސްޓްރީއިން ކަނޑައަޅައިފައި އޮންނަ ޓާގެޓަށް ވާސިލުވުމަށް ދިމާވާ ގޮންޖެހުންތަކެވެ.

"އަޅުގަނޑުމެން އެންމެން ވެސް ބުނޭ ފަސް އިނގިލި އެއްވަރެއް ނޫނޭ އެއްވެސް އިންސާނެއްގެ. ކުދިން އުފެދުމުގައި ވެސް ދުނިޔެއަށް އަންނައިރުގައި ވެސް އެ ގާބިލުކަން ލިބިފައި ހުންނަނީ އެކި ލެވެލްގައި, އެކި މިންވަރަށް."

ފަޒީލާ ވިދާޅުވީ ކުދިންނަށް ލިބިފައިވާ ގާބިލުކަމަށް ރިއާޔަތްކޮށް, ކްލާސް ރޫމުގައާއި އެހެން ހަރަކާތްތައް ބައްޓަން ކުރުމުގައި އެ ކުދިންނަށް ދޭން ޖެހޭ ސަޕޯޓް ދިނުމުގައި ރިސޯސް ނެތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

އޭގެ އިތުރުން އަންހެނަކަށްވެ ހުރެ އެ މަގާމުގައި މަސައްކަތް ކުރަމުންދާއިރު އެހެން ދާއިރާތަކާ އެއްގޮތަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ފަޒީލާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ޕްރިންސިޕަލްއަކަށް ހުންނައިރު ވެސް، ފިރިހެން ބޭފުޅަކަށްވީމަ، ދިމާނުވާ ކިތަންމެ ކަމެއް އަންހެންބޭފުޅަކަށްވީމަ ހަމަ ދިމާވޭ، އެއީ ހަމަ ހަގީގަތް އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން"

ދާއިރާއަށް ނިކުންނަ ކުދިންގެ އަދަދު މަދުވަނީ ވޯކްލޯޑް ބޮޑުވުމުންކަން ގަބޫލުކުރަން!

އެހެން ދާއިރާތަކާ ހިލާފަށް ތައުލީމީ ދާއިރާއަށް ނިކުންނަ ދިވެހިންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ. ބިދޭސީ ޓީޗަރުންގެ އަދަދު މަދުވާތަން ނުފެނެއެވެ. ފަޒީލާ ވިދާޅުވީ ޓީޗިން ދާއިރާއަށް ވަނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވޯކްލޯޑް ބޮޑުވުން ކަމަށް ބެލެވޭ ކަމަށެވެ.

މަންހަޖަށް ބަދަލު ގެނެސްގެން ޕޮލިސީ ލެވްލްގައި ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފަޒީލާ ވިދާޅުވި އެވެ.

"މުސާރައަށް ބަދަލު އައި ނަމަވެސް ޓީޗަރުން ކުރަން ޖެހޭ މަސައްކަތަށް ބަދަލެއް ނާދޭ."

ފަޒީލާ ވިދާޅުވީ އެކަމަށް ހައްލެއް ލިބިގެންދާނީ ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

މާލެއާއި ރަށްރަށުގެ ތައުލީމީ ފުރުސަތުތައް ތަފާތު, އެންމެން ޖެހޭ ގަބޫލުކުރަން

ޒަމާނުންސުރެ ރަށްރަށުން މާލެއަށް ކިޔަވަން އަންނަ އައުން އަދިވެސް ބަދަލުވިތަނެއް ނުފެނެއެވެ. ތަފާތެއް އުޅެނީތޯ ކުރި ސުވާލުގެ ޖަވާބު ފަޒީލާ ފެށީ އޭނާގެ އަމިއްލަ ތަޖުރިބާއިންނެވެ. 1997ވަނަ އަހަރު މާލެއަށް ކިޔަވަން ބަދަލުވީ އިތުރަށް ކިޔެވޭނެ ގޮތް ރަށުން ނެތީމައެވެ. އޭރު އެހެން ރަށްރަށުން ވެސް ބަދަލުވަނީ ވަކި ހިސާބަކަށް ކިޔެވުމަށް ފަހު އިތުރަށް ކިޔެވޭނެ ގޮތެއް ނެތުމުންނެވެ. އޭރު މަޖުބޫރުވެގެން ބަދަލުވި ނަމަވެސް މިހާރު އެ މަޖުބޫރުކަން ނެތްކަން ފަޒީލާ ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް ފެސިލިޓީގެ ގޮތުން ބަލާއިރުގައި ރަށްރަށުގެ ސްކޫލުތަކުގައި ނެތް ކިތަންމެ ކަމެއް މާލޭގެ ސްކޫލުތަކުގައި އެބަހުރި، އެކަން އެންމެން ވެސް ޖެހޭ ގަބޫލުކުރަން"

ފަޒީލާ ވިދާޅުވީ މާލެއިންނާއި މާލޭގެ ސްކޫލްތަކުން ކުދިންނަށް ލިބޭ އެކި ފުރުސަތުތައް ރަށްރަށާ އަޅައިބަލާއިރު، ވަރަށް ބޮޑު ތަފާތު އެބަހުރިކަމަށެވެ.

ރަށްރަށުގައި ފަޒީލާ މަސައްކަތް ކުރަން ބޭނުންވާ ސަބަބަކީ އެ ފުރުސަތު ކުދިންނަށް ފަހިކޮށްދިނުމަށް ގޮތެއް އޮތް ނަމަ އެ ގޮތަކަށް މަސައްކަތްކުރުމަށެވެ.

"ގަބޫލެއް ނުކުރެވޭ ވަކިތާކު ތިބީމަ ވަކި ކަހަލަ ފުރުސަތެއް ފަހިވެފަ އަނެއްބައި ތަނެއްގައި ކުދިން ކިޔަވާތީވެ އެކުދިންނަށް އެ ފުރުސަތު ނުލިބިފައި އެހެން އޮންނަން ޖެހޭ ކަމަކަށެއް"

ގިނަ ޒަމާން ފަހުން ދިމާވާ ދަރިވަރުންގެ ބުނާ ބަސްތަކަކީ ދާއިރާގައި ހުރުމުގެ ހިތްވަރު!

ތައުލީމީ ދާއިރާގައި އެތައް މަންޒަރެއް ފަޒީލާ ދެކެފިއެވެ. އެކި މާހައުލުތަކުގައި މަސައްކަތްކޮށް ގިނަ ގޮންޖެހުންތައް ގިރާކޮށްފިއެވެ. ކާމިޔާބު ޓީޗަރަކަށް އަދި ޕްރިސިޕަލްއަކަށްވުމަށާއި ކާމިޔާބު ކުދިންތަކެއް ބިނާ ކުރުމަށެވެ.

މި ހިސާބަށް އާދެވުމުން ދާއިރާގައި އެންމެ އުފާވެރި ހަނދާނާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ފެށީ ހިނިތުންވެލުމާއެކުއެވެ.

އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް, އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައު ބަލަައިގަންނަ ފަދަ ކުދިންތަކަކަށް އެ ފަދަ ކުދިން ހެދިގެން ދިއުމަކީ ފަޒީލާގެ އެ މަސައްކަތުގައި އެންމެ އުފާވާ އެއް ކަމެވެ.

 "ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ކާމިޔާބު ކުދިންތަކެއްގެ ގޮތުގައި ޒިންމާދާރު ކަމާއެކުގައި އެ ކުދިން ފެނުނީމަ އެންމެ އުފާވަނީ އަސްލު."

"ޔޫ" ގްރޭޑް ހޯދާ ދަރިވަރުންގެ ނިސްބަތް މަދުވުމަކީ ފަޒީލާގެ ހިތްހަމަ ޖެހުމެވެ. "އޭ ސްޓާ" އާއި ޓޮޕް 10 އަށް އަރާ ކުދިންތަކެއް ތިބި ނަމަވެސް މާއްދާތަކުން "ސީ" ގްރޭޑެއް ލިބިގެން ވިޔަސް ފާސްވާ ކުދިންގެ އަދަދު ގިނަވުމަކީ މަސައްކަތެއް ކޮށްދެވޭކަމުގެ އިހުސާސްވާ ކަމެއް ކަމަށް ފަޒީލާ ވިދާޅުވި އެވެ.

"ވަރަށް އުފާވޭ ވަރަށް ގިނަ ޒަމާންފަހުންވސް ކުދިން ތިބެނީ ބަދަލުވެފައި ފެންނަ އިރުގައި ނުވެސް އެނގޭ ވަކިކުރަން ވެސް އެއީ މިސްގެ ކުދިން ކަމެއް ވެސް ފެނުނީމަ ގޮވާލާފައި ވާހަކަ ދައްކާފައި. މިސް އޭ މިސް އެ ދުވަހު ބުނި ވާހަކައިންނޭ ތިމަންނަ އެ ދުވަހު މޯޓިވޭޝަން ހޯދީ އެހެންވެ މިހާރު މިހުރީ މިވެނި ހިސާބެއްގައޭ. އެކަހަލަ ވާހަކަތައް އެކި ހިސާބުތަކުން އަޑު އިވުނީމާ އެއީ އަސްލު ހަގީގަތުގައި މިދާއިރާގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކީ."

ޓީޗަރުންގެ ދުވަހުގެ މެސެޖު

ގިނަ މެސެޖުތަކެއް ދުވަހާ ގުޅިގެން ދޭން ބޭނުންވި ނަމަވެސް ފަޒީލާ ފެށީ ޓީޗަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން, ވޯކްލޯޑާ ގުޅިގެންނެވެ. ކުރިއަށް ވުރެ ރަނގަޅު ވަސީލަތްތަކެއް ހުރިއިރު ވޯކްލޯޑް ކުޑަކުރުމަށް މާއްދާތަކުން ކިޔަވަދޭ ޓީޗަރުން ކުރިއަށް އޮތް އަހަރަށް ޓީޗިން ރިސޯސްތަކެއް މަދުމަދުން ހަދަމުން ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދެ ތިން ލެސަންއަކަށް ރަނގަޅު ރިސޯސްއެއް ޕްރޮޑިއުސްކޮށްލާނީ އަމިއްލައަށް ހަދާލީމަ ދެން ނުޖެހޭނެތާ ކުރިއަށް އޮންނަ އަހަރަށް އެ މަސައްކަތް އަލުން ކުރާކަށް ދޯ، ހަމައެގޮތަށް ލެސްންސް ޕްލޭންސްތަކާއި، ވޯކްޝީޓްތަކާއި،"

ކޮންމެ ދުވަހަކު ނިންމަންޖެހޭ މުހިއްމު ކަންކަން ހުންނައިރު އެކަން ތަންކޮޅެއް "ސްމާޓް" ކޮށް ކުރުމަށް ފަޒީލާ އިރުޝާދު ދެއްވިއެވެ.

"އަޅުގަނޑު އަސްލު ހަަމަ ވަރަށް ފަހުރުވެރިވަން ޓީޗަރުން ކުރައްވާ މަސައްކަތަށް، އެއީ ޓީޗަރުންނާ ނުލާ އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެން ނުދާނެ އެހެންވީމާ ތިބޭފުޅުން ކުރައްވާ މަސައްކަތް އަޅުގަނޑުމެން ހިތުގެ އަޑިން ހަމަ ވަރަށް ބޮޑަށް ބަލައިގަންނަން"

ބޭނުންވަނީ މަސައްކަތްތެރި ކުދިންތަކެއް ބިނާކުރަން

ފާސް ނުވާ ކުދިން ބާކީވެގެންދާއިރު ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެވެ. އުނގެނުމުގައި ހުރިހާ ކުދިންނަކީ ވެސް އެއް ލެވެލްއެއްގެ ކުދިންނަށް ނުވާއިރު ހާސިލުކުރެވޭ ނަތީޖާވެސް ތަފާތެވެ. ވޮކޭޝަނަލް އެޑިއުކޭޝަން ދެވިގެން އެފަދަ ކުދިން މުޖުތަމައުން ބާކީވެގެން ނުދާނެ ކަމަށް ފަޒީލާ ގަބޫލުކުރައްވައެވެ.

ފަޒީލާ ވިދާޅުވީ މިހާރު ބީޓެކްގެ ތެރެއިން ލިބޭ ފުރުސަތުތައް މަދު ނަމަވެސް އެ ފުރުސަތުތައް ފުޅާކޮށް ކުދިންނަށް ފުރުސަތު ދެވެން ޖެހޭ ކަމަށެވެ. އަދި ކުދިންނަށް ލިބިފައިވާ ހުނަރު އިތުރަށް ތަރައްގީކޮށް މުސްތަގުބަލަށް ބޭނުންވާ ފަދަ ކުދިންނަށް ހެދުމަށް ސްކޫލްގައި ވެސް މަސައްކަތްތައްކެއް ކުރަން ޖެހޭ ކަމަށް ފަޒީލާ ގަބޫލުކުރައްވައެވެ.

މިހާރު އޮންނަ އުސޫލުން ހަމައެކަނި މަސައްކަތްކުރަނީ ސެޓްފިކެޓްތައް ހޯދުމަށްކަން ފާހަގަކުރައްވާ ފަޒީލާ ވިދާޅުވީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"ކޮންމެ ކުއްޖަކީ މާމޮޅު ނަތީޖާއެއް ހޯދިދާނެ ކުއްޖަކަށް ނުވެދާނެ. ނަމަވެސް ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު،އެކަކު އަނެކަކަށް އޯގާތެރިވެ އަޅައިލާ ކުއްޖަކަށް ވެވިދާނެ. ކޮންމެ ކުއްޖަކީ ވެސް މުޖްތަމައުއަށް ފައިދާހުރި ކަމެއްކުރާ، ޤައުމު ބިނާކުރުމުގެ ހިއްސާދާރަކަށް ވެވިދާނެ."

ފަޒީލާ ވިދާޅުވީ ހަލާލު އާމްދަނީއެއް ލިބޭ އެެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއްނޫން ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް އެ ކުއްޖަކު ކުރާ ހިތްވާ މަސައްކަތެއް, ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ޒިންމާދާރު ދިރިއުޅުމެއް އުޅޭތަން ދެކެން ފަޒީލާ ބޭނުންވެއެވެ. އެ ގޮތުން ސްކޫލް ނިންމާފައި ނިކުންނަ ކޮންމެ ދަރިވަރަކީ ވެސް މަސައްކަތްތަކެއް ދަސްވެފައިވާ ދަރިވަރުންތަކަކަށް ހެދުމަށް އެޑިއުކޭޝަންގެ ހުއްދައާއެކު ނޮޅިވަރަމް ސްކޫލުގައި ފަޒީލާ ވަނީ އެފަދަ ޕްރޮގްރާމެއް ފައްޓަވައިފައެވެ. އެ ޕްރޮގްރާމް ކާމިޔާބާ ހިސާބަށް ވާސިލުކުރުމަށް މަސައްކަތްތަކެެއް ކުރެވެމުންދާ އިރު އެކަން ހާސިލުވާނެ ކަމުގެ އުންމީދު ފަޒީލާގެ އެބައޮތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!