ޚަބަރު އިޖުތިމާޢީ

ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކައިން 39 ޖެނެރޭޓަރު ހޯދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފެނަކަ އޮފީސް ހިމެނޭ އިމާރާތް: ކަރަންޓުގެ މައްސަލަތައް ހައްލު ކުރަން ފެނަކައިން 39 ޖެނެރޭޓަރު ހޯދުމަށް ވަނީ އިއުލާނުކޮށްފައި / ފޮޓޯ:ދެން އިމޭޖްސް

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން 39 ޖެނެރޭޓަރު ގަތުމަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ހުޅުވާލައިފި އެވެ.

Ads by STELCO

ފެނަކައިން އިއްޔެ ވަކިވަކިން ކުރި އިއުލާނުތަކުގައި ވަނީ އެ ކުންފުންޏަށް ޖެނެރޭޓަރު ވިއްކުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި 3،000 ޑޮލަރާއި 5،000 ޑޮލަރު ދެމެދުގެ އަގެއް ހުށަހަޅަން ޖެހެ އެވެ. ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަން ޖެހެ އެވެ.

ފެނަކައިން ހޯދަމުން އަންނަނީ 250 ކިލޯވޯޓާއި 1،600 ކިލޯވޯޓާ ދެމެދުގެ 39 ޖެނެރޭޓަރު ސެޓެވެ.

ފެނަކައިން ގަންނަން އިއުލާނުކޮށްފައިވާ ޖެނެރޭޓަރުތައް:

  • 250 ކިލޯވޯޓުގެ ހަތް ޖެނެރޭޓަރު ސެޓް
  • 400 ކިލޯވޯޓުގެ ހަ ޖެނެރޭޓަރު ސެޓް
  • 600 ކިލޯވޯޓުގެ އަށް ޖެނެރޭޓަރު ސެޓް
  • 800 ކިލޯވޯޓުގެ ފަސް ޖެނެރޭޓަރު ސެޓް
  • 1،000 ކިލޯވޯޓުގެ ހަ ޖެނެރޭޓަރު ސެޓް
  • 1،200 ކިލޯވޯޓުގެ ފަސް ޖެނެރޭޓަރު ސެޓް
  • 1،600 ކިލޯވޯޓުގެ ދެ ޖެނެރޭޓަރު ސެޓް

ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އަންދާސީ ހިސާބުތައް ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު އެވެ.

އިތުރަށް ބުނި ގޮތުގައި ތާވަލާ އެއްގޮތަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާ އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމުގަ އެވެ.

އިއުލާނުތަކާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް އެދޭ ފަރާތްތަކުން އީމެއިލް ކުރުމަށް ފެނަކައިން އެދެ އެވެ. މައުލޫމާތު ސާފުކުރެވޭނެ އެންމެފަހު ތާރީހަކީ އާދިއްތަ އަދި ހޯމަ ދުވަހެވެ.

ކަރަންޓުގެ މައްސަލައަށް ހައްލު ކުރުމަށް ޖެނެރޭޓަރު ސެޓުތައް ހޯދަން އިއުލާނުކުރިއިރު، ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަވެފައި ވަނީ ބޮޑު މައްސަލަ އަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!