ޚަބަރު އިޖުތިމާޢީ

މަޖުބޫރުން ގައިދީންގެ ބޮލާއި، މަތިމަހާއި ތުބުޅި ނުބޭލޭނެހެން އުސޫލުތައް އިސްލާހުކުރަން ހުށަހަޅުމެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މާފުށީ ޖަލު/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ

ޖަލުގައި ތިބޭ ގައިދީންނަށް މަޖުބޫރުކޮށްގެން ބޯލާއި ތުބުޅި އަދި މަތިމަސް ބޭލުން ހިމެނޭގޮތައް ހަދާފައިވާ އުސޫލުތައް އިސްލާހުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުށަހަޅައިފި އެވެ.

Ads by MWSC

އެ އިސްލާހު ހުށަހަޅާފައިވާކަން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.

ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން އަމަލުކުރަމުންދަނީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގަވައިދުގެ ދަށުންނެވެ. އެ ގަވާއިދުގައި ބުނެފައިވަނީ ފިރިހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ހުންނަންވާނީ 2 ސެންޓިމީޓަރަށްވުރެ ތުނިކޮށް ކަމަށެވެ.

އެ ގަވާއިދުގައި ހިމަނާފައިވާ ޖަލު ތެރޭގައި އަހްލާގު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ގައިދީންގެ އަމަލުތައް ބެހެއްޓުމަކީ ޖަލު ކުށެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް ބޯކޮށުމަކީ އަހުލާގީ މިންގަނޑު ތެރޭގައި ހިމެނޭ ކަމެއްކަން ބަޔާންކޮށްފައި ނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެހެންކަމުން ގައިދީންގެ ސުލޫކީ މިންގަނޑު ތެރޭގައި ބޯކޮށުން ހިމަނައި އެއީ ޖަލު ކުށެއްކަން ކަނޑައެޅުމުގެ ބާރު ޕެރޯލްއަށް ލިބިފައި ނުވާކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

ގައިދީންގެ ބޯކޮށުމުގެ އުސޫލު ބަދަލުކުރަން އެޗްއާރްސީއިން ހުށަހެޅި 6 ކަންތައް:

  1. ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8 ވަނަ މާއްދާ އުނިކުރުން.
  2. އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިހުތިޔާރީ ކަމަކަށް ހެދުން.
  3. ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެ ކަން އަހްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިިއުމުގާއި ޕެރޯލް ފުރުސަތު ދިނުމުގައި އަހްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތްނުކުރުން.
  4. ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަން އުސޫލުތަކުގައި ބަޔާންކުރުން.
  5. ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަހެން އެ ކަން ކުރުން. އަދި އެ ކަން ކުރާނަމަ ލިޔެކިޔުމުން ރެކޯ ބެލެހެއްޓުން.
  6. ދީނީ ގޮތުން ގަބޫލުކުރާ ކުރުމެއްގެ ސަބަބުން ބޯކޮށަން ނުވަތަ ތުނބުޅި މަތިމަސް ބާލަން އިންކާރުކުރާނަމަ އެކަން ކުރުމަށް މަޖުބޫރުނުކޮށް އެ ކަމަށް އިހްތިރާމްކުރުން.

އެޗްއާރްސީއެމުން އިތުރަށް ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުހުމަކާ ނުލާ ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަން ކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.

އަދި މާފުށީ ޖަލުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ފުރިހަމަ ކުރަމުންދާ ގައިދީއެއްގެ ނުރުހުމުގައި ގަދަކަމުން ބޯކޮށުމަށް މަޖުބޫރު ކުރުވަމުންދާ ކަމާއި އެކަމަށް އިންކާރުކުރާނަމަ ރިހެބިލިޓޭޓްވުމުގެ ފުރުސަތު ގެއްލޭކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.