އާ އުސޫލުގެ ދަށުން އަހަރުގެ ކޮންމެ ހިސާބަކު ވެސް އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށަހެޅޭނެ
އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށަހެޅޭނެ ގޮތަށް އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.
ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އާ އުސޫލެއް އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފައި ވަނީ އިއްޔެ އެވެ. އެ މިނިސްޓްރީން ބުނީ އާންމުކުރި އާ އުސޫލާ އެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގްރޫޕުތަކަށާއި އާންމުންނަށް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވާނެ ކަމަށެވެ.
މީގެކުރިން އަމަލުކުރި އުސޫލުގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށަހެޅެނީ އެކަމަށް އިއުލާނު ކުރުމުން އެކަންޏެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަމަލު ކުރަން ފެށި އެ ގަވާއިދުގެ ދަށުން މިނިސްޓްރީން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދުމަށް އަހަރަކު ދެ ފަހަރު އިއުލާނު ކުރަމުންނެވެ. އެހެންނަމަވެސް އަލަށް ގެޒެޓުކުރި އުސޫލުގެ ދަށުން އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް އުސޫލަށް ބަދަލު ގެނައީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަން ޖެހޭ އަޅުކަމަކަށް ނުވާތީ އާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމުގަ އެވެ.
"ކުރިން އަހަރަކު ދެ ފަހަރު އިއުލާނު ކުރާތީ ކުރު މުއްދަތުގެ ތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަން ޖެހެ އެވެ. ނަމަވެސް އުސޫލަށް ގެނައި ބަދަލާ އެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވުމަކީ މި ކަމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސް ކުރުމަށް ވެސް ލިބުނު އިތުރު ލުޔެއްކަން ފާހަގަކޮށްލެވެ އެވެ،"
އެ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެފަދަ ހިދުމަތެއް ދީފިނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނީ އުސޫލަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް މިވަގުތު ބޭނުން ޖެހިފައިވާ އުސޫލެއް ކަމަށެވެ. އުސޫލާ އެކު މީހުން އުމްރާއަށް ގެންދިއުމަށްފަހު ދިމާވާ ތަފާތު އެކި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން ފާހަގަކުރި އެވެ.