ޚަބަރު ސަރުކާރު

ރާއްޖެ މިއޮތީ ހަލާކުގެ ފިކުރުގެ ތެރޭގައި: ޝާހިދު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މުޅި ރާއްޖެ މިއަދު އޮތީ މި ސަރުކާރުގެ ހަލާކުގެ ފިކުރުގެ ތެރޭގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި އުތުރުގެ ތިން އަތޮޅުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ކުރިއަށްގެންދާ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމްޑީޕީއާ ވާދަވެރި ފިކުރަކަށް އޮތީ، މިއަދު މިއޮތް ސަރުކާރު ނިސްބަތްވާ އަނިޔާވެރި ކަމުގެ ފިކުރު ކަމަށެވެ.

"އެއީ ދޮގާއި މަކަރާއި އޮޅުވާލުމާ، ނަފްރަތު އުފެއްދުމާއި، އަޅުވެތިކުރުމާއި، ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެގަތުމުގެ ފިކުރާ އަނިޔާވެރިވުމުގެ ފިކުުރު"

ޝާހިދު ވިދާޅުވީ އެމްޑީޕީން ތަކުރާރުކޮށް ހާމަކޮށްދީފަ އޮތީ، ރާއްޖޭގައި ރައިސުލްޖުމްހޫރިއްޔާ އިންތިހާބުތަކުން ހޮވިގެން އަންނަ ގޮތައް ނިޒާމް ތަރުތީބު ވެގެން އަޔަސް 2008 ވަނަ އަހަރު ގާނޫނީ އަސާސީ ގެނެވުނު އިސްލާހީ ބަދަލުތަކުގެ ސަބަބުން އޭގެ ފަހުން، ފެނިފައި މިއޮތީ އަބަދުވެސް ދެ ގޮތެއް ނުވެ، އެމްޑީޕީ ފިކުރު ނެރުމުގައި ދެމިތޭ ކަމާއި، ދެމި ތިބުމުގައި ކާމިޔާބީ ހާސިލް ކޮށްފައިވާ ކަމަށެވެ.

މިއަދު މި ހާލަތުގައި ރާއްޖެ އޮތުމުން އެމްޑީޕީން ފަހެއް ނުޖެހޭނެކަމާއި، އެމްޑީޕީން އޮތީ ކެރިގެން ސާބިތުކަމާއި އެކީ ކުރިއަށް ދާން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލަދެއްވި ނަމަވެސް އެކަން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.

"މިއަދުގެ ހަގީގަތަކީ ރައީސް ފައްޓުވައިދެއްވި ދަތުރުފަތުރުގެ ނިޒާމުގައި ލޯންޗު ލަފަންޖެހޭ ގަޑިއަށް، ފެރީ ލަފަންޖެހޭ ގަޑިއަށް ނުލަފާ. މިހާރު ނުލަފާ ފެރީއެކޭތޯ އެއީ. މަތިންދާބޯޓު ދަތުރުކުރަން ފަށާފައިވާ މަންޒިލްތަކުން މިހާރު ދަތުރުތައް މަދު ކުރަން ފަށައިފި"

ޝާހިދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ދަނީ އެންމެ ދިމާލަކަށް ކަމަށެވެ. އެއީ ރަށު ބަންދުގައި ރައްޔިތުން ބޭތިއްބުމާއި، ރަށްރަށުގައި ފަށާފައިވާ ފަތުރުވެރިކަމުގެ ސިނާޔަތު ހަލާކުކޮށްލުން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

"ގެސްޓު ހައުސްގެ ސިނާޔަތު ހަލާކުކޮށްލުމަށް. ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތައް އެމްޑީޕީން ގެންގުޅުނު ފިކުރު ހަލާކު ކޮށްލުމާ. އެ ލިބެންވީ މުއްސަންދިކަން ފުނޑުވާލުމަށް"

ޝާހިދު އިތުރަށް ވިދާޅުވީ މިއަދު މިއީ ހަލާކުގެ ފިކުރު ކަން ހާމަވާ ސަބަބަކީ، ސޯލިހުގެ ވެރިކަމުގައި، މި ވޭތުވެދިޔަ 5 އަހަރުގެ ސަރުކާރުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލުމެއް ނެތި މަސައްކަތްތައް ފަށާފައިވާ ކަން ކަމަށެވެ. ނަމަވެސް އޭރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުނު ތަން ތަން ނިމުނު ގޮތައް ހުރި ކަމަށެވެ. މަސައްކަތް ފެށުނު އެހެން ތަންތަން ނުނިމި، މިހާރު ހުއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހާރު އެ ބޭފުޅުން ވިދާޅުވާ ވާހަކަ އަކީ ކުދި ރަށްރަށުގައި ކޮންމެހެން ފެނާ ނަރުދަމާއާ ނިޒާމު ކޮންމެހެން ބޭނުމެއް ނެތޭ. އަންނާށޭ މާލެ ސަރަހައްދަށް، ތިޔަ ކުދި ރަށްރަށުގައި އުޅޭ މީހުންގެ ސައިޒަކީ 10 ފޫޓު 6 ފޫޓުގެ ކޮތަރު ކޮއްޓެއްގެ ސައިޒޭ"

ޝާހިދު ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރުން ދައްކާ ވާހަކައެއް ނޫން ކަމާއި، މިއީ މި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިބި ބޭފުޅުން ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަތައް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!