މީހުން ލައިފްސްޓައިލް

ޕަބްޖީ ކުޅެން އިންދާ އައީ ކޯލެއް، އެއާއެކު ހުވަފެން ހަގީގަތަކަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އެއްދުވަހު ޕަބްޖީ ކުޅެން އިންދާ އައީ ކޯލެކެވެ. އެއީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ، މޮގާ ގެ ކޯލެކެވެ. ހުށަހެޅީ ފިލްމެއްގެ ރޯލެކެވެ. ވީ އުފަލުން އަވަސް އަވަހަށް އާއެކޭ ބުނެ އެ ރޯލު ގަބޫލު ކުރި އެވެ.

Ads by STELCO

މި ދައްކަނީ ޒުވާން އެކްޓަރު އަމަން އަލީގެ ވާހަކަ އެވެ. ކޮމެޑީ ރޯލުތަކުން ފެންނަ އަމަންއަށް ފުރަތަމަ ފިލްމެއް ލިބުނު އިރު އުމުރުން 17 އަހަރެވެ. ފިލްމު ކުޅެން ފުރީ 18 އަހަރުގަ އެވެ. މިހާތަނަށް ތިން ފިލްމަކުން އަމަން ފެނުނުއިރު އެކްޓު ކުރުމަކީ އަމަން އެންމެ ކުޑައިރުއްސުރެއްވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ.

 

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ޒުވާން ފަންނާނު, އަމަން

 

"ދެން (އެކްޓު ކުރުމަކީ) އަބަދުވެސް ކުރާ ހިތްވާ ކަމެއް ވީމަ އޭރު އޯކޭއޭ ބުނީ"

އެކްޓިންއަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން އެންމެ ފުރަތަމަ އަމަން ފެށީ ޓިކްޓޮކް ކުޅޭށެވެ. އޭރުވެސް އަމަން އަކީ ފިލްމީ ބަތަލާ މަރިޔަމް އައްޒައަށް ވަރަށް ސަޕޯޓު ކުރާ ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ އާންމުންގެ ތެރެއަށް އެނގުނީވެސް އައްޒަގެ ފޭންއެއްގެ ގޮތުގަ އެވެ. އައްޒަގެ އިތުރުން އާޝާ އަދި ހުނޫ ފަދަ ބަތަލާއިންނާއިއެކު އަމަންގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އޮވެ އެވެ. އަމަން އަކީ ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމުތަކުގައި އެކްޓިވްކޮށް އުޅޭ ކުއްޖެކެވެ.

ފުރަތަމަ އަމަން ފެނުނީ ޑާކްރެއިންގެ "ބީވީމާ" ގެ ކުޑަ ރޯލަކުންނެވެ. އެފިލްމުގައި ސްކްރީން ޝެއާ ކުރީ ބަތަލާ އާޝާ އާއި ހުނޫ އާއިއެކު އެވެ. އޭގެ ފަހުން "މީ އިޝްގް" އިން ފެނުނުއިރު މިހާރު ސިނަމާގައި ދައްކަމުންދާ "ބިބީ" ގެ ރޯލަކުންވެސް އަމަން ފެނެ އެވެ.

 

އަމަން އެންމެ ކުޅެން ބޭނުންވަނީ ހިތާމަވެރި ރޯލެއް

 

"ބިބީ" ގެ ރޯލު ހުށަހެޅުމުން އަމަން ގަތީ ބިރެވެ. އެއީ އޭގެ ކުރިން ކުޅުނު ދެ ފިލްމުގައިވެސް އަމަން ސްކްރީން ޝެއާ ކުރީ އޭނާ ދަންނަ ނުވަތަ ރަހުމަތްތެރި މީހުންނާއިއެކު އެވެ. އެކަމަކު "ބިބީ" ގެ އެކްޓަރުންނަކީ ދުވަހަކުވެސް ދިމާވެސް ނުވާ ބައެއް ކަމުން އެމީހުންނާއިއެކު މަސައްކަތްކުރަން ކުޑަކޮށް ޖެހިލުން ވިއެވެ. އެކަމަކު މިފިލްމުގެ ޝޫޓިންއަކީވެސް މަޖާ އެކްސްޕީރިއެންސްއެއް ކަމަށް އަމަން ބުންޏެވެ. އެއް އެޕާޓްމެންޓެއްގައި ގިނަ މަންޒަރުތަކެއް ނެގިއިރު ވަރަށް މަޖާ ކަންކަން ހިނގިކަމަށް އަމަން ކިޔައިދިނެވެ.

މިހާތަނަށް ކުޅުނު ތިން ފިލްމުގައިވެސް އަމަން ފެންނަނީ ކޮމެޑީ ރޯލުތަކުންނެވެ. އެހެންނަމަވެސް މިއީ އޭނާ އެންމެ ކުޅޭ ހިތްވާ ރޯލެއް ނޫނެވެ. އަމަން އެންމެ ބޭނުންވަނީ ވަރަށް ރޯ ކަހަލަ ހިތާމަވެރި ރޯލެއް ކުޅެލާށެވެ. އަމަން ގަބޫލުކުރާ ގޮތުގައި އަމިއްލައަށް މަޖާވާން އުނދަގުލެވެ. އެކަމަކު ރުއިމަކީ އަމަންއަށް ފަސޭހަ ވާނެ ކަމެއްކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"އަމިއްލައަށް މަޖާވާން ކުޑަކޮށް އުނދަގޫ. އެކަމަކު ރޮވޭނެ ވަރަށް ފަސޭހައިން. އެކަހަލަ ރޯލެއް އެންމެ ބޭނުމީ"

ތިން މަސައްކަތުގެ ތެރެއިން އަމަންއަށް އެންމެ ކަމުދަނީ "މީ އިޝްގް" އަދި "ބިބީ" ގައި ކުޅުނު ރޯލެވެ. ފިލްމުތަކުގައި ކޮމެޑީ ރޯލުތަކުން ފެނުމުން އާންމުން ބަލައިގަންނަކަން ފާހަގަކޮށް އަމަން ބުނީ އެންމެ ގިނައިން ލިބޭ ކޮމެންޓަކީ "އަމަން ފެނުނަސް ހިނި އަންނަ ކަމަށް" ބުނާ ކޮމެންޓެވެ. މިހާރު ސިނަމާގައި އަޅުވަމުންދާ "ބިބީ" ގައި އަމަން ޑައިލޮގު ދޭން ފެށުމުގެ ކުރިންވެސް ހިނި އަންނަކަމަށް ގިނަ ބަޔަކު ބުނާ ކަމަށް އޭނާ ބުންޏެވެ.

 

އަމަންއަށް އެންމެ ކަމުދަނީ ލޯބީގެ ފިލްމުތައް. އައްޒަ އަކީ އެންމެ ކަމުދާ އެކްޓަރު ކަމަށް އޭނާ ބުނޭ

 

އަމަންއަށް އެންމެ ރީތީ ލޯބީގެ ފިލްމުތަކެވެ. އެގޮތުން "ބޮސް"، "މީ އިޝްގް"، "ޔޫސުފް" ގެ އިތުރުން "މި ހަށީން ފުރާނަ ދަންދެން" އޭނާ ފާހަގަކުރެ އެވެ. އަދި ބިރުވެރި ފިލްމު "4426" އަކީވެސް އަމަންއަށް ވަރަށް ރީތި ފިލްމެކެވެ.

އަމަންއަށް އެންމެ ކަމުދާ އެކްޓަރުންނަކީ އައްޒަ، އާޝާ، ނިއުމާ، ހުނޫ އަދި މަޖުދާ އެވެ. މީގެ އިތުރުން ޝަރަފް، ޖުމައިހް، ޖުމައްޔިލް، މަނިކު އަދި ޔޫއްޕެގެ އެކްޓިންވެސް އަމަންއަށް ކަމުދެ އެވެ.

"އަބަދުވެސް ވަރަށް ބޭނުންވޭ އައްޒަ އާއެއްކޮށް ފިލްމެއް ކުޅެން."

ކުޑައިރުގެ ހުވަފެން އުމުރުން ހަގު ދުވަސްވަރެއްގައި ހަގީގަތަކަށް ހެދުމުގެ ފުރުސަތު ލިބުމަކީ އަމަން އެންމެ އުފާވާ އެއް ކަންތަކެވެ. އެއާއެކު ކުރިއަށް އޮތްތަނުގައިވެސް އަމަން ގަސްތު ކުރަނީ ފިލްމީ ދާއިރާއިން ކުރިއަށް ދާށެވެ. އޭނާގެ ކުރިއަށްވެސް އޮތީ ޑާކްރެއިންގެ ފިލްމެކެވެ. މީގެ އިތުރުން އަމިއްލަ ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އަމަން ކިޔައިދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!