ޚަބަރު އިޖުތިމާޢީ ސަރުކާރު

ތެލެސީމިއާ ކުދިންނަށް ހުރިހާ ފުރުސަތެއް ލިބޭނެ: ނައިބު ރައީސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެއްބައިކަމާއި، އެހެން ކުދިންނާއި އެއްފަދައިން އެއްވެސް ތަފާތުކަމެއް ނެތި ހުރިހާ ފުރުސަތެއް ތެލެސީމިއާ ކުދިންނަށް ލިބޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓާ ޕްލޭން އިފުތިތާހުކުރުމަށް ރޭގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ހިލޭ ލޭ ހަދިޔާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަން ޖެހޭކަމާއި، ހަދިޔާ ކުރާ ލޭ ފޮދަކީ ތެލެސީމިއާ ކުދިންގެ ދިރިއުޅުމުގެ އުއްމީދު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލެއްވި އެވެ.

އެއް އިރެއްގައި ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެ، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވާއިރު، އެ ފުރުސަތު ނައްތާލުމުގެ ގޮތުން ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާ އަށް ޓެސްޓުކުރުމުގެ މުހިންމުކަމަށް ވެސް އެމަނިކުފާނި ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ހޯއްދަވައިދެއްވުމެވެ.

ނައިބު ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން މި ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް ވެރިކަމާ ހަވާލުމަށްފަހު ސިއްހީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއްދީގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި މާސްޓާ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެ އެވެ.

އޭގެތެރޭގައި ހިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ތެލެސީމިއާ އަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލެސީމިއާ އަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ހިދުމަތް ބައްޓަންކޮށް، ދެވޭ ހިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފްކޮށް ހިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް، ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.