މުނިފޫހިފިލުވުން ދިވެހި ސިނަމާ

އެމްއެސްޕީއޭގެ ފުރަތަމަ ފިލްމު އެވޯޑު، ފެސްޓިވަލަކާ އެކު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ދޭ ފުރަތަމަ ފިލްމު އެވޯޑު، "އެމްއެސްޕީއޭ ފިލްމު އެވޯޑް 2024" ލޯންޗްކޮށްފި އެވެ.

Ads by STELCO

އެމްއެސްޕީއޭ ފިލްމު އެވޯޑަކީ ރާއްޖޭގައި އުފައްދާ ދިވެހި ފިލްމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި, ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރުދީ ކުރިއެރުވުމާ އަދި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމާއި ވާދަވެރި މާހައުލެއްގައި މޮޅު އުފެއްދުންތަކެއް އުފެއްދުމަށް ހިތްވަރު ދިނުމަށް ތައާރަފުކުރާ ފިލްމު އެވޯޑެކެވެ.

އެމްއެސްޕީއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ ފިލްމު އެވޯޑު އަދި ފެސްޓިވަލު ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެންނެވެ.

އެކަން އިފުތިތާހު ކުރުމަށް ރޭ އޮލިމްފަހުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއެސްޕީއޭގެ ޗެއާޕާސަން މުހައްމަދު ރަޝީދު (ދަރާބެ) ވިދާޅުވީ އެ ޖަމިއްޔާގެ ފަރާތުން ފިލްމު އެވޯޑެއް ތައާރަފު ކުރުމަށް މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެވޯޑު ދިނުމަށް ނިންމާފައި ވަނީ 29 ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑުގެ ގޮތުގައި ދެވޭ ހާއްސަ އެވޯޑު ހިމެނެ އެވެ. އެ އެވޯޑު ދޭނީ ފިލްމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަލްމަރްހޫމު ޗިޅިޔާ މޫސާ މަނިކުގެ ނަމަށް ނިސްބަތްކޮށެވެ. މި އަހަރުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ދެ ފަރާތަކަށް ދޭނެ އެވެ.

ފިލްމު އެވޯޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗާ ފިލްމުތަކަށެވެ. އެވޯޑު ހަފުލާ އާއި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުން ތަމްރީނު ކުރުމަށް މިދިޔަ އަހަރެކޭ އެއްގޮތަށް "އެކްޓިން ފޯ ފިލްމް އެންޑް ތިއޭޓަ ވޯކްޝޮޕް" ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކަމާ ގުޅުންހުރި މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށް ދަރާބެ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ފަރާތްތަކުން ކުރާ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ދައްކާލުމަށް ކަރްނާކަޓާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ބައިވެރިވާނެކަން ހާމަކުރި އެވެ. ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ފަންނާނުންނަށް ހުޅުވާލާނެ އެވެ.

"މިދިޔަ އަހަރު ވެސް ރާއްޖޭގެ ފަރާތުން ފިލްމުތައް ބައިވެރިކޮށް، އަޅުގަނޑުމެންގެ ބައެއް ފަންނާނުންނަށް ރަންވަނަތަކެއް ލިބިފައި އެބަހުރި. އުންމީދުކުރަނީ މި އަހަރު ވެސް ކަރްނާކަޓާ ފިލްމު ފެސްޓިވަލުގައި ބައިވެރިކުރާނެ ފިލްމުތަކެއް ލިބިގެންދާނެ ކަމަށް،" ދަރާބެ ވިދާޅުވި އެވެ.

ވިދާޅުވި ގޮތުގައި އެމްއެސްޕީއޭއިން އަބަދުވެސް މަސައްކަތް ކުރަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމާއި އެ ފަރާތްތަކަށް ކޮށްދެވިދާނެ ކަންތައްތައް ބަލައި އެ ކަންކަން ފުރިހަމަކޮށްދިނުމަށް ކަމުގަ އެވެ. އެކަމުގައި ފަންނާނުންގެ އެއްބާރުލުން ބޭނުންވާ ކަމުގަ އެވެ. ކުރިއެރުމުގައި ފަސޭހަ ވާނީ އޭރުންކަން ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް ތަނުގައި އިތުރު އެވޯޑުތައް ތައާރަފުކުރާނެ ކަމުގައި ދަރާބެ ވިދާޅުވި އެވެ.

ފިލްމު ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ރެއިން ފެށިގެން ހުޅުވާލިއިރު، އެވޯޑު ދިނުމަށް ނިންމާފައިވާ ކެޓަގަރީތަކަކީ:

  • އެންމެ މޮޅު ވިޟުއަލް އެފެކްޓްސް
  • އެންމެ މޮޅު މޭކަޕް ގްލެމަ
  • އެންމެ މޮޅު މޭކަޕް ސްޕެޝަލް އިފެކްޓްސް
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނަ
  • އެންމެ މޮޅު ލިރިކްސް
  • އެންމެ މޮޅު ސިނެމަޓޮގްރާފަ
  • އެންމެ މޮޅު އެޑިޓަ
  • އެންމެ މޮޅު ސްކްރީން ޕްލޭ އޮރިޖިނަލް
  • އެންމެ މޮޅު ސްކްރީން ޕްލޭ އެޑޮޕްޓަޑް
  • އެންމެ މޮޅު ބެކްގްރައުންޑް ސްކޯ
  • އެންމެ މޮޅު އޮރިޖިނަލް މެލޮޑީ
  • އެންމެ މޮޅު ކޮރިއޮގްރާފަރު
  • ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެވޯޑް 1
  • ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެވޯޑް 2
  • އެންމެ މޮޅު ޗައިލްޑް އާޓިސްޓް
  • އެންމެ މޮޅު ޕްލޭބެކް ސިންގަ އަންހެން
  • އެންމެ މޮޅު ޕްލޭބެކް ސިންގަ ފިރިހެން
  • އެންމެ މޮޅު ޑެބިއު ފިރިހެން
  • އެންމެ މޮޅު ޑެބިއު އަންހެން
  • އެންމެ މޮޅު ސަޕޯޓިން އެކްޓަ އަންހެން
  • އެންމެ މޮޅު ސަޕޯޓިންގް އެކްޓަ ފިރިހެން
  • އެންމެ މޮޅު އެކްޓަ އަންހެން
  • އެންމެ މޮޅު އެކްޓަ ފިރިހެން
  • އެންމެ މޮޅު ޑައިރެކްޓަ
  • އެންމެ މޮޅު ފިލްމް
  • ބެސްޓް ސްޓޯރީ
  • ބެސްޓް އެކްޓަ (ނެގެޓިވް)
  • ބެސްޓް އެކްޓަ (ކޮމިކް)

ރޭގެ ހަފުލާގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެންސީއޭ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު އާމިރު ވެސް ވާހަކަ ދެއްކެވި އެވެ. އަދި ރޯނު ހަސަން މަނިކަށް ޝަރަފުވެރިކަމުގެ އެވޯޑު ލިބިފައިވުމާ އެކަމުގެ އަގުވަޒަން ކުރި އެވެ. މީގެ އިތުރުން ދިވެހި ފިލްމީ ދާއިރާގައި "ކަމަނާ" އިން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރި އެވެ.

ހަފުލާގައި ދިވެހި ފަންނާނުންނާ އެކު އިންޑިއަން ކަލްޗަރަލް ސެންޓާ (އައިސީސީ) ގެ މިއުޒިކް ޓީޗަރު ދުޝްޔާންތް ރުޕޯލިއާގެ ހުށަހެޅުންތައް ވެސް ފެނިގެންދިޔަ އެވެ.

ފަންނާނުންނާއި ކަމާ ގުޅުންހުރި ބޭފުޅުން ބައިވެރިވި މި ހަފުލާގައި އެމްއެސްޕީއޭއިން ވަނީ އެ ޖަމިއްޔާއަށް ޔޫތު މިނިސްޓްރީންނާއި އެންސީއޭއިން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފަ އެވެ.

Ads by HDC