ބޭހުގެ އިސްރާފު ހަރަދު ކުޑަކޮށް، ހެޔޮ ބަދަލެއް ފެންނާނެ
އާސަންދައިން ހިންގަމުންދިޔަ ބޮޑެތި އިސްރާފުތަކުގެ ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުން މި އަންނަ އަހަރު ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތޮފާ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތުން ބޭހުގެ ކޮލެޓީއާއި ލިބޭ މިންވަރަށް ބަދަލުތަކެއް އައުމަކާ ނުލާ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ރައްޔިތުންނަށް ލިބޭ ބޭހުގެ ކޮލިޓީއާއި، ލިބޭ މިންވަރަށް ބަދަލު އައުމާނުލާ ވަރަށް ބޮޑެތި ފައިދާގައި، އެތައް ފަރާތެއް ގަނެ ވިއްކައިގެން ސަރުކާރާ ހަމައަށް ރައްޔިތުންނާ ހަމައަށް، ފޯރުކޮށްދޭން މިއަންނަނީ، އެކަންތަކަށް މިވަނީ އެޓެންޑްވެވިފައި. މިކަންކަން އަދި ޖެހިގެން އަންނަ އަހަރު 2025ވަނަ އަހަރު ފުލި އޮޕަރޭޝަނަލައިޒްވުމާއެކު އާސަންދައަށްކުރާ ހޭދަ، އޭގެ ނަތީޖާ ނޭދެވޭ އަސަރުކުރުމާ ނުލާ ކުޑަކުރެވިގެންދާނެ"
އަހަރުން އަހަރަށް އާސަންދައިގެ ހަރަދުތައް އިތުރުވަމުންދާއިރު، އާސަންދައިގެ ހަރަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހޭދަކުރަނީ ބޭސް އެތެރެކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެހެންކަމުން ބޭހުގެ ހަރަދު ކުޑަކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި އެންގެވުމުގެ މަތިން ދަނީ މަސައްކަތް ކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށްވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެގޮތުން ބަލްކު ޕްރޮކިއުމަންޓް އުސޫލުން ޕޫލްކޮށްގެން ބޭސް އެތެރެކުރުމުން ބޭހުގެ ހަރަދު ބޮޑުތަނުން ކުޑަ ކުރެވޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އެކި މަރުހަލާ ތަކަކަށް ބަހާލައިގެން ބޭސްތައް އެތެރެކޮށް ދައުރުކުރުމަށް ހަމަޖެހިފައިވާއިރު މިއަހަރު 7 ބާވަތެއްގެ ބޭސް ދައުރުކުރުމަށް ނިންމާފައިވެ އެވެ.
ސާއިދު ވިދާޅުވީ އާސަންދައިން ހިންގަމުންދިޔަ ބޮޑެތި އިސްރާފުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ރާއްޖޭގައި ޑޮކްޓަރީ ބޭސް އެތެރެކޮށް ވިއްކާ އަގު ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތަ ފެށިގެން 2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގަމުންދާ ގޮތަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.