ލައިފްސްޓައިލް

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބޭއްވުމަކީ މައްސަލައެއްތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ބަހުސް ކުރެވޭ މައުޟޫއުއެކެވެ. ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބޭއްވުމަކީ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ މިކަމުގައި އެކި މީހުންގެ ޚިޔާލު ތަފާތެވެ. އެކި މީހުންގެ ވާހަކަ ހުންނަ ގޮތާއި ރާގު ވެސް މިވާހަކައިގައި ތަފާތެވެ. ވާނީ ވެސް އެހެންނެވެ. ލޯބީގެ މިިފަދަ ބަހުސް ތަަކަކީ ދުވަހަކު ވެސް ނިމުމެއް އޮތް ބަހުސްތަކެއް ނޫނެވެ.

Ads by STELCO

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަމެއް ނުބޭއްވޭނެ

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަމެއް ނުބޭއްވޭނެ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކީ އެއް އިރެއްގައި ލޯބީގެ ގޮތުން ގުޅި އެކުގައި އުޅުނު ދެމީހުންގެ ހިތުގައި ގިނަ ދުވަސްތަކެއް ވަންދެން އެކަކު އަނެކަކަށް ލޯބީގެ ޖަޒުބާތު އޮންނާނެތީއެވެ. އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށުމުން ކުރިން އެކުގައި ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާންވެ އަނެއްކާވެސް ކުރީގެ ލޯބިވެރިޔާގެ ފައިބުޑަށް ވެއްޓެން ޖެހިދާނެތީއެެވެ. ދިރިއުޅުމުގައި އޭނާ ހަނދާން ނައްތާލަން އުނދަގޫވެ އެ ހަނދާންތަކުން އަނެއްކާ ވެސް މޭގައި ރިހުމެއް އުފައްދާތީއެވެ.

މިކަމުގައި މީހުންގެ ޚިޔާލު ހުރިގޮތް ބަލައިލުމަށް ބައެއް މީހުންނާ ސުވާލު ވެސް ކޮށްލީމެވެ.އެގޮތުން އެކަކު ބުނީ ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބާއްވާ ނަމަ ކުރީގެ ހަނދާންތައް އާވެ ދިރިއުޅުމުގައި ކުރިއަށް ދާން ހުރަސް އެޅޭ ކަމަށެވެ. އަދި ގުޅުން ނުބާއްވާ ކަމުގައި ވަނީ ނަމަ ދިރިއުޅުމުގައި އޭނާއާ ނުލާ ކުރިއަށް ދާން ފަސޭހަ ވެގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާރުގެ ލޯބިވެރިޔާގެ މައްސަލައެއް ނެތް ނަމަ އޯކޭ

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަމުގެ ގުޅުން ބޭއްވުމަކީ މިހާރުގެ ލޯބިވެރިޔާއާއި ތިބާއާ ދޭތެރޭ މައްސަލަތައް އުފެދުމުގެ ސަބަބަކަށް ވެސް ވެދާނެއެވެ. އެހެން ކަމުން ކުރީގެ ލޯބިވެރިޔާއާ އެކުވެރިއެއްގެ ގޮތުގައި ވާހަކަ ދެއްކުމުގެ ކުރިން މިހާރުގެ ލޯބިވެރިޔާ ގާތުގައި އެވާހަކަ ބުނަން ވާނެއެވެ. އަދި މިހާރުގެ ލޯބިވެރިޔާ އެކަމާ މެދު ހިތްހަމަ ނުޖެހޭނަަމަ ކުރީގެ ލޯބިވެރިޔާއާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެއެވެ.

ދެންއާ ވާހަކަ ދެއްކި ޒުވާނަކު ބުނީ މިހާރުގެ ލޯބިވެރިޔާ "އޯކޭ" ނަމަ ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް ކުރީގެ ލޯބިވެރިޔާ އޯކޭ ނުވާ ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ.

"ކަރަންޓް ރިލޭޝަންޝިޕްއަށް ވަފާތެރި ވެވޭނެކަމުގެ ޔަގީންކަން އޮތިއްޔާ ރައްޓެހިކަން ބޭއްވުމަކީ މައްސަލައެއް ނޫން"

މިހާރުގެ ލޯބިވެރިޔާ ހިތްހަަމަ ނުޖެހެންވީ ކީއްވެ؟ 

ކުރީގެ ލޯބިވެރިޔާގެ ގާތަށް އަނބުރާ ގޮސް ލޯބީގެ ގޮތުން އޭނާއާ އަނބުރާ ނުގުޅޭ ނަމަ މިހާރުގެ ލޯބިވެރިޔާ ހިތްހަމަ ނުޖެހެންވީ ކީއްވެ ބާވައެވެ؟ މީހަކާ ރައްޓެއްސެއްގެ ގޮތުގައި ވާހަކަ ދެއްކުމުން މައްސަލައަކަށް ހަދަނީ ކޮން ސަބަބެއް އޮވެގެން ބާވައެވެ؟

"އަސްލު މިހާރުގެ ލޯބިވެރިޔާ ބިރުގަންނާނެ ދޯ އަހަރެން ގެއްލިދާނެތީ. އެކްސް ކައިރިއަށް ގޮސް ވާހަކަ ދައްކަން ފަށައިފިއްޔާ އަނެއްކާވެސް ކުރީގެ ހަނދާންތައް އާވެ އަލުން ގުޅިދާނެތީ. އެހެންވެ އަސްލު މިހާރުގެ ލޯބިވެރިޔާ ކަންބޮޑުވާނެހެން ހީވަނީ" ދެންއާ ވާހަކަ ދައްކަމުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

ހަގީގަތަކީވެސް އެއީއެވެ. ތިބާގެ ކުރީގެ ލޯބިވެރިޔާއާ ތިބާ ވާހަކަ ދައްކަނީ ނަަމަ، ތިބާގެ މިހާރުގެ ލޯބިވެރިޔާއަށް ބޭއިޚްތިޔާރުގައި ނަމަވެސް އެކަމާ މެދު ވިސްނޭނެއެވެ. އެކަމާމެދު ކަންބޮޑު ވެސް ވާނެއެވެ. ނަމަވެސް އެއީ ތިބާދެކެ އޭނާ ލޯބިވާތީއެވެ. ބީވެގެން ދާން ބޭނުން ނުވާތީއެވެ. ފަހަރެއްގައި ވެސް ތިބާ ދަށު ކޮށްލާކަށް ނޫނެވެ.

ލޯބިވެރިންގެ ގޮތުގައި ނުތިބެވުމަކީ އެކުވެރިންގެ ގޮތުގައި ނުތިބެވެންވީ ސަބަބެއް ނޫން

ކުރީގެ ލޯބިވެރިޔާއާ އެކުވެރިކަން ބޭއްވުމަކީ މައްސަލައެއްތޯ ސުވާލު ކުރުމުން ޒުވާނަކު ދިން ޖަވާބަކީ މިއީއެވެ. ކުރީގެ ލޯބިވެރިޔާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު މައްސަލަތައް ޖެހި އެކުގައި ނޫޅެވުނު ނަމަވެސް އެއީ އެ ދެމީހުންނަށް އެކުވެރިންގެ ގޮތުގައި ނުތިބެވޭންވީ ސަބަބެއް ނޫން ކަމަށެވެ. ލޯބިވެރިންގެ ގޮތުގައި ނުތިބެވުނު ކަމުގައި ވިޔަސް އެކުވެރިންގެ ގޮތުގައި ތިބެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ކޮންމެއަކަސް އެކި މީހުންގެ ޚިޔާލު މިކަމުގައި ތަފާތެވެ. އިންސާނާގެ ތަބީއަތަކީވެސް އެއީ އެވެ. އެންމެން ދެކޭ ގޮތް އެއްގޮތް ވާކަށް ވެސް ނުޖެހެއެވެ. މިއަދު ތިބާގެ ދިރިއުޅުމަށް ކުރީގެ ލޯބިވެރިޔާގެ ހިޔަނި ނޭޅޭނަމަ އޭނާއާ އެކުވެރިކަން ބޭއްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިހާރުގެ ދިރިއުޅުމަށް ހުރަސް އެޅި މިހާރުގެ ލޯބިވެރިޔާއަށް ބޭވަފާތެރި ވެވޭ ނަމަ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.

Ads by Allied Insurance
  1. މީ މަ

    ކަޓިންބޯޑު މަތީ ތޫނުވަޅިއަކުން ތަރުކާރީ ކޮށަން އެނގޭ މީހެއްގެ އަތް ކެންޑުމުގެ ފުރުސަތެއްނެތް! ނަމަވެސް އެކަން ކުރްންވާމިންގަންޑާއި ގޮތް ފޮތް ނޭނގިއްޖެންމަ، މީހާ މުޅިންކޮށި ފަނާވެދާނެ…