ކޯވިޑް19 ޖެހިގެން މަރުވި ނަރުހެއްގެ ހަށިގަނޑު އާއިލާއަށް ވެސް ނުފެނުނު
އެމެރިކާގެ މެންހެޓަން ގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހަކަށް ވައިރަސް ޖެހިގެން މަރުވުމުން އޭނާގެ ހަށިގަނޑު ވެސް އާއިލާއަށް ނުފެންނަ ކަމަށް އެއާއިލާއިން ބުނެފިއެވެ.
ޑެއިލީ މެއިލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 48 އަހަރުގެ ކެލީ މަރުވެފައިވަނީ މައުންޓް ސިނާއި ހޮސްޕިޓަލް ގައެވެ. އޭނާ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ކޮރޯނާ ވައިރަސް ޖެހުނު މީހުންނަށް ފަރުވާ ދިނުމުގައި އުޅެނިކޮށް އޭނާ ވެސް އެބައްޔަށް ޕޮސިޓިވްވެގެންނެވެ.
ކެލީގެ އާއިލާއިން ބުނި ގޮތުގައި ކެލީ ވީ ތަނެއް ނުވަތަ ކެލީގެ ހަށިގަނޑު ވީ ތަނެއް ވެސް ނޭނގެއެވެ. ކަން ވަމުންދާ ގޮތް އެއްވެސް ވަރަަކަށް ނޭނގޭ ކަމަށް ވެސް ކެލީ ގެ ދައްތަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ހުރިހާ ކަމެއް ހިނގައިދިޔައީ ވަރަށްވެސް އަވަހަށް ކަމަށާއި ކެލީ ވައިރަހަށް ޕޮސިޓިވި ވާހަކަ ބުނުމަށް ފަހު ތިން ދުވަސް ފަހުން އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރ އޮތް ވާހަކައާއި އެއްވެސް ވަރަކަށް ވާހަކަ ދައްކާ ނޫޅެވޭ ވާހަކަ މެސެޖު ކުރި ކަމަށް ވެސް ކެލީ ގެ ދައްތަ ޝެރޮން ބުނެފައިވެއެވެ.
" އޭގެ ހަ ދުވަސް ފަހުން ލިބުނީ ކެލީ މަރުވި ހަބަރު " ޝެރޮން އިތުރަށް ބުނެފައިވެއެވެ.
ކެލީއަކީ ވަރަށް ހިތްވަރުގަދަ އަދި ފަހުވަގުތާއި ޖެހެންދެންވެސް މަސައްކަތްކުރާނެ މީހެއް ކަމަށް ބުނަމުން ޝެރޮން ބުނީ އެންމެ ދެރަވަނީ ފަހު ފަހަރަށް އޭނައާއި ބައްދަލުކޮށްލުމަށާއި މަރުވުމަށް ފަހު މޫނު ވެސް ބަލާލަން ވެސް ފުރުސަތު ނުލިބުމުންނެވެ.
ކެލީ އަކީ މައުންޓް ސިނާއި ހޮސްޕިޓަލް ގައި ނަރުހުންގެ އެސިސްޓެންޓް މެނޭޖަރެކެވެ. އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ޑޮކްޓަރުންނާއި ނަރުހުން ގައުންގެ ގޮތުގައި ކަޅު ކުލައިގެ ޑަސްބިން ކޮތަޅުތަކެއް ބޭނުން ކުރުމުން މީހުންގެ މެދުގައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ. ރައްކާތެރިވުމުގެ ގޮތުން ޑަސްޓްބިން ކޮތަޅު ބޭނުން ކުރަން ޖެހުނީ ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރާ މާސްކާއި ގައުން ފަދަ ތަކެތި ހުސްވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.