8355 މީހުން މަސްތުވާތަކެތި ބޭނުންކުރިކަމުގެ މައްސަލަ
މިދިޔަ 5 އަހަރު ތެރޭގައި 8355 މީހުން މަސްތުވާތަކެތި ބޭނުން ކުރިކަން ހާމަވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ ރާއްޖޭގައި ދުނިޔޭގެ މާކެޓްގައި އުޅޭ ހުރިހާ ބާވަތެއްގެ މަސްތުވާތަކެތި ބޭނުން ކުރެވޭ ކަމަށެވެ.
"ޓްރެންޑް އެބަ ބަދަލުވޭ. ޕާތީ ޑްރަގްސް ބޭނުންކުރާ މިންވަރުވެސް ބަދަލުވޭ އެބަ."
ނާހިދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލާގައި 8355 މީހުންގެ ތެރެއިން 7961 ފިރިހެނުންނާއި 394 އަންހެނުން ހިމެނޭ ކަމަށެވެ.
އަދި ރާއްޖޭގައި އެންމެ ގިނައިން މަސްތުވާތަކެތި ބެނުންކުރާ އުމުރަކީ، އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް ނާޙިދު ވިދާޅުވި އެވެ. ދެން ގިނައީ އުމުރުން 35 އަހަރާއި 55 އަހަރުގެ މީހުން ކަމަށާއި، ދެން އެންމެ ގިނައީ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުންކަމަށްވެސް ނާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން ވިދާޅުވީ މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރާ ބިދޭސީން ފޮނުވާލުމަކީ ފަސޭހަކަމަކަށް ނުވިނަމަވެސް މިހާރު ވަރަށް ފައިސޭހައިން އެފަދަ މީހުންވެސް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައުމަށް ހުށައަޅާފައިވާ އިސްލާހުތަކާއެކު މި މައްސަލަ ހައްލުކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެކަމަށް އުއްމީދުކުރަން"
މަސްތުވާތަކެތީގެ މައްސަލައަކީ ދުވަސްވީ ބޮޑު މައްސަލައަކަށްވާއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނޭޝަނަލް ޑްރަގް އެޖެންސީ އިން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.
އެގޮތުން މަސްތުވެގެން މަގުމަތީގައި އުޅޭ މީހުންނާއި ސަލާން ޖަހަން އުޅޭ މީހުން ރިމާންޑް ސެންޓަރުތަކަށް ގެންދަން ފަށާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފަ އެވެ. އދ ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްއާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ.
ނޭޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރު އެވެ.