ދުނިޔެ

އިޒްރޭލާ ގުޅުން ބަދަހިކުރާ އަރަބި ގައުމުތަކުގެ ލިސްޓަށް އިތުރު ނަމެއް، މިފަހަރު ބަހުރެއިން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބަހުރައިނުން ވެސް އިޒްރޭލާ ގުޅުން ބަދަހި ކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލްޚަލީފާ އާއި ދެމީހުންނާއި އެއްކޮށް ފޯނުން ކުރެއްވި މަޝްވަރާއަށް ފަހު އެމެރިކާގެ ރައީސް އިއްޔެ ވަނީ ބަހްރެއިންގެ މި ނިންމުން އިއުލާން ކޮށްފައެވެ.

މިއީ މެދު އިރުމަތީގެ ހަމަޖެހުން ގާއިމު ކުރުމަށް އެޅިގެން ދިޔަ ފުރުސަތެއް ކަމަށް ބުނެ އެކުވެރި ޢަރަބި އިމާރާތުން ވެސް ވަނީ ބަހުރެއިންގެ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ.

ބަހުރައިންއާއި އިޒްރޭލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ވައިޓް ހައުސްގައެވެ. މިފަދަ އެއްބަސްވުމެއް މިދިޔަ މަހު އަރަބި އިމާރާތާއި އިޒްރޭލާ ދެމެދުގައި ވެސް ވަނީ ގާއިމް ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަރަބި އިމާރާތާއި އިޒްރޭލުން ވަނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފަށާފައެވެ. ހަމައެހެންމެ އަރަބި އިމާރާތުގެ އެދުމަށް މި ދަތުރުތަކަށް ބަހުރެއިންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެގައުމުން ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަރަބި އިމާރާތާއި އިޒްރޭލުން ގުޅުން ބަދަހި ކުރުމާއި ގުޅިގެން އެކަމަށް އިސްލާމީ ގައުމުތަކުގެ ބައެއް ލީޑަރުން ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އިޒްރޭލަކީ ބާރުގަދަ ގައުމެއް ނަމަވެސް ފަލަސްތީނަށް ފުރިހަމަ މިނިވަން ކަމެއް ނުލިބެނީސް އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ވަނީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އިޒްރޭލާއި އަރަބި އިމާރާތް ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ ސިފަ ކުރެއްވީ އެއީ އަރަބި އިމާރާތުން އިސްލާމީ އުއްމަތަށްވީ ބޭވަފާތެރިކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!