އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު އެކުލަވާލާފައިވާ ގޮތުން ފެންނަނީ ރައްޔިތުން މަޖިލިސް މެމްބަރުންގެ ބާރު ކެނޑިފައިވާ މަންޒަރު ކަމަށާއި މިއީ ބިރުވެރި ކަމެއް ކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
މެމްބަރު އަމީން މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ބައްދަލުވުމުގައި ބަޖެޓާ ގުޅިގެން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ބަޖެޓުގައި ޕީއެސްއައިޕީގެ އެއްވެސް ޕްރޮޖެކްޓެއްގެ މައުލޫމާތު ހިމެނިފައިނުވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ އަދި ބަޖެޓު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާރު ކެނޑޭ ގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓު އޮތްތަން. މީ ވަރަށް ބިރުވެރި ވާހަކައެއް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ބަޖެޓުގައި ޕީއެސްއައިޕީގެ މައުލޫމާތު ހިމަނާފައި ނެތުމުން ޕްރޮޖެކްޓަކާ ގުޅިގެން މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ. ބަޖެޓުގައި ޕްރޮޖެކްޓުގެ އަދަދާއި ކޮން ރަށެއްގައި، ކޮންއިރަކު ހިނގާނެ ޕްރޮޖެކްޓެއްކަން ސާފުވާން ނެތް ކަމަށެވެ. ވުމާ އެކު އެކަން ސާފު ކޮށްދޭން ޖެހޭކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފުސީލު ނެތްކަން ފާހަގަކުރައްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ބަޖެޓުގައި އެ މައުލޫމާތު ނެތުމުން، މިހާރު ހުރި ވަރަށް ވުރެ އިތުރަށް އެ މައުލޫމާތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވަނީ ޕީއެސްއައިޕީގެ ތަފުސީލު ދިނުމަށް ފިނޭންސް މިނިސްޓަރަށް ގޮވާލައްވާފަ އެވެ.
"2025 ވަނަ އަހަރަށް 12.4 ބިލިއަން ރުފިޔާ އެބައޮތް ޕީއެސްއައިޕީގެ ގޮތުގައި ބަޖެޓު ފޮތުން ފެންނަން އެބައޮތް. ތަފުސީލެއް ނެތް. ކޮންކަމަކަށްތޯ، ކިހިނެއްތޯ 12.4 ބިލިއަން ރުފިޔާ ގެނެސްފައި އޮތީ. އެ ތަފުސީލު އަޅުގަނޑުމެން އެބަ ބޭނުންވޭ،" ނާޒިލް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެކަމުގެ ތަފުސީލު ހޯދަން ލިޔުމުން ވެސް އެދޭނެ ކަމަށެވެ. އަދި މިނިސްޓަރާ ކޮމިޓީގައި ސުވާލު ކުރެވޭއިރު އެ ތަފުސީލަށް އެދިވަޑައިގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.