މީޑިއާ ކައުންސިލުގެ އެވޯޑާ މެދު އޮތް އިތުބާރު ގެއްލިއްޖެ: އެމްޖޭއޭ
މީޑިއާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިންނަށް ދެމުން އަންނަ އެވޯޑާ މެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީޑިއާ ކައުންސިލުން ދިން 11 ވަނަ ނޫސްވެރިކަމުގެ އިނާމާ ގުޅިގެން ހިނގާފައިވާ ކަންކަމުގެ ސަބަބުން އެ ކައުންސިލާއި ފަނޑިޔާރުންނާއި މުޅި އެވޯޑުގެ އިންޓަގްރިޓީ ގެއްލިފައިވާ ކަމަށް ބުނެ އެމްޖޭއޭއިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ވަނީ އިންވެސްޓިގޭޓް ދާއިރާގެ ވީޑިއޯ/އޯޑިއޯ ބައިން އެވޯޑް އަދަދު ނޫހުން ތައްޔާރުކޮށްފައިވާ "ޖީ ސްކިލަން" ޑޮކިއުމެންޓަރީ އަށް ލިބުމާ ގުޅިގެން އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އޭނާ އަދާކުރަމުން އައި ވަޒީފާ އިން ވަކިކުރުމާއި، އަލުން އޭނާގެ ވަޒީފާ އިއާދަކުރުމާއި އެކު ކައުންސިލުގެ ލެޓާހެޑްގައި އަމިއްލަ ނަމުގައި ނެރުނު ބަޔާނާއި އެ ބަޔާނުގެ ހުރި ބައެއް ވާހަކަތަކާ އެއާ ވިދިގެން ފަނޑިޔާރުން ނެރުނު ބަޔާނުގައި ހުރި ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"....ބަޔާނުގައި ހުރި ކަންކަމުގެ ސަބަބުން މީޑިއާ ކައުންސިލުން ދެމުން އައި އެވޯޑާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ވަނީ ގެއްލިފައި" އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ އެ ބަޔާންތަކަކީ ސަރުކާރުގެ ވަޒީފާގައި އުޅޭ ފަނޑިޔާރުން ވަޒީފާގެ ބިރަށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
"މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބާއްވާ ނޫސްވެރިންގެ އިނާމަށް ނާޖާއިޒު ނުފޫޒު އިތުރަށް ވަނުމާއި އެ އިރެއްގައި އޮންނަ ސަރުކާރަކަށް ފާޑުކިޔުން އަމާޒުވާ ގޮތަކަށް ނޫސްވެރިން އުފައްދާ އުފެއްދުންތަކަށް އިންސާފު ކުރުމަށް ވެސް ހުރަސް އެޅިގެންދާނެ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ،"
ނޫސްވެރިކަމުގެ އެވޯޑުގައި އެންމެ ފުރިހަމަ ނޫން ކަންކަން ހުރި ނަމަވެސް އަދި ވާދަކުރާ ހުރިހާ ނޫސްވެރިންނަށް އެވޯޑް ނުލިބުނު ނަމަވެސް، އެ ކަންކަން އެއްފަރާތްކޮށް މި ދަނޑިވަޅުގައި ނޫސްވެރިން އެއްބައިވަންތަވެ ތިބުމަށް އެމްޖޭއޭއިން ގޮވާލި އެވެ.
އެމްޖޭއޭއިން ބުނީ އެވޯޑާ ގުޅިގެން ބައެއް ނޫސްވެރިންނަށް ސަރުކާރުގެ ބައެއް ފަރާތްތަކުގެ ފުރައްސާރަ އާ ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ލިބޭ ކަމަށެެވެ. ނޫސްވެރިން ލިޔާ ލިޔުމަކަށް ނުވަތަ އުފައްދާ އުފެއްދުމަކާ ގުޅިގެން އެ ނޫސްވެރިޔާއަށް ޓާގެޓްކޮށް އޭނާގެ ކްރެޑެބިލިޓީ ގެއްލުވާލަންކުރާ މަސައްކަތް އެމްޖޭއޭއިން ކުށްވެރިކުރި އެވެ.