ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައްޔިތުންނަށް ޓަކައި އިސްތިއުފާ ދޭން ވެސް ތައްޔާރު: މަޓޭ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) / ފޮޓޯ: މަޖިލިސް

ރައްޔިތުންނަށް ޓަކައި އިސްތިއުފާ ދިނުމަށް ވެސް އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގައި މަޓޭ ވިދާޅުވީ ސަރުކާރުން, ސަރުކާރު މެންބަރުންގެ ލޮލުގައި އަނދުން އަޅުވަން މިފަދަ ބަޖެޓެއް ހުށަހަޅަނީ ކީއްކުރަން ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އަށްޑިހަ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ބަޖެޓުގައި ޖަހައިފިނަމަ ބަޖެޓް 70 ނުވަތަ 100 ބިލިއަނަށް އަރައިގެން ދާނެ ކަމަށާއި އެއްވެސް މެންބަރަކު އެ މެންބަރެއްގެ ދާއިރާގައި ޖަހަން ބޭނުންވާ ޕްރޮޖެކްޓުތައް ނުޖަހާ ދޫކޮށް ނުލައްވާނެ ކަމަށެވެ.

"މި ބަޖެޓް ވެގެން މި ދަނީ ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުގައި އާދޭސްކުރަން މަޖުބޫރު ކުރުވަނިވި ބަޖެޓަކަށް. މި ބަޖެޓް ވެގެން މި ދަނީ މިނިސްޓަރުންގެ ފަހަތުން އާދޭސްކުރަން, ސަލާންޖަހަން ދާން ޖެހޭ ބަޖެޓަކަށް. މެންބަރު, މިނިސްޓަރު, ސަރުކާރުގެ ވެރިންގެ ފަހަތުން ސަލާންޖަހައި އާދޭސް ކޮށްގެން މެނުވީ އެއްވެސް ޕްރޮޖެކްޓެއް, އެއްވެސް މަޝްރޫއެއް ރަށެއްގައި ހިންގަން ނުލިބޭނެ ބަޖެޓަކަށް،"

ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ މި ބަޖެޓަކީ ފުރަތަމަ ފަހަރަށް އެ ދާއިރާގެ ރައްޔިތުން ބިކަ ކޮށްލާނެ ބަޖެޓަކަށް ވެގެންދާނެ ކަމަށާއި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފިކުރަށް ބަލައި ދާއިރާއެއް ބިކަކޮށްލައި، ނިކަމެތި ކޮށްލާނެ ބަޖެޓެއް ކަމަށެވެ. ބަޖެޓުގައި ކެންދޫ ދާއިރާގެ ރައްޔިތުންނަށް އެކައްޗެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ކެންދޫ ދާއިރާގެ ރައްޔިތުންގެ އަރިހުން އިންތިހާއަށް މާފަށް އެދެން ތިޔަ ރައްޔިތުން އެމްޑީޕީ މެންބަރަކު މި ފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވާ ދެއްވީތީ. 2025 ވަނަ އަހަރުގެ ބަޖެޓުގައި ހަމަ އެކައްޗެއް ވެސް ދާއިރާގެ ރައްޔިތުންނަކަށް ނެތް. އެހެންނަމަވެސް އަޅުގަނޑަށް ކުރެވުނު މަސައްކަތެއް މި ކަމުގައި ކުރާނަން. ރައްޔިތުން ބޭނުންކަމުގައިވާ ނަމަ އަޅުގަނޑު މި މަގާމުން އިސްތިއުފާ ދޭން ވެސް މި ހުރީ ތައްޔާރަށް،"

މަޓޭ ވިދާޅުވީ މި ބަޖެޓަކީ ރައްޔިތުން ބިކަކޮށް, ވިޔަފާރިތައް ފުޑާލާނެ ބަޖެޓެއް ކަމަށާއި މި ބަޖެޓަކީ ޓެކްސް ބޮޑު އަދި ދަރަނީގެ ބަޖެޓެއް ކަމަށެވެ.

ބަޖެޓް އޮތީ އާސަންދަ އާއި އަސާސީ ހިދުމަތްތަކުން ރައްޔިތުން ކުރިއަށް އޮތް އަހަރު ކޮންމެ ގޭބީސީއަކުން 50,000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާ ދެމެދުގެ އަދަދަކަށް ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. މިއީ ކޮވިޑުގެ ފަހުން ފުރަތަމަ ފަހަރަށް އާމްދަނީ ދަށަށް ދުއްވާލި ސަރުކާރުކަން ވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ކެންދޫ ދާއިރާއަށް ބޭނުންވާ މަޝްރޫއުތަކަށް އިޝާރާތްކުރައްވަމުން މަޓޭ ވިދާޅުވީ އިގުތިސޯދީ ހާލަތާ ނުބައްދަލުވާ ގޮތަށް ހަރަދު ބޮޑުވާ ގޮތަށް އަމަލުކޮށްފައިވާއިރު، މި އަހަރު މާލީ ކަންކަން މެނޭޖްކުރީ ވެސް ގޯސްކޮށް ކަމަށެވެ.

ބަޖެޓުގައި ހުރި ގޯސް ކަންކަން އިތުރަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުން ބޭނުންވާ ގޮތަށް ކަންކަން ފުއްދާލަން ހަދާފައިވާ ބަޖެޓެއް ކަމަށެވެ. ފާހަގަކުރެއްވީ ގިނަ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

އަސާސީ ޕެންޝަނުގެ އަދަދު ކުޑަކޮށްފައި އޮތުމުން އެކަމަށް ފާޑުވިދާޅުވެ، މަޓޭ ވިދާޅުވީ ކުރީގެ ރައީސުންނަށްދޭ އިނާޔަތްތަކާ އަދި އެފަދަ އެހެން ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތައް މަދުކޮށް, އުމުރުން ދުވަސްވީ މީހުންނަށް އެ ފައިސާ ދިނުން މާ ރަނގަޅުވާނެ ކަމަށެވެ.

ކޮންޓެންޖެންސީ ބަޖެޓުން ކައުންސިލުތަކަށް ދޭން ޖެހޭ ބްލޮކް ގްރާންޓް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވިނަމަވެސް ބަޖެޓު ފޮތުގައި އަދިވެސް ބްލޮކް ގްރާންޓް އޮތީ މަދުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ހަރަދު ކުޑަކުރަން ރާވާފައިވާ ކަންކަން ހާސިލުކުރުމުގެ ގާބިލުކަމެއް އަންނަ އަހަރުގެ ބަޖެޓުގައި ނެތް ކަމަށާއި ބަޖެޓުގައި އޮތީ ރައްޔިތުންނާއި ވިޔަފާރިތަކަށް އަތްބާނާ ހުސްކޮށްލާ ގޮތަށް ކަމަށެވެ. ޑެފިސިޓް ކުޑައޭ ބުނެ ހިސާބަށް ހަދަނީ މަކަރު ކަމަށާއި މިއީ މިހާތަނަށް ހުށަހެޅި ސިއްރުވެރި, ހީލަތްތެރި އަދި މަކަރުވެރި ބަޖެޓެއް ކަމުގައި މަޓޭ ސިފަކުރެއްވި އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ވަނީ ހިމަނާފަ އެވެ. އެ ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ އެކު، އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

Ads by Ooredoo
  1. ގަލަން

    ބަޖަޓެއްހަދައިގެން ކަންތައްކޮއްދެވޭނީ ކޮންމެހެން މެންބަރު ނުޖެހޭ ސަރުކާރައް ސަލާންޖަހަންދާން ސަރުކާރުން ކޮއްދޭނެ ހުރިހާކަމެއްވެސް އަދި ހުރިހާ ރަށަކައްވެސް

  2. ހުސޭނު

    ކޮންމެ މީހަކުވެސް އެމީހިކު އެދައްކާ ވާހަކަޔަކަށް ޖަވާބުދާރީވާން ޖެހޭނެދުވަހެއް
    އެބައޮތްކަން ހަނދުމަ ކުރެއްވުންއެދެމެވެ.