ސަރުކާރުން ކުރިއަށްގެންދިޔަ ގުޅީފަޅުން ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކޮށްފި އެވެ.
އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ، ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫގެ ދަށުން ޖުމްލަ 174 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ފުރަތަމަ ފިޔަވަހީގެ ދަށުން 2020 ވަނަ އަހަރުގެ މާޗު މަހު 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 132 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ނިންމާލާފަ އެވެ.
އޭގެ އިތުރުން، އެ މަޝްރޫއުގެ ތެރެއިން މިހާތަނަށް 2.66 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.
އެ މަޝްރޫއުއަކީ މާލޭގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މަޝްރޫއު ނިމުމުން، މާލޭގެ ބިމުގެ ބޮޑުމިނަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެ އެވެ. އަދި މި ސަރަހައްދުގައި ބޯހިޔާވަހިކަމާއި ވިޔަފާރީގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން 1347 ގޯތި ކަނޑަން ނިންމައި، ކުރީގެ ސަރުކާރުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރި މީހުންނާއި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުލުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ގުޅީފަޅުން ދޫކުރި ގޯތީގެ އަދަދާއި ބޮޑުމިން:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި