މެންބަރުންނަކީ ވިކޭ ބަޔަކަށް ވެގެން ތަރައްގީ ހާސިލެއް ނުވާނެ: ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގަނެވިއްކާ ބާޒާރެއްނަމަ ތަރައްގީ ހާސިލެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ގާނޫނު އަސާސީއަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ފަސް އިސްލާހެއްގެ މައްޗަށް ހުށަހަޅާފައިވާ އެ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ހަޔާތުގައި ގާނޫނު އަސާސީގައި އިސްލާހު ގެނައުމުގެ ފުރުސަތު ލިބެނީ މަދު ފަހަރަކުކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިއަދު ލިބިފައިވާ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ނާޒިމް ވިދާޅުވީ މިދިޔަ ސަރުކާރުން އެންޓި ޑިފެކްޝަން ގާނޫނުގެ ގޮތުގައި ފާސްކުރި ގާނޫނަކީ އެ ގާނޫނަށް ގާނޫނު އަސާސީގެ ބެލެނިވެރިކަން ލިބިފައި އޮތް ގާނޫނެއް ނޫން ކަމަށާއި އެ ގާނޫނަކީ އެއްވެސް ދަތެއް ނެތް ސިންގާއެއްގެ ގޮތުގައި ސިފަކުރެވިދާނެ ގާނޫނެއް ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ އެ ގާނޫނަށް ގާނޫނު އަސާސީ ބާރު އަދި ހިޔާވަހިކަން ލިބިދީފައި ނުވުން ކަމަށެވެ.
މިހާރު ހުށަހެޅިފައިވާ އިސްލާހަށް އެމްޑީޕީގެ މެންބަރުން އެއްބަސްނުވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކަން އެގޮތަށް ވަނީ އެ ޕާޓީއަކީ، ޕާޓީގެ މަތީފަންތީގައި ތަޅާ ފޮޅުމާއި ބައިބައިވުން އުފެދި, އަބަދުވެސް އިތުބާރު ނޯންނަ ޕާޓީއަކަށްވުމުން ކަމަށެވެ.
"ޕާޓީ އާއި ޕާޓީގެ ވެރިންނާ މެދު އިތުބާރު ނޯންނަ ބަޔަކު މިކަހަލަ އިސްލާހުތަކަށް ދެކޮޅު ހަދާނެ ކަމީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ކަމެއް،"
ނާޒިމް ވިދާޅުވީ މި ގައުމު މިހާރަށް ވުރެ ރަނގަޅު ހިސާބަކަށް ގެންދާ ނަމަ މަޖިލީހުގެ ތެރޭގައި އިތުބާރާއި ޔަގީންކަން ގާއިމުކުރަން ޖެހޭ ކަމަށެވެ.
"މަޖިލީހުގެ މެންބަރުންނަކީ ގަނެވިއްކާ ބާޒާރެއްގެ ގޮތުގައި އޮންނަ ތަނެއް ކަމަށް ވާނަމަ އަޅުގަނޑުމެންނަކަށް ހާސިލުކުރަން އުޅޭ ތަރައްގީއެއް ވެސް ހާސިލެއް ނުކުރެވޭނެ،"
މަޖިލީހުގައި މީގެކުރިން ހޭދަކުރި 4 ދައުރުގެ ތަޖުރިބާގެ އަލީގައި ނާޒިމް ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ބަދަލުވެގެން ދިޔައީ އެންމެ މެންބަރެެއްގެ ވޯޓުން ކަމަށާއި އެ މެންބަރު ހުރި ޕާޓީން އަނެއް ޕާޓީއަށް ވޯޓު ދެއްވުމުން ކަމަށެވެ.
ވޭތުވެދިޔަ މަޖިލީހުގެ ފަހު ދުވަސްކޮޅު 13 މެންބަރަކު އެ ޕާޓީން ވަކިވެގެން އެހެން ޕާޓީއަކަށް ގުޅުނުއިރު، އޭގެ ކުރީގެ މަޖިލީހުގައި 12 މެންބަރެއްގެ މައްސަލަ ސްޕްރީމް ކޯޓަށް ގޮސް ވަކިކުރެވިގެން ދިޔަތަން މާޒީން ނާޒިމް ކިޔައިދެއްވި އެވެ.
ނާޒިމް ވިދާޅުވީ އެގޮތަށް ކަންތައް ވާން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ މެންބަރުންތައް ވަކިވާނެ ހާލަތްތައް ކަޅާއި ހުދުން ބަޔާންކޮށްފައި އޮތުން ކަމަށެވެ.
ޕާޓީއެއްގެ ޓިކެޓެއްގައި ރައްޔިތުންގެ ކައިރިއަށް ހޮވުމުން އެހެން ޕާޓީއަކަށް ބަދަލުވުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ހުއްދަ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ މި ގާނޫނުން ސިޔާސީ ޕާޓީތަކަށް ހަމަ އެހެން ހުރެފައި މެންބަރުން ކަނޑާލުމުގެ ބާރު ނުލިބޭ ކަމަށާއި އެ މެންބަރަކު ޕާޓީން ވަކިކުރެވޭނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ކަނޑުގެ ސަރަހައްދު ބަޔާންކޮށްފައި އޮންނަ އޮތުމަށް އެއްވެސް ކަހަލަ ބަދަލެއް އަންނަ ކަމުގައިވަނީނަމަ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ލިބިގެން ކުރެވޭ ނޫނީ އެކަން ނުވާނެ ގޮތަށް އެ ބިލުގައި ހުށަހަޅާފައިވާ އިސްލާހަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ އެއީ ދިވެހިންގެ ގައުމިއްޔަތާއި އިގުތިސޯދު އަދި ލެޔާ ގުޅިފައިވާ ކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ އިސްލާހަށް ތާއީދުކުރުމާ ދޭތެރޭ އެއްވެސް މެންބަރަކު ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ހުށަހަޅާފައިވާ އިސްލާހުތައް ރަނގަޅު ގޮތުގައި ބަލައިގަތުމަށް ނާޒިމްގެ ވާހަކައިގައި އިލްތިމާސްކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ މިއީ ގެންނަން ލަސްވެފައި އޮތް އިސްލާހުތަކެއް ކަމަށާއި މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެންގޮސްގެން މަޝްވަރާކޮށްގެން ގެންނަން ޖެހޭ ބަދަލެއް ގެނެސް މަޖިލީހުގެ ތަޅުމުން ވީހާވެސް އަވަހަކަށް ފާސްކުރަން ހުށަހަޅުއްވާ ކަމަށެވެ.
ފުރަތަމަ ތިމާ އިސްލާހުވަމާތޯ