މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރަން ޝަރުތުކޮށް، ފިނޭންސުން ހުށަހެޅި ގޮތަށް ކޮމެޓީން ބަޖެޓު ފާސްކޮށްފި
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓަށް އުނިއިތުރެއް ނުގެނެސް، މަޝްރޫއުތަކުގެ ތަފްސީލު މަޖިލިހާ ހިއްސާ ކުރުމަށް ޝަރުތުކޮށް، އެ ބަޖެޓް މަޖިލިހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 39.7 ބިލިއަން ރުފިޔާ އެވެ. ޓެކުހުގެ ގޮތުގައި 29.2 ބިލިއަން ރުފިޔާ ލިބޭނެ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޓެކްސް ނޫން އާމްދަނީން 7.9 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ނާޒިމް ވަނީ ބަޖެޓަށް ޖެނެރަލް ރެކޮމެންޑޭޝަންތަކެއް ހުށަހަޅުއްވާފަ އެވެ.
ނާޒިމްގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމުތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުމާއި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނިންމާނެކަން އެނގޭނެ ލިސްޓެއް އަންނަ ފެބްރުއަރީ މަހުގެ ކުރިން މަޖިލިހަށް ފޮނުވުން ހިމެނެ އެވެ. އަދި މިހާތަނަށް ހިންގަން ސޮއިކުރި ޕްރޮޖެކްޓުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ ކަމަށް ލަފާކުރެވޭ މަޝްރޫއުތައް އެނގޭނެހެން އަންނަ މާޗު މަހުގެ ކުރިން ހުށަހަޅަން އެންގުން ހިމެނެ އެވެ. އޭގެ އިތުރުން މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލިހަށް ހުށަހަޅަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
ނާޒިމް ހުށަހެޅުއްވި ރެކޮމެންޑޭޝަންތަކާ އެކު ބަޖެޓު ފާސްކުރަން ތާއީދުކުރެއްވީ ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހީމް ޝުޖާއު އެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ ވޯޓާ އެކު ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް ބަޖެޓު ވަނީ ފާސްކޮށްފަ އެވެ.