ބޮލީވުޑް މުނިފޫހިފިލުވުން

ލޮކްޑައުންގައި ނިކް ޕްރިޔާންކާ ގެ އިސްތަށިގަނޑު ކޮށާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑާއި ގުޅިގެން ލޮކްޑައުން ކުރުމުން، ބޮލީވުޑްގެ ބައެއް ބަތަލާއިން ކުރިކަމަކީ އެމީހުންގެ އިސްތަށިގަނޑު ކޮށާ އެކަން މީސްމީޑިއާގައި ހާމަކުރުމެވެ.

Ads by MWSC

އެގޮތުން މަޝްހޫރު އެކްޓްރެސުން ކަމަށްވާ ޕޫޖާ ހެގްޑޭ، ކްރިތީ ސަނޮން އަދި އާލިއާ ބަޓް ވެސް ވަނީ އެމީހުންގެ އިސްތަށިގަނޑު ކޮށާލާފައެވެ. މިހާރު އެލިސްޓަށް ޕްރިޔާންކާ ޗޯޕްރާ ޖޯނަސް ގެ ނަން ވެސް މިވަނީ އިތުރު ވެފައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޕްރިޔާންކާ ބުނެފައިވަނީ އޭނާގެ އިސްތަށިގަނޑު ކޮށާލާ އާހެއަރ ސްޓައިލެއް ދިނީ އޭނަގެ "މަލްޓި ޓެލެންޓެޑް" ފިރިމީހާ ނިކް ޖޯނަސް ކަމަށެވެ.

މިއީ ނިތްކުރިއަށް އިސްތަށިކޮޅެއް ވެއްޓޭ ގޮތަށް ބަހައްޓާފައި އޭނާ އިސްތަށިގަނޑު ކޮށާލި ފުރަތަމަ ފަހަރު ކަމަށް ވެސް ޕްރިޔާންކާ ބުނެފައިވެއެވެ.

ޕްރިޔާންކާ އިސްތަށިގަނޑު ކޮށާލީ ގޭގައި ހުންނަން ޖެހޭތީ ފޫހި ވެގެނެއް ނޫނެވެ. އޭނާއަށް ޚާއްސަ ހަފްލާއަކަށް ޓަކައެވެ.

އޭނާވަނީ ފުރަބަންދުގައި ހުރި ދުވަސްތަކުގައި "އަންފިނިޝްޑް" ކިޔާ ފޮތެއް ލިޔެފައެވެ. މިވަގުތު އެމެރިކާ ގައި ފިރިމީހާ އާއެކު ދިރިއުޅެމުންދާ ޕްރިޔާންކާ ބުނީ، އެފޮތް ވަރަށް އަވަހަށް ނެރެން ހަމަޖެހިފައިވާ ކަމަށާއި އޭނާ ތައްޔާރުވަމުން ދަނީ އެކަމަށް ކަމަށެވެ.

ޕްރިޔާންކާ ދެން އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ރާޖް ކުމާރް ރާއޯ އާއެކު ކުޅޭ "ދަ ވައިޓް ޓައިގަރ" އިންނެވެ.

ކޮވިޑާއި ގުޅިގެން ޕްރިޔާންކާ އާއި ނިކް އިންޑިއާ އަށް ނުގޮސް އެމެރިކާ ގައި ތިބީ ދެމީހުންނަކީ ވެސް ފަސޭހައިން ބަލިވާ ދެމީހުންނަށް ވުމުން ކަމަށް ކުރިން ޕްރިޔާންކާ ވަނީ ބުނެފައެވެ. ނަމަވެސް "ޒޫމް" މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ޢާއިލާ އަށް ގުޅާ ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!