ސީޕީ ފުލުހުންނަށް އިލްތިމާސް ކުރެއްވީ މަތީ ތައުލީމުގެ ފުރުސަތުގެ ބޭނުން ހިފަން

މަތީ ތައުލީމުގެ ފުރުސަތުގެ ބޭނުން ހިފަން ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ސީޕީ އެހެން އިލްތިމާސް ކުރެއްވީ ރޭ ބޭއްވި ޕޮލިސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ އެކި ދާއިރާތަކުން ތަމްރީނާއި އުނގެނުމުގެ ފުރުސަތު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓުން މިހާރު ފަހިވެފައިވާ ކަމަށެވެ.
ގްރޭޑު 10 ނިންމައި ފުލުހުންގެ ހިދުމަތާ ގުޅުމަށްފަހު މާސްޓާސް ޑިގްރީ އާ ހަމައަށް ތައުލީމު ހާސިލުކޮށްފައިވާ އެތައް އޮފިސަރުންނެއް މިހާރު ވެސް ފުލުހުންގެ ހިދުމަތުގައި ތިބިކަން ފާހަގަކުރެއްވި އެވެ. ކޮލެޖް އޮފް ޕޮލިސިންގެ އިންޓޭކަށް ހުޅުވާލުމުން އެ ފުރުސަތުގެ ބޭނުން ހިފުމަށް ޒުވާނުންގެ ކިބައިން ސީޕީ އެދިވަޑައިގެންނެވި އެވެ.
"ފުލުހުންގެ ހިދުމަތުގެ ތެރެއިން ތިޔަ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހޯދާށޭ. ފޮރެންސިކް އެކްސްޕާޓަކަށް ނުވަތަ ކުޅަދާނަ އިންވެސްޓިގޭޝަން އޮފިސަރަކަށްވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ޕޮލިސް ކޮލެޖުން ހިންގި ހަތަރު ކޯހަކުން 297 ދަރިވަރުން ދަސްވެނިވެފައިވެ އެވެ. އެއީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ 208 ދަރިވަރުންނާއި ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުގެ 27 ދަރިވަރުންނާއި މާސްޓާސް އިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިން އެންޑް ސެކިއުރިޓީ) ކޯހުގެ 37 ދަރިވަރުންގެ އިތުރުން ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯހުގެ 25 ދަރިވަރުންނެވެ.